މި މަހު ސްރީ ލަންކާގައި އޮންނަ ރިޔާސީ އިންތިޚާބު ކަވަރުކުރުމަށް ސަންގެ ނޫސްވެރިޔަކު ފޮނުވާން ވެގެން ވިސާ ހޯދުމުގެ ކަންތަކުގައި އަމަލުކުރާންވީ ގޮތް ސާފުކުރުމަށް ފޮރިން މިނިސްޓްރީ އަށް ގުޅައިފީމެވެ. ފޮރިން މިނިސްޓްރީ އަށް ގުޅާން ޖެހުނީ މާލޭގައި ހުންނަ ލަންކާގެ އެމްބަސީ އަށް ފޮރިން މިނިސްޓްރީގެ ލިޔުމެއް ބޭނުންވާނެ ކަމަށް އެމްބަސީން ބުނީމަ އެވެ.
ފުރަތަމަ ގުޅީ މީޑިއާގެ ކަންތަކާ ހަވާލުވެވަޑައިގެން ހުންނަވާ ފަރާތަށެވެ. ބޭނުން ވެގެން މި އުޅޭ ކަންތަކުގައި އަމަލުކުރާންވީ ގޮތް އެބޭފުޅާ އަކަށް އެނގިވަޑައެއް ނުގަންނަވަ އެވެ. މީޑިއާއާ ސީދާ ބެހޭ ކަމަކަށް ނުވާތީ ކަމަށް ވެސް ވެދާނެ އެވެ. ދެއްވީ އެހެން ޑިޕާޓްމެންޓެއްގެ ނަންބަރެކެވެ.
އެ ނަންބަރަށް ގުޅައިފީމެވެ. ފޯނު ނެންގެވީ އަންހެން ބޭފުޅެކެވެ. އަޅުގަނޑު ގެ ސުވާލަކީ ސަންގެ ނޫސްވެރިޔަކު ލަންކާގެ ރިޔާސީ އިންތިޚާބު ކަވަރު ކުރާން ދާން ޖެހޭތީ ވިސާ ހޯދުމަށް އަމަލުކުރާންވީ ގޮތަކީ ކޮބައިތޯއެވެ؟ އެ މުވައްޒަފު ޖަވާބުދެއްވި އެވެ. ސަން މީޑިއާ އިން ޖެހޭނީ ލަންކާ އަށް ދާން ބޭނުންވާ މުވައްޒަފު ސަން ގައި އުޅޭ ކަމުގެ ލިޔުމެއް ހުށަހަޅާށެވެ. އެ ލިޔުމާ އެކު ސަން ގެ ރަޖިސްޓްރީގެ ކޮޕީއެއްގައި އިކޮނޮމިކް މިނިސްޓްރީގެ ތައްގަނޑު ޖަހުވަން ޖެހޭނެ އެވެ. އެއީ ސަން މީޑިއާ އަކީ އަސްލުގައި ވެސް ވުޖޫދުގައި އޮތް ތަނެއްތޯ ކަށަވަރުކުރުމަށް ޓަކަ އެވެ.
އަޅުގަނޑު ދެންނެވީމެވެ. ސަން މީޑިއާ އަކީ ވުޖޫދުގައި އޮތް ކުންފުންޏެއްތޯ ބެލޭނެ ފަސޭހަ ނިޒާމެއް މިއޮތް ފަދަ ޒަމާނުގައި ނެތީތޯ އެވެ؟ މިސާލަކަށް ސަރުކާރުގެ ވިއުގައިގެ ތެރޭގައި އޮންލައިންކޮށް ނުވަތަ އެ ނޫން ވެސް ގޮތެއް ނެތީތޯ އެވެ؟ ޚިދުމަތަށް އެދޭ ފަރާތުން އަނެއްކާ އެހެން މިނިސްޓްރީ އަކަށް ގޮސްގެން އެތަނުން ތައްގަނޑެއް ޖައްސުވަން ޖެހުމަކީ ޚިދުމަތުގެ ފަސޭހަ ކަމާ ބީރައްޓެހި ގޮތެއް ނޫންތޯ އެވެ؟
އެ މުވައްޒަފު ޖަވާބުދެއްވި އެވެ. އެއީ އެކަން އޮންނަ ގޮތެވެ. އެނޫން ގޮތަކަށް ނުވާނެ އެވެ. އަޅުގަނޑު އެހެން ގޮތެއް ހުށަހަޅައިފީމެވެ. ސަން މީޑިއާގެ ރަޖިސްޓްރީގެ އަސްލު ހުށަހެޅީމަ ކަމުދާނެތޯ އެވެ؟ އެއާއެކު ކޮޕީއެއް ވެސް ހުށަހެޅިދާނެ އެވެ. ނުވަތަ ކޮޕީއެއްގައި އަސްލާ އެއްގޮތް ކަމުގެ ތައްގަނޑު ޖަހައިގެން ގެންދިއުމުން ކަމުނުދާނެ ތޯ އެވެ؟ އެއީ ސަރުކާރުގެ އެހެން ތަންތަނަށް ވެސް ކަމުދާ ގޮތެއް ނޫންތޯ އެވެ؟ އެ މުވައްޒަފު ޖަވާބު ދިނީ ނުވާނެ ކަމަށެވެ.
އަޅުގަނޑު އެތައް ވާހަކައެއް ދެއްކުމުން އެބަ ގުޅަމޭ ވިދާޅުވެ ފޯނު ބާއްވަވައިފި އެވެ. އިރުކޮޅަކުން ގުޅުއްވައިފި އެވެ. ރަޖިސްޓްރީގެ އަސްލު އެންމެ ރަނގަޅު ކަމަށް ބުނެފި އެވެ. އެހެން ނަމަވެސް ސަން މީޑިއާގެ ލަންކާ އަށް ދާ މުވައްޒަފު ސަން މީޑިއާގައި އުޅޭ ކަމަށް ރާއްޖޭގެ މީޑިއާ ކައުންސިލުން ތައްގަނޑެއް ޖަހައިގެން ހުށަހަޅާން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. އެކަމުގެ ބޭނުމަކީ ކޮބައިތޯ އަޅުގަނޑު ސުވާލު ކޮށްފީމެވެ. ޖަވާބުގައި ވިދާޅުވީ އެއީ އެ މުވައްޒަފު ސަން މީޑިއާގައި އުޅޭކަން ކަށަވަރުކުރުމަށް ޓަކައި ކަމަށެވެ. އަޅުގަނޑު ޖަވާބުދީފީމެވެ. ރާއްޖޭގެ މީޑިއާ ތަކުގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުން މީޑިއާ ކައުންސިލުގައި ރަޖިސްޓްރީ ކުރާން ޖެހޭ ގާނޫނެއް އަދި ގަވައިދެއް ނޯވެ އެވެ. އަދި ރާއްޖޭގެ ނޫސްވެރީން ތިބެނީ މީޑިއާ ކައުންސިލުގައި ރަޖިސްޓްރީ ކޮށްފައެއްވެސް ނޫނެވެ. ރާއްޖޭގެ މީޑިއާ ތަކުގައި މަސައްކަތް ކުރާ ނޫސްވެރިން މީޑިއާ ކައުންސިލަކަށް ނުވެސް އިނގޭނެ އެވެ. ވީ އިރު އެ މީހުންނަށް ނޭނގޭ ކަމެއް އެންޑޯސްކޮށްދެވޭނީ ކިހިނެއްތޯ އެވެ؟
އެ މުވައްޒަފު ޖަވާބުދެއްވި އެވެ. އެހެން ނަމަވެސް އެއީ ހަމަޖެހިފައި އޮންނަ ގޮތެވެ. އެ ނޫން ގޮތެއް ނެތެވެ. އަޅުގަނޑު ބުނީމެވެ. ޝުކުރިއްޔާ އެވެ. އަޅުގަނޑުމެން ހަމަޖެހިފައި އޮންނަ ގޮތަށް ކުރިޔަށް ގެންދާނަމެވެ. ސަން މީޑިއާ އަކީ ވުޖޫދުގައި އޮތް ތަނެއްކަން ސާބިތުކުރުމަށް އިކޮނޮމިކް މިނިސްޓްރީން ވެސް ތައްގަނޑު ޖަހުވާނީ އެވެ. މީޑިއާ ކައުންސިލަށް ނޭނގޭ ކަމެއް ނަމަވެސް އެ މީހުން ލައްވައި ވެސް އެނގޭ ކަމުގެ ތައްގަނޑު ޖަހުވާނީ އެވެ.
އަޅުގަނޑުގެ މިފަހަރުގެ ކޮލަމުގައި މި ވާހަކަ މިފާހަގަކޮށްލީ މި ފަދަ ކިތަންމެ ކަމެއް ޚިދުމަތުގެ ދާއިރާއިން ފެންނާތީ އެވެ. މި ޒަމާނުގައި މި ފަދަ ޚިދުމަތް ތަކަކީ މިއަށް ވުރެ ފަސޭހަކަމާ އެކު ލިބޭން ޖެހޭނެ ޚިދުމަތްތައް ކަމަށް ވާތީ އެވެ. އުވާލާފައި ހުންނަ ކުންފުނި ތަކާއި ވުޖޫދުގައި ހުރި ކުންފުނި ތަކަކީ ކޮބައިކަން ސާބިތުކުރުމަށް ޚިދުމަތް ހޯދާ މީހާ ކޯޓަކުން ތައްގަނޑު ޖަހަން ޖެހޭ ވަރަށް ވުރެ ފަސޭހަ ނިޒާމެއް މިހާރު އޮންނާން ވާނެ އެވެ. އޮންލައިން ނިޒާމެއް އޮންނަން ވާނެ އެވެ. ސަރުކާރުގެ މުއައްސަސާތައް ގުޅިފައި އޮންނަ ވިއުގައެއްގެ ތެރެއިން މިކަންކަން ފަސޭހަ ވާން ވާނެ އެވެ.
އަނެއް ނުކުތާ އަކީ ޚިދުމަތުގެ ދާއިރާ ފަސޭހަ ކުރުމުގެ ވިސްނުން އިސްކުރުމެވެ. ކަމެއް ޝަރުތު ކުރުވުމުގައި ލޮޖިކެއް އޮންނާން ވާނެ އެވެ. އޭގެ ބޭނުމެއް އޮންނާން ވާނެ އެވެ. ހަމަ އެކަނި ނަމެއްގައި ކަމެއް ޝަރުތުކުރުވުމުން އެއީ ޚިދުމަތް ހޯދާ މީހާއަށް އޮންނަ އުނދަގުލަކަށް ނޫނީ ނުވެ އެވެ. އޭގެ ބަދަލުގައި މި ފަދަ ކަށަވަރުކުރުންތައް ބެލެން ވާނީ ރަސްމީ ނިޒާމުގެ ތެރެއިންނެވެ. އެކަން އޮންނާން ވާނީ ޚިދުމަތް ދޭ ފަރާތުގެ ޒިންމާގެ ތެރޭގަ އެވެ. އެއީ ސަރުކާރުގެ ރަސްމީ ނިޒާމުގެ ތެރެއިން ކަށަވަރުކުރާން ޖެހޭ ކަމަކަށް ވާތީ އެވެ. މިއަދު މިރާއްޖެ ކުރިއަރާފައި މި އޮތް ފެންވަރަށް ބަލާ އިރު އެހާ ފަންވަރު މި ގައުމުގެ ހިއުމަން ރިސޯސްގައި ހުންނާނެ އެވެ.
ދެން އޮތް ނުކުތާ އަކީ ޚިދުމަތްދޭ ތަންތަނުގެ ޚިދުމަތުގެ ކޮށިގަނޑުގައި ތިބޭ މުވައްޒަފުންނާއި އޭގެ މައްޗަށް ތިއްބަވާ ބައެއް މުވައްޒަފުން ވެސް ޖަވާބުތައް ދެއްވާ އިރު ކަން އޮންނަ ގޮތް ރަނގަޅަށް ނުބައްލަވައި ޖަވާބުތައް ދެއްވުމެވެ. ނުވަތަ ކަން އޮންނަ ގޮތް އެނގިވަޑައިނުގެން ޖަވާބުދެއްވުމެވެ. ސަންގެ މިވެނި މީހަކު ސަންގައި އުޅޭ ކަމަށް މީޑިއާ ކައުންސިލުން އެންޑޯސް ކުރުވުމަށް ބުނުމަކީ އެފަދަ ކަމެކެވެ. އަދި ސަން މީޑިއާ އަކީ ވުޖޫދުގައި އޮތް ކުންފުންޏެއް ކަމަށް ސަރުކާރު ގަބޫލު ކުރާ ފަރާތަކުން، އަސްލާ އެއްގޮތް ކަމަށް ތައްގަނޑު ޖަހާފައި އޮތް ލިޔުމެއް ހުށަހެޅިޔަސް ގަބޫލު ނުކުރެވޭނެ ކަމަށް ވިދާޅުވުމަކީ ވެސް އަޅުގަނޑުގެ ނަޒަރުގައި ހަމަ އެފަދަ ކަމެކެވެ. އެއީ ސަރުކާރުގެ އެއް ތަނަކުން ކުރާ ކަމެއް އަނެއް ތަނަކުން ގަބޫލު ނުކުރާނެ ކަމަށް ބުން ފަދަ ކަމެކެވެ.
މި ކަންކަން ރަނގަޅު ކުރެވޭނެ އެވެ. ސަރުކާރުގެ ވިސްނުމަކީ ޚިދުމަތް ލިބިގަންނަ ރައްޔިތުންނަށް ފަސޭހަ ވެއްޓެއް ގާއިމު ކުރުމެވެ. ރައީސް ޔާމީން ވަނީ އެފަދަ ޚިދުމަތުގެ ވެއްޓެއް ގާއިމުކޮށްދެއްވުމަށް ގޮވައިލައްވައިފަ އެވެ. އެހެން ކަމުން މި ކަމުގައި ރައީސް ޔާމީން ނުވަތަ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ކުށްވެރި ކުރާނެ ޖާގައެއް ނެތެވެ. ނުގުޅޭ ކަންކަމުގައި އެ ހިސާބަށް ދާކަށް ނުޖެހެ އެވެ. މިފަދަ ގިނަ ކަންކަން މި ދަނީ އެއަށް ވުރެ މާ ދަށުންނެވެ. ބައެއް ފަހަރު ވެރީން ބަދުނާމުވެ، ވެރީން ގޯސް ވަނީ ކަންކަން ކުރާން ތިބޭ ބައެއް މުވައްޒަފުން ކަންކަން ކުރުމުގައި ރައްޔިތުންނަށް އެންމެ ފަސޭހަ މަގު އިޚުތިޔާރު ނުކުރާތީ އެވެ.
މިވާހަކަތައް މި ފާހަގަކޮށްލީ އެއްވެސް ބަޔަކު ގޯސްކުރުމުގެ ނިޔަތުގައެއް ނޫނެވެ. ކަންކަން ރަނގަޅު ކުރުވުމުގެ މަގުސަދުގަ އެވެ. އެހެން ކަމުން މި ވާހަކަތަކާ ހަވާލުވެވަޑައިގަންނަވާ ހުރިހާ ބޭފުޅުން ވެސް އެ ނިޔަތުގައި މި ލިޔުން ވިދާޅުވުމަކީ އަޅުގަނޑުގެ އެދުމެކެވެ.
މި ފަދަ އެހެން ބައެއް ކަންކަން ކުރިޔަށް ހުރި ކޮލަމު ތަކުގައި ގެނެސްދޭނަމެވެ. މީ ދެރަވަރު ކަންކަމެވެ. މިވާހަކަތައް މި ލިޔެލީ އެކަމާ ދެރަވެގެންނެވެ. މި ފަދަ ދެރަވަރު ޚިދުމަތްތަކުގެ ސަބަބުން ދެރަވާނެ ކިތަންމެ ބަޔަކު އުޅޭނެތީ އެވެ.