މިއަދު ހަވީރު 05:00 ގައި އަލްޖަޒީރާ ޓީވީން ދައްކަން ޝެޑިއުލް ކޮށްފައި އޮތް ސްޓީލިން ޕެރަޑައިސް ޕްރޮގްރާމް މާ އަވަހަށް ޔޫޓިއުބަށް އާންމު ކުރުމުން އަވަހަށް ބަލައިލީ އޭގެން ރާއްޖޭގައި ހިންގާ ކަރަޕްޝަނާ ގުޅޭ ގިނަ ކަންތައްތަކެއް އެނގިގެން ދާނޭ ކަމަށް ހީކޮށްގެންނެވެ. އެ ޕްރޮގްރާމާ ގުޅޭ ގޮތުން އަޑު ފެތުރިފައި އޮތް ގޮތުން ނަމަ މަނީ ލޯންޑްރިން އާއި ކަޅު ފައިސާ، ދަބަސް ތަކުގައި މީހުންނަށް ބެހި ގޮތް އެކަން ކުރި ފަރާތްތަކުގެ އިންޓަވިއު ތަކާ އެކު ގެނެސްދޭނެ އެވެ. އަދި ކުރީން އެނގިފައި ނުވާ ގިނަ ކަންތައްތަކެއް އަލްޖަޒީރާ މި އިންވެސްޓިގޭޓިވް ރިޕޯޓުން ސާފު ހެއްކާ އެކު ދައްކައިދޭނެ އެވެ.
ގާތްގަނޑަކަށް 49 މިނެޓުގެ "ސްޓީލިން ޕެރަޑައިސް" ރިޕޯޓު އެއްކޮށް ބަލައިލުމުން އެނގުނު އެއް ކަމަކީ އެ ރިޕޯޓާ ގުޅޭ ގޮތުން ފެތުރި އަޑުތަކަށް އިތުރު ބާރެއް ލިބޭ އެއްވެސް ވާހަކައެއް ރިޕޯޓުން ނުފެނުނު ކަމެވެ. އެހެން ނަމަވެސް އަލްޖަޒީރާ ފަދަ ދުނިޔޭގެ އެންމެ މަތީފަންތީގައި ނޫސްވެރިކަން ކުރާ މީޑިއާއެއްގެ އިންވެސްޓިގޭޓިވް ރިޕޯޓަކުން ފެނުނު ޝައުގުވެރި ބައެއް ވާހަކަތައް ހިއްސާކޮށްލުން މުހިންމު ކަމަށް ދެކެމެވެ.
އެންމެ ފުރަތަމަ ކަމަކަށް ބަލާ އިރު ގެއްލިފައިވާ ނޫސްވެރިޔާއާ ގުޅޭ ގޮތުން ރައީސް ޔާމީން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަށް ފޮނުއްވި ކަމަށް ބުނާ ޓެކްސްޓް މެސެޖެއް އެ ރިޕޯޓުގައި ދައްކަ އެވެ. ރިޕޯޓު އާންމު ކުރެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި އުމަރު ނަސީރު ވަނީ އެފަދަ އެއްވެސް މެސެޖެއް ރައީސް ޔާމީން އޭނާއަށް ނުފޮނުއްވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވައިފަ އެވެ. މިއަދު އުމަރު ހުންނެވީ ރައީސް ޔާމީނާ ޗަލެންޖު ކުރައްވައި ރިޔާސީ ރޭހަށް ނުކުމެވަޑައިގެންނެވެ. އެހެން ކަމުން އަލްޖަޒީރާގެ ރިޕޯޓުގައި އެ ބުނާ މެސެޖަކީ ތެދެއް ކަމަށް ވާ ނަމަ، އެކަން އުމަރު ނަސީރު ދޮގުކުރައްވައި ރައީސް ޔާމީނަށް ސިޔާސީ ގޮތުން މަންފާއެއް ވާނޭ ކަމެއް މި ދަނޑިވަޅުގައި ކުރެއްވުމުގެ މަގުސަދެއް އޮންނާނޭ ކަމަކަށް ނުބެލެވެ އެވެ.
ރިލްވާނާ ގުޅޭ ގޮތުން ދެން އެ ރިޕޯޓުގައި ގެނެސްދީފައި ވާ މައުލޫމާތު ތަކަކީ ރާއްޖޭގެ މީޑިއާތަކުން ތަކުރާރުކޮށް ގެނެސްދީފައިވާ މައުލޫމާތު ތަކެވެ. ރާއްޖޭގެ މީޑިއާތަކުން އެ މައްސަލައިގެ މާ ތަފްސީލީ މައުލޫމާތުތައް ގެނެސްދީފައިވާކަން ފާހަގަކޮށްލަން ޖެހެ އެވެ.
ސްޓީލިން ދަ ޕެރަޑައިސްގެ މުޅި ރިޕޯޓު ފޯކަސް ކޮށްފައި އޮތީ އެމްއެމްޕީއާރްއެސް ތެރެއިންނާއި އެނޫން ގޮތްގޮތުން ވެސް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހިންގެވި ކޮރަޕްޝަނުގެ އަމަލުތަކުގެ މައްޗަށެވެ. އަދީބު އެ ފައިސާ ދައުރު ކުރުވި ކަމަށް ބުނާ ގޮތާއި އޭގައި ބައިވެރިވި ކަމަށް ބުނާ ބޭރުގެ ބައެއް ފަރާތްތައް ވެސް ރިޕޯޓުގައި ހިމަނައިފައިވެ އެވެ. އެމްްއެމްޕީއާރްސީ ތެރެއިން މި ވައްކަންތައް ހިންގި ގޮތުގެ ވެސް މާ ތަފްސީލީ ވާހަކަތައް ދިވެހި މީޑިއާގެ ފަތްފުށުތަކުން ފެންނަން ހުންނާނެ އެވެ.
ރިޕޯޓުގައި އެންމެ ޝައުގުވެރި ކަމަކަށް ފާހަގަވި އެއް ކަމަކީ، އަދީބުގެ މައްސަލައާ ގުޅިގެން މިހާރު ރާއްޖެއިން ބޭރުގައި ތިބި ބައެއް މީހުންގެ އިންޓަވިއު ތަކެވެ. އެމީހުންނަކީ ތަހުގީގަށް ބޭނުންވެ، އިންޓަޕޯލްގެ ނޯޓިސް ވެސް ނެރެފައިވާ މީހުންނެވެ. ނަމަވެސް އެ މީހުން ވަނީ ރާއްޖެއަށް ނައިސްފަ އެވެ. އެހެން ކަމުން އެމީހުންގެ ބަހެއް ވަނީ ރަސްމީ ސިފައެއްގައި ތަހުގީގަށް ނުލިބި އެވެ. އަލްޖަޒީރާގެ ރިޕޯޓުގައި ވަނީ އެ މީހުން ފައިސާ ހިފައިގެން އެކި ފަރާތްތަކަށް ދިޔަ ކަމަށާއި އެކި މީހުންނަށް އެކި އަދަދު ތަކުން އަދީބު ވިދާޅުވެގެން ފައިސާ ދިން ކަމަށް އަމިއްލަ އަށް އިއުތިރާފު ވެފަ އެވެ. މީ އެ މީހުންގެ ބަހެއް އިވުނު ފުރަތަމަ ފަހަރެވެ. މަންޒަރާ އެކުގަ އެވެ. އަމިއްލަ އިއުތިރާފެކެވެ.
މި ރިޕޯޓުގައި ކުރީގެ ރައީސް ނަޝީދާއި ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ އިންޓަވިއުތައް ހިމަނާފައިވާ އިރު އެ ބޭފުޅުން ވެސް އިތުރު އާ ވާހަކައެއް ދައްކަވައިފައެއް ނުވެ އެވެ. އެ ބޭފުޅުން މައިގަނޑު ގޮތެއްގައި ދައްކަވާފައި ވަނީ އަބަދުވެސް ދައްކަވަމުން ގެންދަވާ އެއްް ވާހަކަ ތަކެކެވެ. އެއީ ރައީސް ޔާމީނަކީ ކޮރަޕްޓް ވެރިއެއް ކަމަށާއި އެމަނިކުފާނަކީ ގޭންގްސްޓަރއެއް ކަމަށާއި މި ހުރިހާ ކަމެއްގެ އަޑީގައި ހުންނެވީ އެމަނިކުފާނު ކަމަށެވެ. އެހެން ނަމަވެސް އެ ވާހަކަތަކަށް އިތުރު ބާރެއް ލިބޭ ހެއްކެއް އަލްޖަޒީރާގެ ރިޕޯޓަކުން ނުފެނުނެވެ. ރައީސް ނަޝީދާއި ޑރ. ޖަމީލު އަދި އަލީ ވަހީދު ގެ މި ވާހަކަފުޅު ތަކަކީ ރާއްޖޭގެ މީޑިއާ ތަކުން ވެސް އެތައް ފަހަރަކު ރިޕޯޓުކޮށްފައިވާ ވާހަކަ ތަކެވެ. މާ ތަފްސީލުކޮށެވެ.
ސްޓީލިންގް ދަ ޕެރަޑައިސް ގައި ރައީސް ޔާމީންގެ ލޯންޗްކޮޅު ގޮއްވައިލި ހާދިސާއާ ގުޅޭ ގޮތުން ނުސީދާ ޖަޖްމެންޓެއް ނެރެފައި ވުމުން އެއީ ސުވާލު އުފެއްދިދާނެ ކަމެެއްގެ ގޮތުގައި ފާހަގަކޮށްލަން ޖެހެ އެވެ. ރިޕޯޓުގައި ބުނެދޭން އުޅެފައި ވަނީ އެއީ އެކްސިޑެންޓެއް ކަމަށެވެ. އެ ހާދިސާއާ ގުޅިގެން ގިނަ މައުލޫމާތު ތަކެއް ހާމަޔަށް ފެންނަން ހުރި އިރު އަލްޖަޒީރާގެ ރިޕޯޓުގައި ޖަޖްމެންޓް ނެރެފައި ވަނީ ހަމައެކަނި އެފްބީއައިގެ ރިޕޯޓުގެ މައްޗަށެވެ. އެއީ އެ ރިޕޯޓުގެ ނިންމުމުގައި ލޯންޗް ކޮޅުގެ ހާދިސާ އަކީ ސީދާ ގޮއްވައިލުމެއް ކަމަށް ސާފުނުވާ ކަމަށް އޮތަތީ އެވެ. ލޯންޗް ކޮޅުގެ ތަހުގީގަށް އެކި ގައުމު ތަކަށް ފޮނުވީ އެކި ސާމްޕަލް ކަމަށް ވެފައި އެ އެކި ގައުމު ތަކުގެ ހޯދުން ތަކުގައި ތަފާތު ހުރި އިރު، ހަމަ އެކަނި އެމެރިކާގެ އެފްބީއައި ގެ ރިޕޯޓުގެ މައްޗަށް ބަލައި އަލްޖަޒީރާއިން ޖަޖްމެންޓެއް ނެރެ ނުބައި މެސެޖެއް ދޭން އުޅުމަކީ ވެސް އަލްޖަޒީރާ ފަދަ ޗެނަލެއްގެ މި ރިޕޯޓާ މެެދު ސުވާލު އުފެދުނު ކަމެކެވެ. ނުވަތަ މި ރިޕޯޓު ހެދުމުގައި އިސްކޮށް އުޅުނު ޓީމުގެ މަސައްކަތާއި ނިޔަތާ މެދު ސުވާލު އުފެއްދިދާނެ ކަމެކެވެ. ސައޫދީންނާއި ސްރީލަންކާގެ ރިޕޯޓުގައި ހުރި ތަފާތުތައް ރިޕޯޓުން ބާކީ ކުރީ ކީއްވެ ކަމެއް ނޭނގެ އެވެ. އަދި ހަމަ އެހެންމެ މި ބޮން ތައްޔާރު ކުރި މީހުން އެމީހުންގެ ދުލުން އެވާހަކަތައް ކިޔައިދީފައިވާ އިރު އެވާހަކަތައް ވެސް ހިމަނާފައި ނެތީ ކީއްވެ ކަމެއް ނޭނގެ އެވެ.
ރާއްޖެއަށް 1.5 ބިލިއަން ޑޮލަރު ކޭޝްގެ ގޮތުގައި އެތެރެ ކުރި ވާހަކަ އަލްޖަޒީރާގެ ރިޕޯޓުގައި ހިމަނާފައިވާ އިރު އެ ކަމާ ގުޅޭ ގޮތުން ވެސް މި ރިޕޯޓުގައި ގެނެސްދީފައި ހުރި ހުރިހާ ވާހަކަ ތަކީ ރާއްޖޭގެ މީޑިއާތަކުން އެކި ދުވަސްވަރު ގެނެސްދީފައިވާ ވާހަކަތަކެވެ. މި ރިޕޯޓުން އެވާހަކައާ ގުޅޭ ގޮތުން ވެސް އާ ވާހަކައެއް ނުވަތަ އިތުރު ހެއްކެއް ނުވަތަ ޤަރީނާއަކަށް ފުދޭނެ އެއްވެސް ފެނިފައެއް ނުވެ އެވެ.
މި ފައިސާ ރާއްޖެއަށް އެތެރެކުރުމުގައި އެހީތެރިވެދިން ކަމަށް ބުނާ މީހެއްގެ ވާހަކަތަކެއް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެހެން ނަމަވެސް އެއީ ކިހާ ވަރެއްގެ އަސްލެއް ހުރި ވާހަކައެއް ކަމެއް ރިޕޯޓުން އެނގޭނެ ގޮތެއް ނުވިއެވެ. އެމީހާއާ ދެފަހަރަކު ވާހަކަ ދެއްކިތަން ވީޑިއޯއިން ފެނެ އެވެ. އެއް ފަހަރު ވާހަކަދައްކާފައި ވަނީ އިންވެސްޓަަރުންނަށް ވެގެންނެވެ. އަނެއް ފަހަރު ނޫސްވެރީންގެ ގޮތުގަ އެވެ. މި ދެފަހަރުން ކުރެ އެއްވެސް ފަހަރަކު އެމީހާ ދައްކާ ވާހަކައިން ރާއްޖެ އަށް އޭނާ އެ ފައިސާ ފޮނުވި ކަމެއް އަދި އޭގައި ރާއްޖެއިން ބަޔަކު ބައިވެރިވިކަމެއް އެނގޭވަރެއް ނުވެ އެވެ. ނުވަތަ އެވަރު ހެއްކެއް އެވާހަކައަކުން ނުލިބެ އެވެ.
ސްޓީލިން ޕެރަޑައިސްގެ ވާހަކަތައް އާންމު ވެގެން އައީ ރައީސް ޔާމީންގެ ކޮރަޕްޝަންގެ ވާހަކަ ތަކާއި މަނީ ލޯންޑްރިންގެ ވާހަކަތައް ފަޅާ އަރުވައިލާނެ ވާހަކަތަކެއްގެ ގޮތުގަ އެވެ. އެހެން ނަމަވެސް ރައީސް ޔާމީނާ ގުޅޭ ގޮތުން މި ރިޕޯޓުން ތަފާތު އެއްވެސް ވާހަކައެއް ނުފެނުނެވެ. ރިޕޯޓުގެ އިންޓަވިއު ތަކުގައި ހިމަނާފައި ހުރި ބައެއް އިންޓަވިއު ތަކަކީ ރައީސް ޔާމީންގެ ސަރުކާރު ނިމުމަކަށް ގެނެސް އިންތިގާލެއް ސަރުކާރެއްް ގާއިމު ކުރުމަށް ގޮވާލައި އެކަމަށް ޓަކައި ކެމްޕޭން ކުރަމުންދާ ބޭފުޅުން ކޮޅެއްގެ ވާހަކަ ތަކެވެ. ދެން ހުރި ބައެއް އިންޓަވިއު ތަކަކީ ތަހުގީގަށް ބޭނުން ވެގެން އިންޓަޕޯލްގެ ނޯޓިސް ނެރުމުން ވެސް ރާއްޖެ ނައިސް ތިބި ބައެއް ވާހަކަ ތަކެވެ. އެއީ އަހުމަދު އަދީބުގެ ގާތް ބޭފުޅުން ކޮޅެކެވެ. އެ ބޭފުޅުންގެ އިންޓަވިއުތަކުގައި ވަނީ އެކަމަށް އިއުތިރާފުވެސް ވެފަ އެެވެ.
ރައީސް ޔާމީނާ ގުޅޭ ގޮތުން މި ރިޕޯޓުން ފެނިގެންދާ ޗެކުގެ ވާހަކަ އަކީ ރާއްޖޭގެ މީޑިއާގެ ފަލަ ސުރުޚީ ތަކުން ތަކުރާރުކޮށް ޖާގަ ހޯދައި ބާވެފައިވާ ވާހަކަ އެކެވެ. ސްޓީލިން ޕެރަޑައިސް ރިޕޯޓުގައި ވެސް އެ ޗެކުގެ ވީޑިއޯއެއް ދެއްކުން ފިޔަވައި އާ ވާހަކައެއް ނުވަތަ އެއީ ރައީސް ޔާމީން ބޭނުންކުރައްވާފައިވާ ފައިސާ ކަމަށް ސާބިތު ހިފޭނޭ އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
އަޅުގަނޑަށް ރާއްޖޭގެ މީޑިއާ އަކުން ރިޕޯޓު ނުކުރާ ވާހަކަ އަކަށް މުޅި ރިޕޯޓުން ވެސް ފެނުނީ އެންމެ ދެ ވާހަކަ އެކެވެ. އެއް ވާހަކަ އަކީ އޮޑިޓް އޮފީސް ރޯކޮށްލަން ޖެހޭ ކަމަށް ބުނެ އަދީބު ފުލުހަކަށް ފޮނުވި ކަމަށް ބުނާ މެސެޖެކެވެ. އަނެއް ވާހަކަ އަކީ އަދީބުގެ ގާތް ބައެއް ބޭފުޅުން އެމީހުން އަދީބު ދީގެން ފައިސާ ބެހި ކަމަށް ބުނެ ވެފައިވާ އިއުތިރާފެވެ.
ސްޓީލިން ޕެރަޑައިސް ރިޕޯޓުގެ ބޮޑު މަންޒަރުގެ ގޮތުގައި ފެނިގެން ދިޔަ އެންމެ ބޮޑު އެއްޗަކީ އަދީބު އިސްވެ ހުރެ "އޯގަނައިޒްޑް ކްރައިމް" ތަކެއް ހިންގަން އޭނަ ބާރު ހޯދި ގޮތެވެ. އެކަމަށް ފައިސާ ހޯދި ގޮތެވެ. ބާރު ހޯދުމަށް ޓަކައި ގައުމުގެ ހަރު މުދަލުން ވައްކަންކޮށް މިނިވަން މުއައްސަސާތައް އޭނާގެ މުށު ތެރެއަށް ގެންދާން ކޮށްފައި ހުރި މަސައްކަތްތަކެވެ. އޭގެ ތެރޭގައި އޮޑިޓަރު ޖެނެރަލްގެ އޮފީހާއި ފުލުސް އޮފީހާއި ޕީޖީ އަދި ޝަރުއީ ދާއިރާގެ ބައެއް ފަރާތްތައް ހިމެނިފައިވާ ގޮތް ދައްކައިދޭން ރިޕޯޓުގައި މަސައްކަތްކޮށްފައިވެ އެވެ.
ރައީސް ޔާމީންގެ ލޯންޗްކޮޅު ގޮއްވައިލި ހާދިސާ އަށް ފަހު، އެމަނިކުފާނު ދިވެހި ގައުމާ މުޚާތަބު ކުރައްވައި ދެއްކެވި ވާހަކަފުޅުތަކުގައި އަދީބުގެ މި ޢަމަލު ތަކުގެ ވާހަކަ ތަކާއި އަދީބު އެކި މުއައްސަސާތަކަށް ނުފޫޒު ފޯރުވާފައިވާ މިންވަރާއި އެ މުއައްސަސާތަކުން އެކަންކަމުގައި ބައިވެރިވެފައިވާ ވާހަކަވެސް ތަފްސީލުކޮށް ވިދާޅުވެފައިވެ އެވެ.
ޖުމުލަ ގޮތެއްގައި ބަލާ އިރު، ރައީސް ޔާމީނާ ގުޅޭ ގޮތުން ފަޅާ އަރުވައި ލާނެ ކަމަށް ބުނެ އިޝްތިހާރު ކުރި އެއްވެސް ވާހަކައެއްގެ އިތުރު ހެއްކެއް މި ރިޕޯޓުން ފެނިގެން ގޮސްފައެއް ނުވެ އެވެ. މުޅި ރިޕޯޓުގައި ހިމަނާފައި ހުރި ކަންތައް ތަކަކީ ރާއްޖޭގެ ބައެއް މީޑިއާ ތަކުން ވެސް ރިޕޯޓުކޮށްފައިވާ ވާހަކަ ތަކެވެ. ސާބިތު ހިފޭ މިންވަރަށް ހުރި އެއްވެސް ވާހަކައެއް ނުވަތަ މަންޒަރެއް ނެތެވެ. އާނއެކެވެ. އަލްޖަޒީރާގެ ސްޓީލިންގް ޕެރަޑައިސް އިން ވެސް ދިވެހި މީޑިއާއިން ގެނެސްދީފައި ނެތް ވާހަކައެއް ނުފެނުނެވެ.