"އެމްއީސީސީ އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމެންޓް" ނިންމާލައިފި

"އެމްއީސީސީ އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމެންޓް" މުބާރާތުގެ ތެރެއިން--ފޮޓޯ/އެމްއީސީސީ

ސްރީލަންކާގައި ދިރިއުޅެމުންދާ ދިވެހި ކުދިންނަށް އަމާޒުކޮށްގެން މޯލްޑިވްސް އެޑިއުކޭޝަނަލް އެންޑް ކަލްޗަރަލް ސެންޓަރު (އެމްއީސީސީ) އިން ބޭއްވި "އެމްއީސީސީ އިންވިޓޭޝަނަލް ފުޓްސަލް ޓޯނަމެންޓް" ކާމިޔާބު ކަމާ އެކު ނިންމާލައިފި އެވެ.

އެ މުބާރާތުގައި ތިން އުމުރު ފުރާއަކުން 13 ޓިމެއް ވަނީ ވާދަކޮށްފަ އެވެ. ތިން އުމުރުފުރާގެ ޗެމްޕިއަނުންނަކީ ވެސް އެމްއީސީސީ އެވެ. އެގާރަ އަހަރުން ދަށުގެ ޗެމްޕިއަންކަން އެމްއީސީސީ އިން ހޯދީ ފައިނަލުގައި އަލް އިމާން 2-1ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ. އެ ނުވަ އަހަރުން ދަށުގެ ޗެމްޕިއަންކަން އެޓިމުން ހޯދީ ފައިނަލުގައި ފްރޭޒާ އެކަޑަމީއާ ވާދަކޮށް 1-0ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. ސާދަ އަހަރުން ދަށުގެ ޗެމްޕިއަންކަން އެ ސެންޓަރުގެ ޓީމުން ގެންދިޔައީ ފްރެންޒާ އެކަޑަމީ 3-0 ބަލިކޮށްގެންނެވެ.

އެ މުބާރާތުގެ ވަނަ ވަނަ އަށް ދިޔަ ކުޅުނތެރިންނާއި ޓިމުތަކަށް އިނާމް ހަވާލުކޮށްދެއްވީ މުބާރާތުގެ ޝަރަފްވެރިމެހެމާން އެމްއީސީސީ ހިންގުމާ ހަވާލުވެހުންނެވި ދިވެހި އެމްބަސީގެ ތިން ވަނަ ސެކްރެޓަރީ އަބްދުއްރަޝީދު އާދަމް (އަދުރޭ) އެވެ.

އެމްއީސީސީން ބުނީ، އެ މުބާރާތް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ އެ ސެންޓަރުގައި ހިންގަމުންދާ ފުޓްބޯޅައިގެ ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމް (ވައިޑީޕީ)ގެ ކުދިންނަށް ތަޖުރިބާ ހޯދައިދީ، ކުޅިވަރުގެ ފެއާޕްލޭ ރޫހު ކުދިންގެ ކިބައިގައި އަށަގެންނުވުން ކަމަށެވެ.

އެމްއީސީސީގެ ވައިޑީޕީ ޓީމުތަކުގެ އިތުރުން މުބާރާތުގައި އަލް-އިމާން ސްކޫލާއި މަހާނަމަ ކޮލެޖް އަދި ފްރޭޒާ އެކެޑަމީގެ ޓީމުތައް ބައިވެރިވި އެވެ.

comment ކޮމެންޓް