އަންނަ މަހުގެ ދެވަނަ ދުވަހު އޮލިމްޕަސް ސްކްރީނަށް އަންނަ "މަލިކާ"،ފިލްމާ އެއްވަރަށް މި ފިލްމުގެ ޕްރިމިއާ ނައިޓް ވެސް ވަރަށް ތަފާތު އަދި އެހާމެ ސަޅިވާނެ ކަމަށް ފިލްމުގެ ޓީމުން ބުނެފި އެވެ.
ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) މިއަދު ސަން އަށް ބުނީ، އޮލިމްޕަހުގައި އަޅުވާ އެހެން ފިލްމުތަކުގެ ޕްރިމިއާ ނައިޓާ ހިލާފަށް "މަލިކާ"ގެ ޕްރިމިއާ ނައިޓް ވެސް ތަފާތުކުރަން ކަންތައްތަކެއް ކުރަމުންދާ ކަމަށެވެ.
"ސަން" އަށް ވާހަކަ ދައްކަމުން ނޫރު ބުނީ، މިހާރު އެންމެ ބޮޑަށް ތައްޔާރުވަމުންދަނީ ފިލްމުގެ ޕްރިމިއާ ނައިޓަށާއި އޭގެ ކުރިން ބާއްވާ ޕްރީ ޝޯގެ މަސައްކަތް ހަމަޖެއްސުމަށް ކަމަށެވެ. ނަމަވެސް އެރޭގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތައް އަދި އާންމެއް ނުކުރެ އެވެ.
"އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަނީ ރަނގަޅު ރެޑް ކަޕެޓެއް ދެވޭތޯ. ރެޑް ކާޕެޓް ވަރަށް ސަޅިވާނެ. މަގުމަތިން ގޮސް ރެޑް ކާޕެޓަށް އަރާ އިރު ތަފާތު ކަމެއް ކުރަން މި މަސައްކަތް ކުރަނީ،" ނޫރު ބުންޏެވެ.
ނޫރު ބުނީ، މިހާރު އެކަންކަން ކުރުމަށް މަޝްވަރާ ކޮށް ޕޮލިހުންނާ ވެސް ވާހަކަ ދައްކަމުންދާ ކަމަށެވެ. އަދި ކަންތައްތަކެއް ޕްރިމިއާ ނައިޓްގައި އޮތްކަމުގައި ވިޔަސް ވަރަށް އަވަހަށް އެރޭ ފިލްމް އަޅުވާނެ ކަމަށެވެ.
"ޕްރިމިއާ ނައިޓް ދިގުލައިގެން ނުގޮސް އަވަހަށް ފިލްމް އަޅުވާނަން ސްކްރީންގައި. އިރާދަކުރެއްވިއްޔާ ޕްރިމިއާގެ ކަންކަން ނިންމައި އެރޭގެ 9:30ގެ ކުރިން ބެލުން ތެރިންނަށް ފިލްމު ބެލޭނެ،" ޕްރޮޑިއުސަރު ނޫރު ބުންޏެވެ.
މާލެއާ އެއް ރެޔެއްގެގައި އަތޮޅު ތެރޭގައި ވެސް "މަލިކާ" އަޅުވަން ހަމަޖެހިފައިވާ އިރު ފިލްމުގެ ޓިކެޓް ވެސް ބާރަށް ވިކެމުންދާ ކަމަށް ނޫރު ބުންޏެވެ.
ބިންމާ އިބްރާހީމް ވަހީދުގެ އަސަރުގަދަ ސްކްރީންޕްލޭ އަކަށް، ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" އަކީ ޒުވާން ތަރިންތަކެއް ފެނިގެންދާނެ ފިލްމެކެވެ. މުހައްމަދު ޖުމައްޔިލް އާއި ފާތިމަތު އާޒިފާ އަދި އަލީ އާޒިމް އާއި ނީނާ ސަލީމުގެ އިތުރުން އިސްމާއީލް އާއި މަރިޔަމް ޝަކީލާގެ މޮޅު އެކްޓިން ފެނިގެންދާނެ މި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ފިލްމް އިންޑަސްޓްރީއަށް މުޅިން އަލަށް ތަޢާރަފްވި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ.