ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް ބުނެ އައިޝާ ޓާކިޔާއަށް ބޮޑެތި ފާޑުކިޔުންތަކެއް!

އައިޝާ ޓާކިއާ އެހާރާއި (ވ) މިހާރު (ކ) ---

އައިޝާ ޓާކިޔާ އަކީ އޭނާ ބޮލީވުޑަށް ނުކުތް ދުވަސްވަރު، ބޮލީވުޑުގައި ހުރި އެންމެ ރީތި އަންހެން ފަންނާނު ކަމަށް ގިނަ ބަޔަކު ގަބޫލު ކުރި އެވެ. އެއީ އައިޝާގެ ގުދުރަތީ ރީތިކަމުގެ ސަބަބުންނެވެ.

ނަމަވެސް އިއްޔެ މުމްބާއީގައި ކުރިއަށް ދިޔަ އިވެންޓެއްގައި އައިޝާ ބައިވެރިވެފައިވާ އިރު، އައިޝާގެ ރީތިކަމާ މެދު މީހުން ދެކެމުން އައި ގޮތް މިވަނީ މުޅިން ބަދަލުވެފަ އެވެ.

އިންޑިއާގެ ސިޔާސީ ލީޑަރެއް ކަމުގައިވާ އަބޫ އަޒްމީގެ ފިރިހެން ދަރިފުޅު ފަރްހާން އަޒްމީ އާ ކައިވެނި ކުރުމަށް ފަހު ފިލްމީ ދާއިރާ އާ ދުރަށް ގޮސްފައިވާ އައިޝާ އަށް މިހާރު ވަނީ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމުގެ ތުހުމަތު ކުރަން ފަށައިފަ އެވެ.

އިއްޔެ އައިޝާ ކެމެރާގެ ކުރިމައްޗަށް އެރި އިރު އޭނާ ފެނިގެން ގޮސްފައި ވަނީ މުޅިން ތަފާތު ކޮށެވެ. މީހާގެ ސިފަ މުޅިން ބަދަލުވެފައިވާ އިރު، އިވެންޓު ކަވަރު ކުރަން ގޮސް ތިބި ނޫސްވެރިންނަށް ވެސް އެއީ އައިޝާ ކަން ނޭނގުނު ކަމަށް ޚަބަރުތައް ބުނެ އެވެ.

އައިޝާ ޓާކިއާ ---

އައިޝާގެ މޫނުގެ ބައްޓަމުގެ އިތުރުން، އަނގަމައްޗަށް އައިސްފައިވާ ބަދަލުގެ ސަބަބުން، ކެމެރާއެއްގެ ކުރިމައްޗަށް ނާރާ އުޅުނު އަހަރުތަކުގައި އޭނާ ޕްލާސްޓިކް ސާޖަރީ ހަދާފައިވާ ކަމަށް މިހާރު ގިނަ ބަޔަކު އަންނަނީ ތުހުމަތު ކުރަމުންނެވެ.

ބޮލީވުޑުގެ ގިނަ އަދަދެއްގެ އަންހެން އަދި ފިރިހެން ފަންނާނުން ވެސް ސާޖަރީ ހަދާފައިވާ އިރު، އައިޝާގެ ސާޖަރީގެ ސަބަބުން ސިފަ ރީތިވުމުގެ ބަދަލުގައި، މީހާ މުޅިން ހުތުރުވެފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ އިއްތިފާގު ވަމުންނެވެ.

އައިޝާ ވަނީ އަލުން ފިލްމީ ދާއިރާ އަށް ނުކުތުމަށް ނިންމާފައިވާ ކަން ހާމަކޮށްފަ އެވެ. އަދި މި އަހަރުގެ ފަހުކޮޅު ފިލްމަކުން ފެންނާނެ ކަމުގެ އުފާވެރި ޚަބަރު އޭނާ ދީފައިވާ އިރު، އޭނާ އަށް އައިސްފައިވާ ބަދަލުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރަކީ އެއީ ކަމަށް ބެލެވެ އެވެ.

comment ކޮމެންޓް