މުޅި ދުނިޔެ ސިއްސުވާލައި، ލެސްޓާ ސިޓީގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު ކްލައުޑިއޯ ރަނިއޭރީ މަގާމުން ދުރުކޮށްފިއެވެ.
އުމުރުން 65 އަހަރުގެ ކޯޗު ރަނިއޭރީ، މިދިޔަ ސީޒަނުގެ ޕްރިމިއާ ލީގު އެކްލަބަށް ކާމިޔާބުކޮށްދިން ނަމަވެސް، މިސީޒަނުގައި ރަނގަޅު ނަތީޖާތަކެއް ނެރެދެވިފައެއް ނުވެއެވެ.
ލެސްޓާއިން އެންމެ ފަހުން ކުޅުނު ނުވަ މެޗުގެ ތެރެއިން އެޓީމު ވަނީ ހަތް މެޗުން ބަލިވެފައެވެ. އޭގެ ތެރޭގައި ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިދިޔަ ބުދަ ދުވަހު ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗު ހިމެނެއެވެ. ޕްރިމިއާ ލީގުގައި ލެސްޓާއިން މިހާރު ދަނީ ރެލިގޭޝަންގެ ބިރާ ކުރިމަތިލަމުންނެވެ.
ސެވިއްޔާއާ ދެކޮޅަށް ރަށުން ބޭރުގައި ކުޅެ 2-1 ލަނޑުން ލެސްޓާ ބަލިވި ނަމަވެސް، އެޓީމުގެ ފަރާތުން އެ މެޗުގައި ރަނގަޅު ކުޅުމެއް ފެނިގެންދިޔައެވެ. ލެސްޓާގެ ކޯޗުކަމުން ރަނިއޭރީ ދުރުކުރިއިރު، އެންމެ ފަހުން އޭނާގެ އިރުޝާދުގެ ދަށުން ލެސްޓާ ކުޅުނު މެޗަކީ ވެސް ސެވިއްޔާއާ ދެކޮޅަށް ކުޅުނު މެޗެވެ.
"ލެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމުން ރަނިއޭރީ ވާނީ ދުރުކޮށްފައި. އޭނާއަކީ ލެސްޓާގެ ތާރީހުގައި އެންމެ ކާމިޔާބު ކޯޗުކަމާމެދު އެއްވެސް ޝައްކެއް ނެތް. އެހެންނަމަވެސް ޕްރިމިއާ ލީގުގައި ލެސްޓާ އޮތް ހާލަތަށް ބަލާފައި ބޯޑުން ވަނީ އޭނާ މަގާމުން ދުރުކުރުމަށް ނިންމާފައި. މިއީ ކްލަބަށް ވަރަށް އުނދަގޫ ނިންމުމެއް،" ލެސްޓާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ލެސްޓާގެ ވައިސް ޗެއާމަން އައިޔަވަތު ސްރިވަދަނަޕްރަބާ ބުނީ، އެ ނިންމުމަކީ ކިންގް ޕަވާއިން ލެސްޓާއާ ހަވާލުވުމަށްފަހު ނިންމަން ޖެހުނު އެންމެ އުނދަގޫ ނިންމުން ކަމަށާއި އެކަމަކު ކްލަބުން ނިންމަން ޖެހޭނީ އެންމެ ރަނގަޅު ނިންމުން ކަމަށްވުމުން ރަނިއޭރީ މަގާމުން ދުރުކުރަން މަޖުބޫރުވީ ކަމަށެވެ. އަދި ރަނީއޭރީއަކީ ވަރަށް މޮޅު ކޯޗެއްގެ ގޮތުގައި ވެސް އޭނާ ފާހަގަކުރިއެވެ.
ރަނިއޭރީ ލެސްޓާއާ ހަވާލުވީ 2015 ވަނަ އަހަރު ޖުލައި މަހުގެ ތެރޭގައެވެ. ލެސްޓާގެ އިތުރުން ކުރިން ރަނިއޭރީ ވަނީ ނަޕޯލީއާއި، ފިއޮރެންޓީނާއާއި، ޕާމާއާއި، ޔުވެންޓަސްއާއި، އުންޓަމިލާނާއި، ވެލެންސިއާއާއި، އެތުލެޓިކޯ މެޑްރިޑާއި، ޗެލްސީއާއި، ރޯމާއާއި، މޮނާކޯ ފަދަ ކާމިޔާބު ކްލަބުތަކަށް އިރުޝާދުދީފައެވެ.