ވިކްޓަރީ-ގްރީންސްޓްރީޓް: ދަރިވަރާ އުސްތާޒުގެ ކުރިމަތިލުމަށްވުރެ ދެ ޓީމުގެ ކުރިމަގާ ގުޅޭ މެޗެއް

ގްރީން ސްޓްރީޓްގެ ކޯޗު މުހައްމަދު ސޮބާހް (ކ) ވިކްޓްރީގެ ކޯޗު އަލީ ސުޒޭން (ވ)-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކުރީގެ ޑިފެންޑަރު އަދި ކެޕްޓަން ސޮބާހް މުހައްމަދު (ސޮބާ)އަށް ފުޓްބޯޅައިގެ މައިދާނުގައި އެންމެ އެހީތެރިވެދިން، އެއް ފަރާތަކީ، ރާއްޖޭގެ އެންމެ ކާމިޔާބު އަދި ތަޖްރިބާކާރު ކޯޗުންގެ ތެރޭގައި ހިމެނޭ، މިހާރު ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗު އަލީ ސުޒޭން ކަމަށް އޭނާ އެއްބަސްވެއެވެ. އެހެން ނަމަވެސް މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވި ގްރީން ސްޓްރީޓް ގޮވައިގެން މާދަމާރޭ މާލޭ ލީގުގައި ސުޒޭންގެ ވިކްޓަރީއާ ދެކޮޅަށް ސޮބާ ނުކުންނައިރު އޭނާ ގަބޫލުރަނީ އެ މެޗަކީ އޭނާގެ އުސްތާޒަކާ ދެކޮޅަށް ކުޅޭ މެޗަކަށް ވުރެ ބޮޑަށް މި މުބާރާތުގައި ވާދަކުރާ އެންމެ ދުވަސްވީ އެއް ކްލަބާއި އެންމެ ހަގު ކްލަބުގެ ކުރިމަތިލުމެއްގެ ގޮތުގައެވެ.

ސޮބާގެ އިތުރުން ސުޒޭން ވެސް ބުނަނީ، މިއީ ދެޓީމަށް ވެސް ރަނގަޅު ޗެލެންޖެއްކަމަށާއި ނަމަވެސް ދެ ޓީމުގެވެސް ވިސްނުން ހުރީ ފުރަތަމަ މެޗުން ރަނގަޅު ނަތީޖާއެއް ހޯދުމަށް ކަމަށެވެ.

މާދަމާރޭ ގައުމީ ދަނޑުގައި ގްރީން ސްޓްްރީޓާ ދެކޮޅަށް ނުކުންނާނީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ވިކްޓަރީ ސްޕޯޓްސް ކުލަބެވެ. ވިކްޓަރީގެ ބެންޗުގައި އެޓީމަށް އިރުޝާދު ދިނުމަށް ހުންނާނީ ސޮބާ ވިކްޓަރީއަށް ކުޅުނުއިރު އެޓީމަށް އިރުޝާދުދިން ތަޖުރިބާކާރު ކޯޗު އަލީ ސުޒޭނެވެ.

މާދަމާގެ މެޗަކީ ސޮބާހް، ސުޒޭނާ ދެކޮޅަށް ކޯޗެއްގެ ގޮތުގައި ނިކުންނަ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިން 2015 ވަނަ އަހަރު އޭނާވަނީ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ނިއުރޭޑިއަންޓް ގޮވައިގެން އޭރު ސުޒޭން އިރުޝާދު ދެމުންދިޔަ މާޒިޔާއާ ދެކޮޅަށް ކުޅެފައެވެ. އެފަހަރު ނިއު 3-1 ބަލިކޮށް ކަޕް ގެންދިޔައީ މާޒިޔާއިންނެވެ.

މާލޭ ލީގުގައި މާދަމާ ރޭ ކުޅޭ މެޗާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހު އެފްއޭއެމް ހައުސް ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސޮބާހް ބުނީ ވިކްޓަރީ ވެއްޓިފައިވާ ވަޅުގަނޑުން ނަގައިދިނުމަށް ސުޒޭން އަނބުރާ އެޓީމާ ހަވަލުވީތީ އުފާކުރަކަަމަށެވެ.

" ސުޒޭން ކޯޗު އަނބުރާ ވިކްޓަރީއަށް އައިމަ ވަރަށް އުފާވޭ، އަދި މި އަހަރު ލީގު މިހާ ވާދަވެރިވެގެންދާއިރު ސުޒޭން ޓީމެއްގެ ބެންޗުގައި އިނުމަކީ މުބާރާތް އިތުރަށް ފޯރިގަދަ ވެގެންދާނެ ކަމެއް،" ސޮބާ ބުންޏެވެ.

މިއީ ދަރިވަރަކާ އުސްތާޒުގެ ކުރިމަތި ލުމެއް ނޫން! އެއްވަނަ ޑިވިޝަނުގެ އެންމެ ދިގު ތަރީހެއް އޮތް ކުލަބާއި އެންމެ ހަގު ޓީމުގެ ކުރިމަތިލުމެއް

ސޮބާގެ ވަހަކަތަކުން މިއީ އޭނާއާ، ތަޖުރިބާކާރު ކޯޗަކާ ދެމެދު އޮތް މެޗަކަށް ހަދާކަށް އޭނާ ބޭނުމެއްނުވެއެވެ. އެއަށް ވުރެ ބޮޑަށް މާދަމާގެ މެޗުގައި ސޮބާ ބޭނުންވަނީ ދެވަނަ ޑިވިޝަނުން ފަށައިގެން އިނގިލީ ކުރީ ލައިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެނައި ޓީމު މުބާރާތުގެ ރަނގަޅު ހިސާބަކަށް ގެންގޮސްދިނުމެވެ. ފުރަތަމަ މެޗު ކާމިޔާބު ކުރުން ނޫން އިތުރު ޓާގެޓެއްވެސް އޭނަގެ ނެތެވެ. ޓާގެޓާ ބެހޭގޮތުން ނޫސްވެރިން ތަކުރާރުކޮށް ސުވާލުކުރުމުންވެސް އޭނާބުނީ މިވަގުތަށް، އެނގެނީ ގްރީން ސްޓްރީޓަކީ މުބާރާތުގެ 8 ވަނަ ޓީމު ކަމަށާއި އެންމެ ބޮޑު ޓާގެޓަކީ މާލޭ ލީގުގައި އެޓީމުކުޅޭ ފުރަތަމަ މެޗު ކަމަށެވެ.

" ޓާގެޓަކީ ފުރަތަމަ މެޗުން ރަނގަޅު ކާމިޔަބީއެއް ހޯދުން، ގްރީން ސްޓްރީޓަކީ ޓީމުތައް ގިންތި ކުރާއިރު 8 ވަނަ ޓީމް، ނެތް މަޝްހޫރު ކުޅުންތެރިއަކުވެސް ޓީމުގަ، ނަަމަވެސް އުންމީދު ކުރަނީ ރަނގަޅު ހިސާބަކަށް ދިޔުމަށް،" ސޮބާހް ބުންޏެވެ.

ސުޒޭން ނިކުންނަނީ ވިކްޓަރީއަށް ތަށްޓެއް ހޯދައިދިނުމަށް

މާލޭ ލީގުގެ އަޑު ގަދަވާން ފެށީ، ވިކްޓަރީގެ ކޯޗު ކަމުން މުހައްމަދު ޝާޒްލީ ދުރުކޮށް އަލީ ސުޒޭން އެ މަގާމަށް ހަމަޖެއްސި ހިސާބުންނޭ ބުނުމަކުން މުޅިއަކުން ދޮގަކަށްނުވާނެއެވެ. ޕްރެސް ކޮންފަރެންސް ތަކުގައި ސުޒޭން ބުނެލާ މޮޅެތި އިބާރާތްތަކާއި ޖަހާ މޮޅެތި މިސާލުތަކުގެ ސަބަބުން އޭނާއަކީ ފުޓްބޯޅަ ކޮމިއުނިޓީގައި މަޤްބޫލު މީހެކެވެ.

މާލޭ ލީގުގައި ސުޒޭން ވިކްޓްރީ ގޮވައިގެން ނުކުންނައިރު އޭނާގެ އުންމީދަކީ މިއަހަރު ވިކްޓަރީއަށް ތަށްތެއް ހޯދައިދިނުމެވެ. މާދަމާގެ މެޗާއި ގުޅޭގޮތުން، އެފްއޭއެމް ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ޓީމާ އެއްކޮށް ހަފްތާއެއްހާ ދުވަސް ހޭދަކޮށްލެވިއްޖެ ކަމަށާއި ކުޅުންތެރީން ތިބީ ވަރަށް ބޮޑަށް ހިތްހަމަޖެހިގެންކަމަށެވެ.

މިވަގުތު ވިކްޓަރީގައި އޮތް ސްކޮޑަކީ ތަށްޓެއް ހޯދޭ ވަރުގެ ސްކޮޑެއް ކަން ފާހަގަ ކުރަމުން ސުޒޭން ބުނީ މާލޭ ލީގުގައި ވިކްޓަރީން އެހެން ޓީމުތަކަށް ރަނގަޅު ރައްދެއް ދޭނެކަމަށެވެ.

"ވިކްޓަރީން އެންމެ ފަހުން ތަށްޓެއްގެނައި އިރުވެސް އަޅުގަނޑު ކަންނޭންގެ ހުރީ، ޓީމު ވަރަށް ވަރުގަދަ މި އަހަރު ކޮންމެވެސް އެއް ތަށްޓެއް ވިކްޓަރީން ނަގާނެ،" ސުޒޭން ބުންޏެވެ.

ސުޒޭންގެ ނަޒަރުގައި ގްރީން ސްޓްރީޓްވެސް ސޮބާވެސް މޮޅު

ގްރީން ސްޓްރީޓާއި އެޓީމުގެ ކޯޗާ ގުޅޭގޮތުން ސުޒޭން ބުނީ ސޮބާއަކީ މޮޅު ކޯޗެއްކަމަށާއި ގްރީން ސްޓްރީޓަކީ ދެވަނަ ޑިވިޝަނުގައިވެސް ރަނގަޅުކުޅުމެއް ދެއްކި ޓީމެއްކަމަށެވެ. އަދި ކާމިޔާބީ ހޯދަން ވިކްޓަރީން ގްރީން ސްޓްރީޓާ ދެކޮޅަށް ނުކުންނައިރު އެޓީމާ މެދު ސަމާލުވާން ޖެހޭނެކަމަށްވެސް ސުޒޭން ބުންޏެވެ.

މާދަމާ ރޭގެ މެޗު ފޯރި ގަދަ ވާނެ!

ކޮންމެ ގޮތެއްވިޔަސް މާދަމާގެ މެޗު ވަރަށް ފޯރިގަދަވާނެއެވެ. އެންމެ ފުރަތަމަ ކަމަކަށް ސުޒޭންގެ ދަރިވަރު ސޮބާހް، އެއްވަނަޑިވިޝަނަށް ޓީމެއް ގޮވައިގެން އައިސް އެންމެ ފުރަތަމަ ޗެލެންޖުގައި ސުޒޭނާ، އަދި އެންމެ ގިނަ ދުވަސް ވަންދެން އެޓީމަކަށް ކުޅުނު ވިކްޓަރީއާ ދެކޮޅަށް ކުޅުމަކީވެސް ޝައުގުވެރިވާނެ ކަމެކެވެ.

ވިކްޓަރީގެ ސަޕޯޓަރުންނަށް ސޮބާ އެއް އިރެއްގައި ދިފާއީ އައްޑަނައެއްގެ ގޮތުގައި ފެނުނުއިރު މާދަމާ ރޭ އޭނާ ނިކުންނާނީ އެ ދިފާއީ އައްޑަނަ ފޫ އާޅުވާލައި ވިކްޓަރީ ގޯލަށް ވިހާވެސް ގިނަ ހަމަލާތައް އުފައްދާ އާރުކާޓީގެ ގޮތުގައެވެ. މީގެ އިތުރުން މާދަމާރޭ ކުޅޭ ދެޓިމަކީވެސް ސަޕޯޓަރުން ފުދޭ ވަރަކަށް ގިނަ ދެ ކްލަބެވެ. ވިކްޓަރީ ގެ ސަޕޯޓަރުންނާ އެއްގޮތަށް ގްރީން ސްޓްރީގެ ގިނަ އަދަދެއްގެ ސަޕޯޓަރުންވެސް މާދަމާރޭގެ މެޗަށް ދަނޑަށް ވަންނާނެކަމަށް ބެލެވެއެވެ.

ދެވަނަ ޑިވިޝަނުގެ ފައިނަލު މެޗުގައި ގްރީން ސްޓްރީޓަށް ސަޕޯޓް ކުރަން ވަން އަދަދަށް ވުރެ ގިނަ އަދަދެއްގެ ސަޕޯޓަރުން، އެޓީމު ފުރަތަމަ ޑިވިޝަނުގައި ކުޅޭތަން ބަލަންދާނޭކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ.

މިސީޒަންގައި ކްލަބަކާ ހަވާލު ނުވާނޭ ކަމަށް ބުނެ، ކުއްލިގޮތަށް ވިކްޓަރީއާ ހަވާލުވި ތަޖްރިބާކާރު ކޯޗު، ސުޒޭން ދުވަސް ތަކަކަށްފަހު އެ ކްލަބުގެ ބެންޗުން ފެންނާނެތީއާއި ޓީމު ވަރުގަދަ ވެފައި ވުމަކީ ވިކްޓަރީގެ ވަފާތެރި ސަޕޯޓަރުންވެސް މެޗު ބަލަން ވަންނާނޭ ސަބަބެކެވެ.

މީގެ އިތުރުން މިދިޔަ ސީޒަންގެ ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އެ ކްލަބުގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ދުވަސްތަކެއް ހޯދައިދިން ކޯޗު މާދަމާ ރޭ ވިކްޓަރީގެ ބެންޗުން ފެނުމަކީ، މިވަގުތު އެ ކްލަބު އޮތް ހާލަތުން ސުޒޭނާ އެކު ޓިމަށް އޮތީ ކިހާ ފާގަތި މުސްތަގުބަލެއްތޯ ވެސް އަންދާޒާ ކޮށްލަން ލިބޭ މެޗަކަށް ވެގެންދާނެއެވެ.

މި ހުރިހާ ރަހަތާކާ އެކު މެދު ކެނޑުމަކަށް ފަހު އަނެއްކާވެސް މާލޭ ލީގު ފަށާއިރު، އެ ލީގުގައި ވާދަކުރާ އެންމެ ހަގު ޓީމާ އެންމެ ދޮށީ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މާދަމާރޭ 21:00ގައެވެ.

comment ކޮމެންޓް