ގާޒީ މަރިޔަމްގެ މައްސަލާގައި ކުރީގެ އުއްތަމަފަނޑިޔާރުގެ ފާޑުވިދާޅުވުން ޖޭއެސްސީއަށް

ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން ---

ގާޒީ މަރިޔަމް ވަހީދު މަގާމުގެ މަސްއޫލިއްޔަތުތަކުން ދުރުކުރި މައްސަލާގައި ޖޭއެސްސީން ނިންމި ނިންމުމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން ފާޑު ވިދާޅުވެއްޖެ އެވެ.

ޖޭއެސްސީން މިއަދު ބުނެފައި ވަނީ ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، އެ މައްސަލާގައި އެ ކޮމިޝަނަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ.

ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒްގެ ފޭސްބުކްގައި އެމަނިކުފާނު ވިދާޅުވީ ޖޭއެސްސީއަށް ގާނޫނުއަސާސީގެ 154 ވަނަ މާއްދާއާ ދެކޮޅު ނުހެދޭނެ ކަމަށެވެ. އެހެން ވިދާޅުވެ، އެ މާއްދާގައި ބުނާ އިބާރާތް އެމަނިކުފާނު ލިޔުއްވާފައިވެ އެވެ.

ގާނޫނުއަސާސީގެ 154 ވަނަ މާއްދާގެ (ށ)

  • ފަނޑިޔާރަކު މަގާމުން ވަކިކުރެވޭނީ ފަނޑިޔާރުކަމުގެ މަގާމަށް އެމީހަކު ގާބިލް ނޫންކަމަށް ނުވަތަ އެ މަގާމަށް އެކަށީގެންނުވާ ފަދަ އަމަލެއް އެ ފަނޑީޔާރަކު ކޮށްފައިވާ ކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަނަށް ގަބޫލުކުރެވިގެން އެ ފަނޑިޔާރަކު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.

އެ މައްސަލައާ ގުޅިގެން ގާނޫނުއަސާސީގެ އެ މާއްދާގެ ވާހަކަފުޅު ފިޔަވަޅައި، އިތުރު ވާހަކަފުޅެއް ފާއިޒު ވިދާޅެއް ނުވެ އެވެ.

ގާޒީ މަރިޔަމް ވަހީދުގެ މައްސަލާގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ޖޭއެސްސީން ނިންމީ މިދިޔަ ހޯމަ ދުވަހު އެވެ. އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި "ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން" ކަމަށް ބަޔާންކޮށްފައިވާތީ ކަމަށް ޖޭއެސްސީން ބުނެފައިވެ އެވެ.

މަރިޔަމް ވަހީދަށް ކޯޓުތަކުގައި މައްސަލަ ބެލުމުގެ އެއްވެސް ބާރެއް ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމާފައިވީ ނަމަވެސް މަގާމުން ވަކިކުރީ ކަމަށް ސާފުކޮށް ބަޔާންކޮށްފައެއް ނުވެ އެވެ.

ސުޕްރީމް ކޯޓުން މަރިޔަމް ވަހީދުއާ މެދު އެފަދަ ނިންމުމެއް ނިންމާފައި ވަނީ އެ ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް