ޖުޑިޝަރީގެ އިދާރީ އެންމެ އިސް ބޭފުޅާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އިސްތިއުފާ ދެއްވައިފި

ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ އިދާރީ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފައެވެ. މިއީ ޝަރުޢީ ދާއިރާގެ އިދާރީ ހިންގުމަށް ބޮޑު ބަދަލެއް ގެނުވާނެ ކަމެކެވެ. ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަކީ ކޯޓުތަކުގެ އިދާރީ އަދި މާލީ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރާ މަގާމެވެ. މި އިސްތިއުފާއާ ގުޅިގެން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ހިންގުމަށް ވަގުތީ ގޮތުން ބަދަލުތަކެއް އައުމަކީ އެކަށީގެންވާ ކަމެކެވެ.

  • ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އަމްޖަދު މުސްތަފާ މަގާމުން އިސްތިއުފާ ދެއްވައިފި.
  • މިއީ ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމު.
  • މި މަގާމަކީ ކޯޓުތަކުގެ އިދާރީ ކަންކަން ރާވައި ހިންގުމުގެ އެންމެ އިސް މަސްއޫލިއްޔަތު އޮންނަ މަގާމު.
  • އިސްތިއުފާ ދެއްވި ސަބަބާ ގުޅޭ އިތުރު ތަފުސީލުތައް އަދި ހާމަކޮށްފައެއް ނުވޭ.

ޖުޑިޝަރީގެ އިދާރީ އެންމެ އިސް މަގާމު ކަމަށްވާ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު (ސީޖޭއޭ)ގެ މަގާމުގައި ހުންނެވި އަމްޖަދު މުސްތަފާ އިސްތިއުފާ ދެއްވައިފިއެވެ.

'ސަން'އަށް އެނގިފައިވާ ގޮތުގައި އޭނާ އިސްތިއުފާ ހުށަހެޅުއްވީ މިއަދެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަގާމަށް އަމްޖަދު ހަމަޖެއްސީ ފެބްރުއަރީ 2025 ގައެވެ. އެއީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު ރިޒުނާ ވެސް ސެޕްޓެންބަރު 2024 ގައި އިސްތިއުފާދެއްވުމުންނެވެ.

މަގާމަށް އައްޔަންކުރިތާ އަހަރަކާއި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަމްޖަދު އިސްތިއުފާދެއްވި ސީދާ ސަބަބެއް ނޭނގެއެވެ.

އެ މަގާމަށް ވަޑައިގެންނެވުމުގެ އަމްޖަދު ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސްކަން ވެސް ކުރައްވާފައެވެ.

އަމްޖަދު މިއަދު އިސްތިއުފާ ދެއްވިއިރު، ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)، ޖުޑީޝަލް ސާވިސް ކޮމިޝަންގެ ދަށުގައި އޮތް އޮތުން ބަދަލު ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން ގެނައި ބަދަލުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގައި ބާރު ގަދައީ އިދާރީ އިސްވެރިންގެ ކަމަށާއި އެއީ ޖުޑީޝަރީ މަސައްކަތްކުރުމަށް ނޭދެވޭ އަސަރުކުރާނޭ ކަމެއް ކަމަށެވެ.

"ޖުޑީޝަލް ކައުންސިލް ރީއިންސްޓޭޓްކުރެވޭނެ ކަހަލަ ގޮތަކަށް ގާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، އަދި އޭގެ އިތުރަށް އުއްތަމަފަނޑިޔާރާއި ޖުޑީޝަލް ކައުންސިލަށް ޖަވާބުދާރީވާ ތަނަކަށް ޑީޖޭއޭ ބަދަލުވެގެން ދިއުން، އަދި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ޖަވާބުދާރީވާން ޖެހޭނީ ޖުޑީޝަލް ކައުންސިލު އަދި އުއްތަމަފަނޑިޔާރަށް ކަމަށް ބަދަލުވުމަކީ އަޅުގަނޑު ހިތުން ކޯޓުތަކުގެ ނިޒާމަށް އަންނަންޖެހޭ ރަނގަޅު ބަދަލެއް،" އެ މަނިކުފާނު ވިދާޅުވިއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޑީޖޭއޭ ހިންގުމުގެ އެންމެ އިސްވެރިޔާއެވެ. ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމާއި މަސްއޫލިއްޔަތުތައް ވަނީ ބަޔާންކޮށްފައެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައްޔަންކުރަނީ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިންނެވެ. މި މަގާމުގެ މުއްދަތަކީ ފަސް އަހަރު ދުވަހެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކޯޓުތަކުގެ އިދާރީ ހިންގުމުގެ އެންމެހައި ކަންކަން ރާވައި ހިންގުމާއި ކޯޓުތަކަށް ބޭނުންވާ މުވައްޒަފުންނާއި، ވަޞީލަތްތަކާއި، ބަޖެޓުގެ ކަންކަން ބެލެހެއްޓުން އަދި ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައަޅާ ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުން ހިމެނެއެވެ.

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރަކީ ޖޭއެސްސީއަށް ޖަވާބުދާރީވާންޖެހޭ ބޭފުޅެކެވެ. އޭނާގެ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި، އުއްތަމަފަނޑިޔާރާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، އެހެން ކޯޓުތަކުގެ އިސް ފަނޑިޔާރުންނަށް އިދާރީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.

comment ކޮމެންޓް