ރ އަތޮޅުގައި ރިސޯޓެއް ތައްރައްގީ ކުރަމުންދާ ކުޑަފުށި ކައިރިން، މޫދުން ވިހަގަދަ ހަރުފައެއް ފެނިއްޖެ އެވެ.
ފެނުނު ހަރުފައިގެ ފޮޓޯތައް ފޭސްބުކްގައި ވަނީ އާންމުކޮށްފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން އެއީ " ޔެލޯ ބެލިޑް" ނަމަކަށް ކިޔާ ހަރުފައެކެވެ.
އެންވަޔަރަންމަންޓް ޕްރޮޓެކްޝަން އެޖެންސީގެެ ޑިރެކްޓަރު ޖެނެރަލް އިބްރާހިމް ނައީމްވެސް ވަނީ އެއީ "ވިހަގަދަ" މޫދު ހަރުފައެއްކަން 'ސަން' އަށް ކަށަވަރުކޮށްދީފައެވެ.
ނައީމް ވިދާޅުވީ، އެއީ ރާއްޖޭގެ ކަނޑުންވެސް އަދި މޫދު ކައިރިންވެސް އާންމުކޮށް ފެންނަ ވައްތަރެއްގެ ހަރުފައެއް ނޫން ކަމަށެވެ.

ރ އަތޮޅުގައި ރިސޯޓެއް ތައްރައްގީ ކުރަމުންދާ ކުޑަފުށި ކައިރި މޫދުން ފެނުނު ހަރުފަ --- ފޮޓޯ/ ފޭސްބުކް
ޔެލޯ ބެލިޑް ސީ ސްނޭކް އާންމުކޮށް ކައި އުޅެނީ މަހެވެ. ނަމަވެސްވިހައެއް ހުންނަ އެ ހަރުފަ ދަތް އަޅައިފި ނަމަ މީހާ ޕެރަލައިޒްވުން ނުވަތަ މަރުވުން އެކަށީގެންވެ އެވެ.
އެ ހަރުފަ ވިހައިގެ ކުޑަކުޑަ މިންވަރެއް ހަށިގަނޑުތެރެއަށް ގޮސްފިނަމަވެސް މަސްތަކުގައި ރިއްސުމާއި ހުޅުހުޅުގައި ރިއްސުމާއި ހޮޑުލެވުން ފަދަ ކަންކަން ދިމާވާނެ ކަމަށް ދިރާސާ ތަކުން ދައްކައެވެ.
ރާއްޖޭން ބޭރުގެ ގައުމުތަކުގައިވެސް އިލްތިމާސްކޮށްފައިވަނީ އެފަދަ ހަރުފައެއް ފެނިއްޖެ ނަމަ ފުލުހުންނަށް ނުވަތަ ކަމާގުޅުން ހުރި ފަރާތްތަކަށް ރިޕޯޓު ކުރުމަށެވެ. އަދި އެއްގޮތަކަށްވެސް އަމިއްލަޔަށް އެފަދަ ތަކެތި ހިފަން މަސައްކަތް ނުކުރުމަށް އިލްތިމާސް ކުރެ އެވެ.
ކުޑަފުށިން އެ ހަރުފަ ފެނުނީ ސީދާ ކާކަށް ކަމެއް ސާފެއް ނުވެ އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެފަދަ ހަރުފައެއް ފެނިގެން އެއްވެސް ރިޕޯޓެއް ފުލުހުންނަށް ކޮށްފައި ނުވާ ކަމަށެވެ.