ރާއްޖޭގެ މޫސުން ދިރާސާކުރާ ޓީމުގައި ހިމެނެނީ އަންހެނުން

ކަނޑު އަޑީގެ ދިރާސާއަށް ބޭނުންކުރާ އުޅަނދެއް --

ރައްޖޭގެ މޫސުން ދިރާސާކޮށް މޫސުމީ ބަދަލުތަކުން ރާއްޖެ ސަލާމަތް ވާނެ ގޮތްތައް ދެނެގަތުމަށް ކުރާ ދިރާސާގައި އެންމެ ފުރަތަމަ ކަނޑަށް ފައިބާ ޓީމުގައި ހިމެނެނީ ހުސް އަންހެނުން ކަމަށް އެ ދިރާސާކުރާ އިނގިރޭސި ވިލާތުގެ މެރިން ރިސާޗު ފަޑުންޑޭޝަން، ނެކްޓަން އިން ބުނެފިއެވެ.

އެކުއަނޯޓުންގެ ގޮތުގައި ނުވަތަ ޑައިވަރުންގެ ގޮތުގައި"ނެކްޓަން މިޝަން"ގައި ފުރަތަމަ ކަނޑަށް ފައިބާ ޓީމުގައި ހިމެނޭނީ ދިވެހި ދެ އަންހެނުންނާއި ބިދޭސީ އަންހެނެއް ކަމަށް ނެކްޓަން އިން ބުންޏެވެ. މިއީ ދުނިޔޭގައި ވެސް އަންހެނުން ހިމެނޭ ޓީމެއް ކަނޑުގެ ދިރާސާއެއްކުރާ ފުރަތަމަ ފަހަރެވެ.

ކަނޑު އަޑީގެ ދިރާސާއަށް ބޭނުންކުރާ އުޅަނދެއް --

މި މިޝަންގައި ބައިވެރިވާ ދިވެހީންގެ ޓީމް ލީޑްކުރަން ހަމަޖެހިފައި ވަނީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓްގެ ޑިރެކްޓާ ޖެނެރަލް ޝާފިޔާ ނައީމެވެ. އޭނާ އާއެކު ނެކްޓަން މޯލްޑިވްސްގެ ރިސާޗް އެސިސްޓަންޓެއް ކަމުގައިވާ ފަރާހް އަމްޖަދު މި މިޝަންގެ ފުރަތަމަ ބައިވެރިންގެ ގޮތުގައި ހަމަޖެހިފައިވެއެވެ. ޝާފިޔާއާއި ފަރާހާއާއެކު ފުރަތަމަ ޑިސެންޓުގައި ދެން ބައިވެރިވާނީ ސަބްމާސިބަލްގެ ޕައިލްޓް ކިމްލީ ޑޯއެވެ.

އަންނަ އާދިއްތަ ދުވަހު މި ދިރާސާ ފަށާނެއެވެ. ކަނޑުގެ 50 މީޓަރަށްވުރެ އަޑިއަށް ދިއުމަކީ އާންމުކޮށް ކުރެވޭ ކަމަކަށް ނުވާތީ މި ދިރާސާގެ ބައިވެރިންނަށް އާ ތަޖުރިބާއެއް ކުރެވޭނެއެވެ.

ކަނޑުގައި އުޅޭ ދިރުންތަކާ ބެހޭ ގޮތުން ދިރާސާކުރައްވާ ޝާފިޔާ ވިދާޅުވީ، މި ޑައިވްތަކުގެ ބޭނުމަކީ ކަނޑުގެ ދިރުންތަކާ ބެހޭގޮތުން އާ މައުލޫމާތު ހޯދުން ކަމަށެވެ.

"އަޅުގަނޑުމެންގެ ކަނޑުގައި 40 ވައްތަރުގެ މިޔަރާއި 18 ވައްތަރުގެ މަޑި ފުށްޗެއިންގެ އެންމެ މަތީގައި އެބައުޅޭ. މި މިޝަންއާއެކު ފުރަތަމަ ފަހަރަށް ވަރަށް ފުނުގައި މި ދިރުންތައް އާލާވެފައިވާ މިންވަރު ދެނެގަނެވޭނެ،" އޭނާ ވިދާޅުވިއެވެ.

ކަނޑު އަޑީގެ ދިރާސާއަށް ބޭނުންކުރާ އުޅަނދެއް --

މީގެ 20،000 އަހަރު ކުރިން "ލާސްޓް ގްލޭޝިއަލް މެކްސިމަމް" ގައި ގަނޑުވެފައިވާ ފެން ވިރުމުގެ ކުރިން ހުރި ބީޗް ލައިންތައް ކަނޑުގެ 120 މީޓަރު ފުނުން ފެންނާނެ ކަމަށް އެ ދިރާސާކުރާ ސައިންސްވެރިން ލަފާކުރެއެވެ. އޭގެ އިތުރުން، ކަނޑުގެ ލޮނުގަނޑު އުފުލުމާ އެކު ދިރުންތަކަށް އަންނަ ބަދަލުތަކަށް އެ އެއްޗެހި ހޭނެމުންދާ ގޮތް ވެސް ދިރާސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފަރުތައް ރިހެބިލިޓޭޓްކުރުމާއި ފުން ކަނޑުގެ ބަޔޯޑައިވާސިޓީގެ ދާއިރާއިން ދިރާސާކުރައްވާ ފަރާހް ވިދާޅުވީ، ބޭރު ފެންނަ ގޮތަށް ހަދާފައިވާ ސަބްމާސިބަލްގެ ޕްރެޝާ ސްފިއާ އިން ކަނޑުގެ ދިރުންތައް އޮބްޒާވްކުރަން ވަރަށް ފަސޭހަވާނެ ކަމަށެވެ.

"ފުރިހަމަ އޮބްޒަވޭޝަނެއް ކުރެވުމަކީ ސައިންޓިފިކް ދިރާސާއެއްގެ އެންމެ މުހިންމު އަސާސް،" އޭނާ ވިދާޅުވިއެވެ.

އެ ދިރާސާގެ ޓީމުގައި އުޅުއްވާ ނެކްޓަންގެ ޕްރިންސިޕަލް ސައިންޓިސްޓް އަދި ޔުނިވާސިޓީ އޮފް އޮކްސްފޯޑްގެ ބަޔޮލޮޖިސްޓެއް ކަމަށްވާ ލޫސީ ވުޑާލް ވިދާޅުވީ، މި މިޝަންގެ އެންމެ މުހިންމު ކަމަކީ އުތުރު އިންޑިއާގެ ކަނޑުގެ އަޑީގައިވާ ފަރުބަދަތައް ކައިރިން 1،000 މީޓަރު އަޑި އަށް ފީނައި، އެ ތަންތަން މެޕްކޮށް ޑޮކިއުމެންޓް ކުރުން ކަމަށެވެ.

"މި ފަރުބަދަތައް ކައިރީގައި ވަރުގަދަ އޮއިވަރު ހުންނާނެ ކަމަށް ބެލެވޭ، އަދި އޮޔާ ހެދި ޑައިވްކުރަން އުނދަގޫވުން ވެސް އެކަށީގެންވޭ،" އޭނާ ވިދާޅުވިއެވެ.

ކަނޑު އަޑީގެ ދިރާސާއަށް ބޭނުންކުރާ އުޅަނދެއް --

ދުނިޔޭގައި 1،000 މީޓަރަށް ވުރެން އުހުގައި ހުންނަ 100،000 ކަނޑުގެ ފަރުބަދަތަކުގެ ތެރެއިން ބަޔޮލޮޖިކަލް ސާމްޕަލް ނެގިފައި ވަނީ އަދި ހަމައެކަނި 300 ފަރުބަދައިން ކަމަށް ނެކްޓަން އިން ބުންޏެވެ. ރާއްޖޭގެ ކަނޑުތަކުގެ އަޑީގައި އެގޮތަށް ހުންނަ 34 ފަރުބަދަ ހުންނަ ކަމަށާއި އެއީ ކަނޑުމަސް އަލާވާ މުހިންމު ތަންތަން ކަމަށް ވެސް އެ ޕައުންޑޭޝަނުން ބުންޏެވެ.

އެ ދިރާސާކުރުމަށް ކަނޑުއަޑިއަށް ފީނާ ޓީމުގައި ރާއްޖޭގެ 10 މެރިން ސައިންޓިސްޓުން އިސްކޮށް އުޅޭނެއެވެ. ފީނުމަށް ބޭނުންކުރާނީ ކަނޑުގެ އެންމެ ފުނަށް ދެވޭ ޒާތުގެ "ސަބްމާސިބަލް" ތަކެކެވެ. އެ ދިރާސާ މިޝަންގައި ޖުމްލަ 40 ބައިވެރިން ހިމެނޭއިރު، އެއީ 16 ދިވެހިންނާއި ރާއްޖެއިން ބޭރުން އަންނަ 24 މީހެކެވެ.

comment ކޮމެންޓް