ގާޒީ މަރިޔަމް ވަހީދުގެ މައްސަލައިގައި ކުރެވޭނެ ކަމެއް ނެތް: ޖޭއެސްސީ

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދު --- ސަން ފައިލް ފޮޓޯ

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައި ވަނިކޮށް، އެ މައްސަލާގައި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް އިތުރަށް ކުރެވޭނެ ކަމެއް ނެތް ކަމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.

ޖޭއެސްސީން މިދިޔަ ހޯމަ ދުވަހު އެގޮތަށް ނިންމާފައި ވަނީ މިދިޔަ ހޯމަ ދުވަހުއެވެ. އެ ނިންމުން ނިންމާފައި ވަނީ ގާނޫނު އަސާސީގެ 145 ވަނަ މާއްދާގެ (ނ) ގައި "ގާނޫނު އަސާސީ އާއި ގާނޫނު މާނަކުރުމުގައި، އަދި ޝަރީއަތުން ބަލާ އެނޫންވެސް މައްސަލަތަކުގައި ސުޕްރީމް ކޯޓުން ނިންމާ ނިންމުމަކީ އެންމެފަހުގެ ނިންމުން" ކަމަށް ބަޔާންކޮށްފައިވާތީއެވެ.

ސުޕްރީމް ކޯޓުން މަރިޔަމް ވަހީދުއާ މެދު އެފަދަ ނިންމުމެއް ނިންމާފައި ވަނީ އެ ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

މިއީ ފަނޑިޔާރަކު ކުރި ހުކުމަކާ ގުޅިގެން ފިޔަވަޅު އެޅި ފުރަތަމަ ފަހަރެވެ.

ސުޕްރީމް ކޯޓުގެ އަމުރުގައި ބުނެފައި ވަނީ ވ. ބޮޑުމޮހޮރާ ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ކުއްޔަށް ދިނުމަށް އެއްބަސްވުމަކަށް ވާސިލުވުމަކީ ސަރުކާރަށް ލިބިފައިވާ އިޚްތިޔާރީ ބާރެއް ކަމަށް އެ ކޯޓުން ކަނޑައަޅާފައިވަނިކޮށް، މިއަދުން ފެށިގެން ހަތް ދުވަހުގެ ތެރޭގައި އެގްރީމެންޓުގައި ސޮއިކުރުމަށް ލާޒިމްކޮށް މަރިޔަމް ވަހީދު ހުކުމް ކޮށްފައިވާ ކަމަށެވެ.

އެ އަމުރުގައި ބުނެފައި ވަނީ އެފަދަ އެގްރީމެންޓެއްގައި ސޮއިކުރުމަށް ސަރުކާރުގެ މައްޗަށް މަޖުބޫރު ކުރާ ނުވަތަ ލާޒިމް ކުރާ ގާނޫނީ އެއްވެސް އަސާސެއް ނެތް ކަމަށެވެ.

ގާނޫނު އަސާސީގެ 145 ވަނަ މާއްދާ އާއި 143 ވަނަ މާއްދާގެ (ރ) އާއި ފަނޑިޔާރުންގެ ގާނޫނުގެ 30 ވަނަ މާއްދާ އާއި ކޯޓުތަކުގެ ގާނޫނުގެ 20 ވަނަ މާއްދާ އާއި 22 ވަނަ މާއްދާ އާއި ސުޕްރީމް ކޯޓުގެ ގަވާއިދުގެ 86 ވަނަ މާއްދާއަށް ރިއާޔަތްކޮށް، ރާއްޖޭގެ ކޯޓުތަކުގައި ޝަރީއަތް ކުރުމުގެ ޝަރުއިއްޔަތާއި އަހުލިއްޔަތާއި ވިލާޔަތު، މަރިޔަމް ވަހީދުގެ ކިބައިން ގެއްލިފައިވާ ކަމަށް ކަނޑައަޅާ ކަމަށް ސުޕްރީމް ކޯޓުގެ އަމުރުގައި ވެއެވެ.

comment ކޮމެންޓް