ތުރުކީގެ އަންހެން ސިފައިން ބުރުގާ އަޅަން ހުއްދަ ދީފި

ތުރުކީގެ ސަރުކާރަށް ތާއިދު ކުރާކަން ދެއްކުމުގެ ގޮތުން ބޭއްވި މުޒާހަރާއެއްގައި އަންހެނުން ބައިވެރިވަނީ -- ފޮޓޯ: އޭޕީ

އިސްތަންބޫލު (ފެބްރުއަރީ 23): ތުރުކީގެ އަންހެން ސިފައިން ބުރުގާ އަޅަން އެ ގައުމުގެ ސަރުކާރުން ހުއްދަދީފި އެވެ.

ސަރުކާރުގެ މުއައްސަސާތަކުގައި މަސައްކަތް ކުރާ މީހުން ބުރުގާ އެޅުން ތުރުކީން މަނާ ކުރީ 1980އިގެ އަހަރުތަކުގަ އެވެ. ނަމަވެސް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވަނީ ބުރުގާ އެޅުން މަނާކުރުމަކީ މިނިވަންކަމަށް ހުރަސްއަޅާ ސަގާފަތެއްގެ ބަޔެއް ކަމަށް ވިދާޅުވެފަ އެވެ.

އެހެންކަމުން ފާއިތުވި 10 އަހަރު ތެރޭގައި ތުރުކީގެ ސަރުކާރުން ވަނީ ސްކޫލުތަކާއި، ޔުނިވާސިޓީތަކާއި، ސިވިލް ސާވިސް މުވައްޒަފުން ބުރުގާ އެޅުން މަނާ ކުރާ ގަވާއިދުތައް އުވާލާފަ އެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހު ވަނީ ފުލުހުން ބުރުގާ އެޅުން ހުއްދަކޮށްފަ އެވެ.

ތުރުކީގެ ނޫސްތަކުގައިވާ ގޮތުން ސިފައިން ބުރުގާ އެޅުން މަނާ ކުރާ ގަވާއިދު އުވާލިކަން އެ ގައުމުގެ ރަސްމީ ގެޒެޓުގައި އިއުލާން ކުރުމާއެކު، ޔުނިފޯމާ އެއް ކުލައެއްގެ ބުރުގާ އެޅުން ސިފައިންނަށް ހުއްދަ ވާނެ އެވެ.

ތުރުކީގެ އާބާދީގެ ބޮޑުބައެއް ހިއްސާ ކުރަނީ ސުންނީ މުސްލިމުންނެވެ. (ބީބީސީ)

ގުޅޭ ޓެގު
comment ކޮމެންޓް