ޔަމަން، ސޮމާލިޔާ، ދެކުނު ސޫދާން އަދި ނައިޖީރިޔާގައި 20 މިލިޔަން މީހުންވަނީ ބަނޑަށްޖެހިފައި: އދ.

ގްޓޭޜަސް

އދ. މަޖިލިސް (ފެބްރުއަރީ 23) : ދުނިޔޭގެ ހަތަރު ގައުމެއްގައި 20 މިލިޔަނަށް ވުރެ ގިނަމީހުން ބަނޑުހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާކަމަށާއި މިއީ މުޅި ބައިނަލްއަގްވާމީ މުޖްތަމައު ލަދުވެތިވާން ޖެހޭ ކަމެއްކަމަށް އދ.ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިޔޯ ގުޓޭރަސް ވިދާޅުވެއްޖެ އެވެ.

އދ.ގެ މައި މަރުކަޒުގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ގުޓޭރަސް ވިދާޅުވީ ޔަމަނާއި ސޮމާލިޔާއާއި ދެކުނު ސޫދާނާއި ނައިޖީރިޔާގައި 20 މިލިޔަނަށް ވުރެ ގިނަ މީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންދާ މައިގަނޑު ސަބަބަކީ އެގައުމުތަކުގައި ހިނގަމުންދާ ހަނގުރާމަތައް ކަމަށާ މިއީ ގުދްރަތީ ކާރިސާއެއް އެއްނޫން ކަމަށާއި އިންސާނުންގެ އަމަލުތަކުގެ ސަބަބުން ކުރިމަތިވާ ހައިހޫނުކަމެއް ކަމަށް ގުޓޭރަސް ސިފަކުރެއްވި އެވެ.

މިނޫސް ކޮންފަރެންސްގައި ގުޓޭރަސްވަނީ ޔަމަނާއި ސޮމާލިޔާއާއި ދެކުނު ސޫދާނާއި ނައިޖީރިޔާގައި ބަނޑަށް ޖެހިފައިވާ 20 މިލިޔަނަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އަންނައުނުފަދަ އިންސާނީ އެހީގެ ތަކެތި ފޯރުކޮށްދިނުމަށް 4.4 ބިލިޔަން ޑޮލަރުގެ ހިލޭ އެހީ އދ. އަށް ބޭނުންކަމަށް ވިދާޅުވެފަ އެވެ.

ގުޓޭރަސް ވިދާޅުވީ އިންސާނީ އެހީގެ ކަންކަމުގައި މަސައްކަތްކުރާ އދ.ގެ އެޖެންސީތަކަށް ފައިސާގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ ކަމަށާއި މިއިދާރާތަކަށް 4.4 ބިލިޔަން ޑޮލަރުގެ ހިލޭ އެހީ މިހާރުން މިހާރަށް ބޭނުންވާކަމުގަ އެވެ. ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ މި 20 މިލިޔަން މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތް އަންނަ މާޗް މަސްފެށުމުގެ ކުރިން ނުފެށިއްޖެ ނަމަ އޭގެތެރެއިން ބައެއްމީހުން ހައިހޫނުކަމުގައި މަރުވެގެންދާނެ ކަމަށާއި މިކަން އިންސާނީ ބޮޑުކާރިސާއަކަށް ވެގެން ހިނގައިދާނެ ކަމުގެ އިންޒާރު ގުޓޭރަސް ދެއްވި އެވެ.

ޔަމަންގެ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައިވާ ކުދިންތަކެއް

ޔަމަނާއި ސޮމާލިޔާއާއި ދެކުނު ސޫދާނާއި ނައިޖީރިޔާގައި ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދާ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށްޓަކައި އދ.ގެ ކަމާ ބެހޭ އެޖެންސީތަކަށް މިހާތަނަށް ލިބިފައި ވަނީ އެންމެ 90 މިލިޔަން އެމެރިކާ ޑޮލަރެވެ. ޔަމަންގައި ހައިހޫނުކަން އާންމުވެ، ހަތް މިލިޔަނަށް ވުރެ ގިނަމީހުން ހައިހޫނުކަން ތަހައްމަލް ކުރަމުންދަނީ އެގައުމުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުންނެވެ. މިހަނގުރާމައިގާ އަރަބި ކޯލިޝަނުން ޔަމަންގެ ގިނަ ކަނޑުގެ ބަނދަރުތަކާއި ވައިގެ ބަނދަރުތައް ހިސާރުކޮށްފައިވުމަކީ އެގައުމަށް ކާބޯތަކެތި އެތެރެކުރުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ހުރަސްގެ ގޮތުގައި އިންސާނީ އެހީފޯރުކޮށްދޭ ޖަމާއަތްތަކުން ބުނެއެވެ.

ދެކުނު ސޫދާނަކީ މީގެ ދެއަހަރެއްހާ ދުވަސްކުރިން ލޭއޮހޮރުވުން ބޮޑު ދާޚިލީ ހަނގުރާމައެއް ހިނގަމުންދާ ގައުމެކެވެ. ސޮމާލިޔާއަކީ ފާއިތުވި 25 އަހަރު ތެރޭގައި ސިޔާސީ ކޯޅުންތަކާއި ދާޚިލީ ހަނގުރާމައިގެ ޝިކާރައަކަށްވެފައިވާ ގައުމެކެވެ. ސޮމާލިޔާގައި ބަޔަކު ބަނޑަށް ޖެހިފައިނުވާ ދުވަސްވަރެއް ފާއިތުވި 25 އަހަރު ތެރޭގައި ނުދާކަމަށް އދ. އިން ބުނެ އެވެ. ނައިޖީރިޔާގައި ބަނޑަށް ޖެހިފައިވާ ސަރަހައްދުތަކަކީ ބޯކޯ ހަރާމް ޖަމާއަތުން ހިންގަމުން ގެންދާ ހަނގުރާމައިގެ ޝިކާރައަކަށްވެފައިވާ ސަރަހައްދުތައް ކަމަށް ޚަބަރުތައް ބުނެއެވެ. (އޭއެފްޕީ)

ގުޅޭ ޓެގު
comment ކޮމެންޓް