އެހީ ހިފައިގެން ދިޔަ ކެންޔާގެ ޕްރައިވެޓް މަތިންދާބޯޓު ވައްޓާލިކަމަށް އިތިއޯޕިއާއިން އެއްބަސްވެއްޖެ އެވެ.
މިދިޔަ ހޯމަ ދުވަހު ސޯމާލިއާގެ ބަރަދަލޭއަށް އެ ބޯޓު ވަނީ ވެއްޓިފަ އެެވެ. އެ ހާދިސާގައި ބޯޓުގައި ތިބި ހަ މީހުން ވެސް ވަނީ މަރުވެފަ އެެވެ.
ސޯމާލިއާގެ ވެރިރަށް މޮގަދިޝޫއިން އެގައުމުގެ ބަރަދަލޭ އަވަށަށް ދިޔަ އެބޯޓުގައި ކެންޔާގެ ދެ މީހުންނާއި ސޯމާލިއާގެ ހަތަރު މީހުން ތިއްބެވެ. އެ ބޯޓަކީ ކޮރޯނާއާ ގުޅޭ މެޑިކަލް ސާމާނުތަކެއް ހިފައިގެން ދިޔަ ބޯޓެކެވެ.
ސޯމާލިއާގެ ފުލުހުން ކުރިން ބުނީ އެ ބޯޓު ވެއްޓުނީ ބޯޓު ޖައްސަން ވަރަށް ބޮޑަށް ކުޑަތަންވެފައި ހުއްޓާ ކަމަށެވެ.
އެ ބޯޓަށް ހަމަލާދީ ވައްޓާލިކަމުގެ އަޑުތަކެއް ކުރިން ވެސް އޮތީ ފެތުރިފަ އެވެ. ނަމަވެސް މީގެ ކުރިން އިތިއޯޕިއާ އިން ބުނީ ބޯޓު ވެއްޓުމުގައި އެގައުމުގެ ދައުރެއް ނެތް ކަމަށެވެ. އިތިއޯޕިއާ އިން ބުނީ އެ ބޯޓު ވައްޓާލީ ބަރަދަލޭގައި ގާއިމްވެގެން ތިބި އިތިއޯޕިއާގެ ސިފައިން ދިން ހަމަލާތަކުން ކަމަށެވެ.
އިތިއޯޕިއާ އިން ބުނީ އެ ބޯޓު އުދުހެމުން ދިޔައީ ވަރަށް ތިރިން ކަމަށާއި އަދި އެބޯޓު އަންނަކަން ކުރިން ނޭނގޭ ކަމަށެެވެ. އަދި އެއީ ހަނގުރާމަވެރި އަލް ޝަބާބު އިން ހިންގި އޮޕަރޭޝަނެއް ކަމަށް ހިީވި ކަމަށް ވެސް ބުނެފައިވެ އެވެ.
ސޯމާލިއާގައި ހަރަކާތްތެރިވަމުން އަންނަ ހަނގުރާމަވެރި ގްރޫޕް އަލް ޝަބާބާހުރެ އެ ގައުމު ދާހިލީ ހަނގުރާމައެއްގެ ތެރޭގައި އޮންނަތާ މިހާރު އެތަކެއް އަހަރެއްވެއްޖެ އެެވެ. އެ ގައުމުގައި އަމަން އަމާންކަން ނެގެހެއްޓުމުގެ ގޮތުން އެފްރިކަން ޔޫނިއަންގެ ފަރާތުން ކެންޔާ އަދި އިތިއޯޕިއާގެ ސިފައިން ގާއިމްވެ ތިބެއެވެ.