ނުވަ ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި ދެ ބިދޭސީއަކު އުމުރަށް ޖަލަށް

ސިލްވައި ޕްރިތިޕާން އާއި އެސް މާރިޔާ އެންތޮނީ ކްރިސްޓޮފާ --- ފޮޓޯ: ޕޮލިސް

މީގެ ހަތަރު އަހަރު ކުރިން ދިވެހީންގެ ބަޔަކާ ގުޅިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު އެއްލައްކަ ރުފިޔާ އިން ޖޫރިމަނާ ކުރުމާއެކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

އިންޑިއާގެ ޓުޓްކޮރިން އިން ރާއްޖެ އައި "ސިލްވާ ކްލައުޑް" ނަމަކަށް ކިޔާ އިންޑިއާގެ ލަކުޑި ބޯޓަކުން މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި އެމީހުން ހައްޔަރުކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

އެ މައްސަލާގައި އިންޑިއާގެ އަށް މީހަކާއި ދެ ދިވެހީން ހައްޔަރުކުރިއެވެ. ދައުވާ އުފުލި ބިދޭސީންގެ ތެރެއިން ކުށް ސާބިތުވީ ދެ ބިދޭސީއެއްގެ މައްޗަށެވެ. ދިވެހީންގެ ތެރެއިން ވެސް ކުށް ސާބިތުވީ ބައެއް މީހުންގެ މައްޗަށެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރިކަން މިއަދު ސާބިތުވީ ސިލްވައި ޕްރިތިޕާން އާއި އެސް މާރިޔާ އެންތޮނީ ކްރިސްޓޮފާ ނަކަމަށް ކިޔާ ދެ މީހެއްގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައި ބުނެފައި ވަނީ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމަށް އެ ދެ މީހުންގެ ތެރެއިން ސިލްވައި ޕްރިތިޕާން އިއުތިރާފުވެފައިވާ ކަމަށެވެ. ދެވަނަ މީހާގެ މައްޗަށް ކުށް ސާބިތުވީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އޭނާ އަމަލީގޮތުން ބައިވެރިވެފައިވާކަމަށް ހެކީންގެ ހެކިބަސް ލިބިފައިވާތީއެވެ.

އެމީހުން އެތެރެކުރި މަސްތުވާތަކެތި އެމްޕީއެލްގެ ފާރުމަތިން ވަނީ އެއްލާލައިފައެވެ. އެވަގުތު އެމްޕީއެލްގެ ބޭރުގައި ދިވެހީންގެ ބަޔަކު އެ މަސްތުވާތަކެއްޗާ ހަވާލުވާންގޮސް ތިއްބެވެ.

comment ކޮމެންޓް