ޗައިނާއަކީ ދުނިޔޭގެ ބޮޑު ބާރެއް، ޗައިނާއާ ގުޅުންތައް ބަދަހިކުރަން ބޭނުން: އެމެރިކާ

ޓިލާސަން

ވޮޝިންޓަން (ފެބްރުއަރީ 22): ޗައިނާއަކީ ދުނިޔޭގެ ބޮޑު ބާރެއްކަމަށްބުނެ ޗައިނާއާ ގުޅުންތައް ބަދަހިކުރަން ބޭނުންވާކަން އެމެރިކާ ހާމަކޮށްފިއެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން، ޗައިނާގެ އިސް މަސްއޫލު ވެރިއެއްކަމަށްވާ ވާންގް ޖީ އަށް ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި، ޗައިނާއާއި އެމެރިކާގެ ގުޅުންތައް ބަދަހިކުރަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަރުކާރުން ބޭނުންވާކަމަށް ވިދާޅުވިއެވެ. އަދި ޗައިނާއާމެދު ދުޝްމަންކަން ގެންގުޅެން ބޭނުންނުވާކަމަށްވެސް ވިދާޅުވިއެވެ.

ޗައިނާގެ ދައުލަތުގެ އިސް މުސްތަޝާރު ކަމުގެ މަގާމުގައި ހުންނެވި ވާންގް ޖީ އަކީ އެގައުމުގެ ޚާރިޖީ ވަޒީރަށްވުރެވެސް ސިޔާސީ ރޭންކްގެ ގޮތުން މަތީ މަގާމެއްގައި ހުންނެވި ބޭފުޅެވެ.

އެމެރިކާގެ ޚާރިޖީ ވަޒީރު ރިކްސް ޓިލާސަން، ވާންގް ޖީ އާއެކު ފޯނުން ދެއްކެވި ވާހަކަފުޅުގައި ދެގައުމުގެ އިގްތިސާދާއި ވިޔަފާރިއާބެހޭ މައްސަލަތަކާއި ޓެރަރިޒަމްގެ މައްސަލަތަކާއި ދުނިޔޭގެ ގައުމުތަކުގެ ސަރަހައްދީ ރޮނގުތައް ހުރަސްކޮށް މާފިޔާ ޖަމާއަތްތަކުން ހިންގާ ޖަރީމާތަކާބެހޭ މައްސަލަތަކާބެހޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ. އަދި އުތުރުކޮރެޔާއަކީ ސަރަހައްދީ ނުރައްކަލެއްކަމަށް އެމެރިކާގެ އިތުރުން ޗައިނާވެސް ދެކޭކަމަށް އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހާމަކުރިއެވެ.

ޓްރަމްޕް އެމެރިކާގެ ރައީސް ކަމަށް އިންތިޚާބުވެ ވަޑައިގެންނެވުމާއެކު ވަނީ ޗައިނާއިން އެގައުމުގެ ބައެއް ކަމަށް ދެކޭ ގައުމު ކަމަށްވާ ޓައިވާނުގެ ރައީސާ އާ ފޯނުން ގުޅުއްވައި ވާހަކަ ދައްކަވާފައިވެއެވެ. އެއަށްފަހު ޓްރަމްޕްވަނީ ޓައިވާނުގެ ރައީސާއަށް އިތުރުފަހަރަކު ފޯނުންގުޅުއްވައި އެކަމަނާގެ ސިޔަސަތު ތަކަށް ތާރީފު ކުރައްވައި ބަޔާނެއްވެސް ދެއްވާފައެވެ. މިއާއެކު، ޗައިނާ ސަރުކާރުން ގެންގުޅޭ އެއްޗައިނާގެ ސިޔާސަތަށް ޓްރަމްޕްގެ ސަރުކާރުން ތާއީދު ނުކުރައްވަފާނެ ކަމަށް ހީވެގެން ދިޔައެވެ. އެއަށްފަހު ޓްރަމްޕް ވަނީ އެމެރިކާގެ ކުންފުނިތަކުން ޗައިނާގައި އިންވެސްޓް ކުރާމިންވަރުގެ ބޮޑުކަމާމެދުވެސް ކަންބޮޑުވާކަން ހާމަކުރައްވާފައެވެ. މީގެއިތުރުން ދެކުނު ޗައިނާ ކަނޑުގައިވާ ޖަޒީރާތަކެއްގެ މިލްކުވެރިކަމާމެދު ޗައިނާ ގެންގުޅޭ ސިޔާސަތުތަކަށް ޓްރަމްޕްގެ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިންވަނީ ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައިވެއެވެ. ނަތީޖާއެއްގެ ގޮތުން ދުނިޔޭގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާ ޗައިނާއާމެދު ޓްރަމްޕްގެ ސަރުކާރުން ގެންގުޅޭނީ ކޮންބާވަތެއްގެ ސިޔާސަތެއްތޯ ވަނީ ސުވާލު އުފެދިފައެވެ.

ނަމަވެސް މިމަހުގެ ކުރީކޮޅު ޓްރަމްޕް ވަނީ ޗައިނާގެ ރައީސް ޝީޖިންޕިންގް އާ ފޯނުން ގުޅުއްވައި ޗައިނާ ސަރުކާރުން ގެންގުޅޭ އެއްޗައިނާގެ ސިޔާސަތަށް ތާއީދު ކުރައްވާކަން ޗައިނާގެ ރައީސަށް ކަށަވަރުކޮށް ދެއްވާފައެވެ.

ޗައިނާގެ ސީސީޓީވީން ވަނީ އެއްޗައިނާގެ ސިޔާސަތަކީ ޗައިނާ އާއި އެމެރިކާއާ ދެމެދު ގުޅުންތައް ބިނާވެގެންދާނެ އަސާސް ކަމަށް އިޢުތިރާފްވެ ވަޑައިގަންނަވާކަން ޓްރަމްޕް ޗައިނާގެ ރައީސަށް ކަށަވަރުކޮށް ދެއްވިކަން ބަޔާންކޮށްފައެވެ. (ރޮއިޓާސް)

comment ކޮމެންޓް