ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުގައި ޔުވެންޓަސް އިން ބޮނޫޗީ ނުފެންނާނެ: އަލެގްރީ

ޔުވެންޓަސްގެ ކޯޗު އަލެގްރީ(ކ) އަދި ޑިފެންޑަރު ބޮނޫޗީ: ބޮނޫޗީ ވަނީ އަލެގްރީއާ ދިމާލަށް ބޭއަދަބީ ބަސްތަކެއް ރައްދުކޮށްފައި ---

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުގައި އަހްލާގީ މައްސަލައަކާ ކުރިމަތިލަމުންދާ ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ނުފެންނާނެ ކަމަށް އެކްލަބުގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ބުނެފި އެވެ.

މިދިޔަ އާދީއްތަ ދުވަހު އިޓާލިއަން ސެރީއާގައި ޕަލާމޯއާ ދެކޮޅަށް ކުޅެ 4-1 ލަނޑުން ޔުވެންޓަސް މޮޅުވި މެޗުގައި ބޮނޫޗީ ވަނީ އެޓީމުގެ ކޯޗު އަލެގްރީއަށް ބޭއަދަބީ ބަސްތަކެއް ރައްދުކޮށްފަ އެވެ.

މެޗުގައި ބޮނޫޗީ ނުފެންނާނެ ކަމަށް އަލެގްރީ ބުނި ނަމަވެސް، ޕޯޓޯއާ ދެކޮޅަށް ނުކުންނަ ޔުވެންޓަސްގެ ސްކޮޑުގައި ބޮނޫޗީގެ ނަން ވަނީ ހިމަނާފަ އެވެ. އޭނާއަކީ އާންމުކޮށް އެޓީމުގެ ފުރަތަމަ 11ގައި ހިމެނި، މުހިންމު ދައުރެއް އަދާކުރަމުންދާ ސީނިއާ ކުޅުންތެރިއެކެވެ.

"މެޗުގައި އޭނާއެއް ނުފެންނާނެ. އޭނާ އިންނާނީ ކުޅި ބަލަން. އޭގެ މާނައަކީ އެކަން މާ ބޮޑު ކަމަކަށް ހެދުމެކޭ ނޫން. ކްލަބަށާއި ޓީމު އަދި ސަޕޯޓަރުންނަށް މިއީ އެންމެ ރަނގަޅު ނިންމުން ކަމުގައި އަހަރެން ދެކެން. މިހާ ހިސާބުން އެ މައްސަލަ ނިމުނީ. ބޮނޫޗީއަށް މި ނިންމުން ވިސްނޭނެ. އޭނާއަކީ ޔުވެންޓަސްއަށް މުހިންމު ކުޅުންތެރިއެއް. މިއީ ކުރިމަގަށް ވެސް ރަނގަޅު ނިންމުމަކަށް ވާނެ،" ޔުވެންޓަސްގެ ކޯޗު އަލެގްރީ ބުންޏެވެ.

އަލެގްރީ ބުނީ، ބޮނޫޗީގެ އެ އަމަލަކީ ރަނގަޅު އަމަލެއް ނޫން ކަމަށާއި އެ މެޗުގައި ސަޕޯޓަރުންގެ ތެރޭގައި ކުޑަކުދިން ވެސް ހިމެނުނު ކަމަށެވެ. އަދި އެކަން އެއީ ވެދިޔަ ކަމެއްގެ ގޮތުގައި ބެލުމަށް ވެސް އެލެގްރީ ބުންޏެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި ޕޯޓޯއާ ދެކޮޅަށް ރަށުން ބޭރުގައި ޔުވެންޓަސް ނުކުންނާނީ މިރޭ 12:45ގަ އެވެ.

comment ކޮމެންޓް