ނަތީޖާ ރަނގަޅު ކުރަން އއ. އަދި އދ. އަތޮޅުގެ ސްކޫލްތަކަށް އެޑޮޕްޝަން ޕްރޮގްރާމެއް ފަށައިފި

ނަތީޖާ ރަނގަޅު ކުރަން އއ. އަދި އދ. އަތޮޅުގެ ސްކޫލްތަކަށް މިއަދު ފެށި އެޑޮޕްޝަން ޕްރޮގްރާމް ފެށުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ/ އެޑިއުކޭޝަން

ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އއ. އަދި އދ. އަތޮޅުގެ ސްކޫލްތަކަށް ޚާއްސަކޮށްގެން ސްކޫލް އެޑޮޕްޝަން ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމްގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ އެ ޕްރޮގްރާމް ފަށްޓަވައި ދެއްވީ ވެސް މިނިސްޓަރެވެ.

ހިރިޔާ ސްކޫލުގައި މިއަދު ފެށި އެ ބައްދަލުވުމުގައި ސްކޫލްތަކުގައި ފަސް މާއްދާއިން ފާސްވާ ދަރިވަރުންގެ އަދަދު އިތުރުކޮށް އަދި ދަރިވަރުންގެ ނަތީޖާ ރަނގަޅުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާ ކުރާނެއެވެ.

އެގޮތުން، ޕްރޮގްރާމްގެ ތެރެއިން ވޭތުވެދިޔަ އަހަރުތަކުގެ ސްކޫލްތަކުގެ ވަކިވަކި ނަތީޖާތަކާއި މެދު މަޝްވަރާކުރެވި، އެ ނަތީޖާތަކުގެ އަލީގައި ކުރިއަށް އޮތްތަނުގައި ކިޔަވައިދިނުމުގައި އިތުރަށް ސަމާލުކަންދޭންވީ ކަންކަން ފާހަގަކޮށް، އެކަންކަމަށް މަސައްކަތް ކުރެވިގެންދާނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، ޕްރޮގްރާމްގެ ދަށުން ޕްރޮގްރާމް ހާއްސަކޮށްފައިވާ ދެ އަތޮޅުގެ ޕްރިންސިޕަލުންނާ މަހަކު އެއް ފަހަރު ބައްދަލުކޮށް، މަހުން މަހަށް ސްކޫލްތަކުގެ ނަތީޖާތައް އަޅާ ކިޔާނޭ ކަމަށެވެ.

ސްކޫލްތަކުގެ ނަތީޖާ ރަނގަޅު ކުރުމަށްޓަކައި އެޑޮޕްޝަން ޕްރޮގްރާމް ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި ފުރަތަމަ ކުރިއަށް ގެންދިޔައީ ކ. އަތޮޅުގެ ސްކޫލްތަކަށް ހާއްސަކޮށްގެންނެވެ.

އެގޮތުން އެ ޕްރޮގްރާމްގެ ދަށުން ކުރެވުނު މަސައްކަތްތަކުން ކ. އަތޮޅުގެ ހުރިހާ ސްކޫލަކަށް ވެސް މިދިޔަ އަހަރުގެ ސާނަވީ ތައުލީމް ނިންމުމުގެ އިމްތިހާނުން ވަނީ ފެނިގެން ގޮސްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މިއަހަރުގެ ސްކޫލް އެޑޮޕްޝަން ޕްރޮގްރާމް އއ. އަދި އދ. އަތޮޅަށް ފެށިއިރު، މިދިޔަ ހަފްތާ ބަންދުގައި އައްޑޫ ސިޓީގައި ވެސް އެ ޕްރޮގްރާމް ހިންގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ތެރޭގައި ހދ. ނ. ބ. އަދި ލ. އަތޮޅުގެ ސްކޫލްތަކަށް އެޑޮޕްޝަން ޕްރޮގްރާމް ފެށުމަށް ވަނީ ހަމަޖެހިފައެވެ.

comment ކޮމެންޓް