މިދިޔަ ފެބްރުއަރީއާއި މާރިޗުގައި އޯލެވެލް އިމްތިހާނު ހެދި ދަރިވަރުންގެ ނަތީޖާ މިއަދު ދޫކުރަން ފަށައިފިއެވެ.
އެ އިމްތިހާނުގައި މި އަހަރު 8،218 ދަރިވަރުން ބައިވެރިވިއެވެ. މާލޭގައި 21 ސެންޓަރެއްގައި އޯލެވެލް ހެދިއިރު، އަތޮޅުތެރޭގައި 246 ސެންޓަރެއްގައި އެ އިމްތިހާނު ހެދިއެވެ.
ޑިޕާޓުމަންޓް އޮފް ޕަބްލިކް އެގްޒަމިނޭޝަން (ޑީޕީއީ)އިން ބުނި ގޮތުގައި، އެ ނަތީޖާތައް ދޫކުރަން ފެށީ މިއަދު 12:00 ގައެވެ.
މި ގޮތުން، އަމިއްލަ ގޮތުން އޯލެވެލްގައި ބައިވެރިވި ދަރިވަރުންގެ ނަތީޖާ ހޯދުމަށް އެހެން މީހަކު ފޮނުވާނަމަ، ދަރިވަރުގެ އައީޑީކާޑާ ހަވާލުވާ މީހާގެ އައިޑީކާޑު ގެންދަން ޑީޕީއީއިން އިރުޝާދު ދީފައިވެއެވެ.
މިހާރު ނަތީޖާ ދޫކުރަނީ، މި އަހަރު ފުރަތަމަ އޯލެވެލް ހެދި ދަރިވަރުންގެއެވެ. މި އަހަރުގެ އޮކްޓޯބަރު، ނޮވެންބަރުގައި ގްރޭޑު ދިހައެއްގައި މިހާރު ކިޔަވާ ދަރިވަރުން އޯލެވެލް ހަދާނެއެވެ.
ފާހަގަކުރެވޭ ގޮތުގައި، މިދިޔަ އަހަރު ސަރުކާރުން ވަނީ އޯލެވެލްގައި ބައިވެރިވާ ދަރިވަރުން ހަތަރު މާއްދާ ހަދަން ޖެހޭ ގޮތަށް މަޖުބޫރުކޮށްފައެވެ. އެއީ، އިސްލާމާއި ދިވެއްސާއި ހިސާބާއި އިނގިރޭސި މާއްދާއެވެ. އެ މާއްދާތަކަށް ފައިސާ ދައްކާނީ ސަރުކާރުންނެވެ.