ކެމިކަލް ޖެހި ސަބަބެއް ނޭނގެ، ކުރިން އެފަދަ އިންޒާރެއް ވެސް ލިބިފައެއް ނެތް: އާއިލާ

ދުވާފަރު: އެ ރަށުން މީހެއްގެ މޫނަށް ކެމިކަލް ޖެހުމުގެ ސަބަބުން އަންނަނީ ފަރުވާ ދެމުން --- ފޮޓޯ: ޕެނަރޯމިއޯ

ރޭ ފަތިހު ފަތިސް ނަމާދަށް ދިޔަ މަގުމަތީ މޫނަށް ކެމިކަލް ޖަހައި ޒަހަމްކޮށްލި ރ. ދުވާފަރު ނީލަމްގޭ، އިބްރާހިމް މުހައްމަދު، 71، އަށް މީގެ ކުރިން އެއްވެސް މީހަކު އެއްވެސް ކަހަލަ އިންޒާރެއް ދީފައި ނުވާކަމަށް އާއިލާއިން ބުނެފިއެވެ.

އެ ހާދިސާ ހިނގި ހިސާބުން ފެށިގެން އިބްރާހިމް މުހައްމަދަށް އެ ރަށު ސިއްހީ މަރުކަޒުންނާއި އެ އަތޮޅު އުގޫފާރު ރީޖަނަލް ހޮސްޕިޓަލުން ވަނީ ފަރުވާ ދީފައެވެ. އަދި އިތުރު ފަރުވާއަށް މިއަދު މެންދުރު އޭނާ ވަނީ މާލެ ގެނެސްފައެވެ.

"ކުރިން އެއްވެސް ވަރަކަށް މީހެއްގެ ފަރާތަކުން ނެތް އެއްވެސް ކަހަލަ އިންޒާރެއް ލިބިފައެއް. ހުރިހާ އެންމެނަށް ވެސް ލިބުނީ ޝޮކެއް. ނޭނގެ ކީއްވެ ކުރި ކަމެއް ކަމެއް ވެސް،" އިބްރާހިމްގެ ތިމާގެ މީހެއް 'ސަން'އަށް ކިޔައިދިނެވެ.

އޭނާ ބުނީ އިބްރާހިމް މުހައްމަދަކީ އެއް އިރެއްގައި ވެސް މީހުންނާ ޒުވާބުކޮށް އުޅޭ މީހެއް ނޫން ކަމަށާއި އެއްވެސް މީހަކާ މައްސަލައެއް ވެސް ޖެހިފައިވާ ކަމެއް އެގިފައި ނުވާ ކަމަށެވެ.

މިއަދު މެންދުރު ފަހު 12:20ގެ ފްލައިޓުން މާލެ ގެނެސް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗު)ގައި އިބްރާހިމް މުހައްމަދަށް ފަރުވާ ދެމުންދާއިރު މިހާރު އޭނާގެ ހާލު އަންނަނީ ރަނގަޅު ވަމުންނެވެ.

"މާލެ ގެނައި އިރު ދެ ލޯ ވެސް ނުހުޅުވޭ. ނަމަވެސް މިހާރު ވާތު ލޯ ވަނީ ހުޅިވިފައި އަދި ކަނާތު ލޮލުގައި ބޭސް އަޅާފައި. އެ ލޮލަށް ލިބިފައި ހުރި ގެއްލުމެއް ބުނަން އެނގޭނީ ބޭސްގަނޑު ނެއްޓުމުން،" އިބްރާހިމް މުހައްމަދުގެ ދަރިއެއް ކިޔައިދިނެވެ.

އާއިލާއާ އެކު އަމިއްލަ ރަށުގައި ދިރުއުޅެމުންދާ އިބްރާހިމް މުހައްމަދުގެ އަންބަކާއި ދެ އަންހެން ދަރީންގެ އިތުރުން ހަތަރު ފިރިހެން ދަރިން ވެސް ތިބެއެވެ.

ދީނީ ކަންކަމަށް ހާއްސަ އިސްކަމެއްދޭ އިބްރާހިމް މުހައްމަދު ކުރިން މަސްވެރިކަން ކުރި ނަމަވެސް މިހާރު އޭނާ ހަރަކާތްތެރިވަނީ ޖަމާއަތްތެރިއެއްގެ ގޮތުގައެވެ.

ކެމިކަލް ހަމަލާގެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުންދާއިރު، އެ މައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ނުކުރާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފަހުކޮޅުގައި ށ. ޅައިމަގުގައި ވެސް ވަނީ އަންހެނެއްގެ މޫނަށް ކެމިކަލް ޖަހައިފައެވެ. އެ މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

comment ކޮމެންޓް