ގަދަހަދާނަމަ ގަދަކަމުން ވެސް އާ ރަށަށް ގެންދާނެ ކަމަށް ޖަލީލު އެންގެވި: ރައީސް ޔާމީން

ރިޝްވަތުގެ ތުހުމަތުގައި 2010 ވަނަ އަހަރު ރައީސް ޔާމީން ހައްޔަރު ކުރުމުން، ބަންދުގެ މުއްދަތު އިތުރު ކުރި މައްސަލައިގެ އިސްތިއުނާފު އަޑުއެހުމަކަށްފަހު ހައި ކޯޓުން ނުކުންނަވަނީ-- ސަން ފޮޓޯ/ އަލީ ނަސީރު

އާ ރަށަށް ދިޔުމަށް ދެކޮޅު ހައްދަވާނަމަ ގަދަކަމުން ވެސް އެ ރަށަށް ގެންދަވާނެ ކަމަށް ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލު އެންގެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު ރައީސް ޔާމީން ފުލުހުންގެ ތަހުގީގަށް ދެއްވި ބަޔާނުގައި ވަނީ ރައީސް ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު އާރަށުގައި ބެހެއްޓި މައްސަލައިގެ ކަން ހިނގި ގޮތް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ރައީސް ޔާމީން ވިދާޅުވީ 2010 ވަނަ އަހަރުގެ ޖުލައި މަހުގެ 14 ވަނަ ދުވަހުގެ ރޭ ގާތްގަނޑަކަށް 8:00 ހާއިރު އޭރުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ދިރިއުޅުއްވި ގ. އާބިން ގެއަށް ވަޑައިގެން އޭނައާ ބައްދަލު ކުރެއްވި ކަމަށެވެ.

އެގޭގައި ހުންނަވަނިކޮށް، އާޓިފިޝަލް ބީޗުގައި އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާ ޓީވީން ލައިވްކޮށް ދައްކަމުން ދިޔަ ކަމަށާއި އެމަނިކުފާނު ހުންނަން ޖެހޭނީ ޖަލު ގޮޅީގައި ކަމަށް ޖަލްސާގެ ވާހަކަ ދެއްކި މީހުން ބުނަމުންދިޔަ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އެގޭގައި ހުންނަވަނިކޮށް އޭރު ދިރިއުޅުއްވި ގެ ކަމުގައިވާ ގ. ދޫވެހި ކައިރިއަށް އެއްވެ އަޑުގަދަކޮށް ހަޅޭލައްވައި ގެއަށް ގަލާއި ފުޅިފަދަ ތަކެތި އުކައި ގެއްލުންދީފައިވާ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލު ވަޒީރު ކަމުގެ ފަތްކޮޅު ހަވާލު ކުރުން -- ސަން ފައިލް ފޮޓޯ

ރައީސް ވިދާޅުވީ އޭގެ އިރުކޮޅެއްފަހުން މޫސާ އަލީ ޖަލީލު ގުޅުއްވައި ހިމާޔަތްދޭން ބޭނުންވާ ކަމަށާއި އެމަނިކުފާނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ކަމަށް ވިދާޅުވި ކަމަށެވެ.

"ނަމަވެސް އަޅުގަނޑު ހިމާޔަތް ބޭނުންނުވާ ކަމަށާއި ހިމާޔަތްދޭން ބޭނުންނަމަ ގޭގައި އަންހެނުންނާއި ދަރިން ތިބި ކަމަށާއި ގެ ހިމާޔަތްކޮށްދެއްވުމަށް ބުނީމެވެ. އެގޮތަށް އަޅުގަނޑު މޫސާ އަލީ ޖަލީލު ގާތު ބުނި ނަމަވެސް ތަކުރާރުކޮށް އަޅުގަނޑު ގާތު ބުނަމުން ދިޔައީ އިތުރު ގޮތެއް ނެތް ކަމަށާއި މިހާރުން މިހާރަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސްފޯސްގެ ހެޑްކުއާޓާސްއަށް އައުމަށެވެ،" ރައީސް ތަހުގީގުގައި ވިދާޅުވެފައި ވެއެވެ.

ފަސް ވަރަކަށް ފަހަރު މޫސާ އަލީ ޖަލީލު ގުޅުއްވި ކަމަށާއި ހިމާޔަތް ބޭނުން ނުވާ ކަމަށް ތަކުރާރުކޮށް ވިދާޅުވި ކަމަށް ރައީސް ޔާމީންގެ ބަޔާނުގައިވެ އެވެ.

"އެންމެފަހުން މޫސާ އަލީ ޖަލީލު އަޅުގަނޑަށް ފޯނުން ގުޅިފަހަރު އޭނާ އަށް އިތުރުގޮތެއް ނެތް ކަމަށާއި އަޅުގަނޑު ހުރިތަނަކަށްގޮސް ދޮރުވައްޓާލާފައި ގަދަކަމުން ވަދެގެން ވެސް އަޅުގަނޑު ގެންދަން މަޖުބޫރުވާ ކަމަށް ދެންނެވުމުން، މީހެއްގެ ގެއަށް ގެއްލުންލިބެން އަޅުގަނޑު ބޭނުންނުވާތީ އެމްއެންޑީއެފްއަށް ދާނެ ކަމަށް ބުނެ، ގ. އާބިން ގެއިން 15 ޖުލައި 2010 ވަނަ ދުވަހުގެ 00:00 ހާއިރު ނުކުތް ވަގުތު އެގޭކައިރީ އެމްއެންޑީއެފްގެ މީހުން ވެހިކަލްގައި އައިސް ތިއްބެވެ."

ބަންޑާރަކޮށްޓަށް ގެންދިޔުމަށްފަހު އާ ރަށަށް ގެންދިޔައީ ފަތިސް ވަންދެން އެތަނުގައި ބެއިންދުމަށްފަހު ކަމަށާއި އޭރު އެމަނިކުފާނުގެ ގާނޫނީ ވަކީލު އާއިޝަތު އާޒިމާ ޝަކޫރު ވެސް ބަންޑާރަކޮށްޓަށް ވަޑައިގެންނެވި ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެމްއެންޑީއެފްގެ ހެޑްކުއާޓާސްގައި ބައިންދައި އެދުވަަހުގެ ފަތިހުގެ ވަގުތެއްގައި އަޅުގަނޑަށް ހިމާޔަތްދިނުމުގެ ގޮތުން ކ. އާރަށަށް ގެންދަން ބޭނުންވާ ކަމަށާއި އެ ނޫން އެއްވެސް ގޮތެއް ނޯންނާނެ ކަމަށާއި ނުދާން ގަދަހަދާނަމަ ގަދަކަމުން ވެސް ގެންދާނެ ކަމަށް މޫސާ އަލީ ޖަލީލު އެތަނަށް އައިސް ބުންޏެވެ،" ރައީސް ތަހުގީގުގައި ވިދާޅުވިއެވެ.

އާރަށަށް ގެންދިޔައީ ގައިގައި އަތްލައިގެން ގަދަކަމުން ނުގެންދިޔުމަށް އެދެމުން ދަނިކޮށް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އިތުރު ގޮތެއް ނެތިއްޔާ އެމްއެންޑީއެފްގެ ބޭފުޅުންނާއެކު ދާންޖެހޭނެ ކަމަށް އަމިއްލަފުޅަށް ސިފައިންނަށް ދަންނަވާފައިވާނެ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި 100 ފޫޓަށްވުރެ ދުރަށް ނުދެވޭނެހެން އެމަނިކުފާނު އާރަށުގައި ބެހެއްޓީ ބަންގަލޯއެއްގައެވެ. އާރަށުގައި ބެހެއްޓިއިރު ފޯނު އަތުލާފައިނުވާ ކަމަށާއި އެތަނުގައި ހުރެ އެކި ގައުމުތަކުގެ ޑިޕްލޮމޭޓުންނަށާއި އެކި ގައުމުތަކުގެ ސަފީރުންނަށް ގުޅައި އެ މައުލޫމާތު ހިއްސާކުރައްވާފައިވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނުވަ ދުވަހުގެ މުއްދަތަށް އެމަނިކުފާނު އާ ރަށުގައި ބެހެއްޓިއިރު އާއިލާއާ ބައްދަލުކުރަން އެއްގަޑިއިރު ނުވަތަ ދެ ގަޑިއިރު ދީފައިވާ ކަމަށާއި އަދި ވަކީލުންނާ ބައްދަލުކުރަން 45 މިނިޓްދިން ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔޫއެސް ޑިޕްލޮމޭޓް އޭރުގެ ރައީސް ނަޝީދާއި އޭރުގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދާ ބައްދަލު ކުރައްވައި ވާހަކަދެއްކެވި ފަހުން އަނބިކަނބަލުންނާއި ދަރިންނަށް އާ ރަށުގައި ތިބެވޭނެ އިންތިޒާމް ހަމަޖެއްސި ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނު ބަންދުން ދޫކޮށްލީވެސް ޔޫއެސް ޑިޕްލޮމޭޓްގެ އެދިވަޑައިގަތުމަކަށެވެ.

comment ކޮމެންޓް