އިރުމަތީ ލީބިޔާގެ އަންހެނުން މަހުރަމަކާ ނުލައި ގައުމުން ބޭރަށް ދަތުރުކުރުން މަނާކޮށްފި

ލީބިޔާގައި އޮތް މުއައްމަރުލް ގައްޒާފީގެ ވެރިކަން ވައްޓާލިތާ ހަ އަަހަރު ފުރުން ފާހަގަ ކުރަނީ -- ފޮޓޯ: އޭއެފްޕީ

ތަރާބުލުސް (ފެބްރުއަރީ 21): އިރުމަތީ ލީބިޔާގެ 60 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި ގައުމުން ބޭރަށް ދަތުރުކުރުން އިރުމަތީ ލީބިޔާގެ ސަރުކާރުން މަނާކޮށްފި އެވެ.

އިރުމަތީ ލީބިޔާގެ ޖެނެރަލް އަބްދުއްރައްޒާގު އަލް ނަދޫރީ ވިދާޅުވި ގޮތުގައި އެފިޔަވަޅު އަޅާފައި ވަނީ ގައުމުން ބޭރަށް ދާ އަންހެނުން ޖާސޫސު ކުރުމުގެ މައްސަލަތަކެއް ފެންމަތިވުމާ ގުޅިގެންނެވެ.

"އުމުރުން 60 އަހަރުން ދަށުގެ އަންހެނުން މަހުރަމަކާ ނުލައި ދަތުރުކުރުން މަނާ ކުރީ ދީނީ ނުވަތަ ސިޔާސީ ސަބަބުތަކާ ހެދި އެއް ނޫން. ނަމަވެސް އެއީ ގައުމީ ސަލާމަތަށްޓަކައި،" ޖެެނެރަލް އަބްދުއްރައްޒާގު ވިދާޅުވި އެވެ.

ޖެނެރަލް ރައްޒާގު ވަނީ ލީބިޔާގެ ފަސްގަނޑުގައި އަންހެނުން ތިބިހާ ހިނދަކު އެމީހުންގެ މިނިވަންކަމަށް އިހުތިރާމު ކުރާ ކަމަށާއި ނަމަވެސް އެމީހުން ގައުމުން ބޭރަށް ދިޔުމުން ބަލަހައްޓަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ލީބިޔާގައި އޮތް ކާނަލް މުއައްމަރުލް ގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލި ފަހުން އެގައުމުގައި އިދިކޮޅު ސަރުކާރުތައް އުފެދި، ގައުމުގެ އެކި ސަރަހައްދުތަކަށް އައިއެސް ފަދަ ހަނގުރާމަވެރި ޖަމާއަތްތަކުން ވަނީ ވެރިވެފަ އެވެ. (މިޑްލްއީސްޓްއައި)

ގުޅޭ ޓެގު
comment ކޮމެންޓް