"ބަހަށް ހިދުމަތެއް ކޮށްދޭން، ރީތި ދިވެހި ބަހުން ވާހަކަ ދައްކާ"

ދިވެހި ބަހުގެ އެކަޑެމީ ރައީސް އަޝްރަފް ސަން އަށް އިންޓަވިއޫ ދެއްވަނީ-- ސަން ފޮޓޯ: ފަތުހުﷲ ޔާމީން

ބަހަށް ހިދުމަތެއް ކުރުމަށްޓަކައި އެކި ބަސްތަކާއި ދިވެހި ބަސް މަސްހުނި ނުކޮށް ރީތި ދިވެހި ބަހުން ވާހަކަ ދެއްކުމަށް ބަހުގެ އެކަޑެމީއިން އިލްތިމާސްކޮށްފިއެވެ.

ބައިނަލްއަގުވާމީ މާދަރީ ބަހުގެ ދުވަހާއި ގުޅިގެން ސަން އަށް ދެއްވި އިންޓަވިއޫއެއްގައި ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަފް އަލީ ވިދާޅުވީ އާންމު ދިރިއުޅުމުގައި ވާހަކަ ދައްކާއިރު ދެ ބަސް މަސްހުނި ކުރުމުގެ ބަދަލުގައި ރީތި ދިވެހި ބަހުން ވާހަކަ ދައްކަން އިލްތިމާސްކުރާ ކަމަށެވެ.

"ވާހަކަ ދައްކާއިރު ސީދާ ރީތި ދިވެހި ބަހުން ވާހަކަ ދެއްކުމުގެ އާދަ ގެންގުޅެންޖެހޭ، އެއީ ދިވެހިބަހަށް ކޮށްދެވޭނެ އެންމެ ބޮޑު ހިދުމަތަކީ، ބަހުން ވާހަކަ ދެއްކުން، ސާފު ދިވެހި ބަހުން ވާހަކަ ދެއްކުން،" އަޝްރަފް ވިދާޅުވިއެވެ.

ދިވެހިންނަކީ ކޮން ބައެއްކަން ކަނޑައަޅައިދޭ ހަމައެކަނި ރަމްޒަކީ ދިވެހި ބަސް ކަމުގައިވާއިރު ދިވެހި ބަހުން ރީތިކޮށް ވާހަކަ ދައްކަން ދަސްކޮށްދިނުމަށް ދައުލަތުގެ ވުޒާރާތަކާއި އާންމުންނަށް އަމާޒުކޮށްގެން ކޯސްތައް ހިންގަމުން އަންނަ ކަމަށް އަޝްރަފް ވިދާޅުވިއެވެ.

ދިވެހި ބަހުން ވާހަކަ ދައްކާއިރު އެހެން ބަސްތަކާއި މަސްހުނި ކުރުމަކީ ޅަދަރިންނަށް ހަގީގީ ބަސް އޮޅޭނެ ސަބަބެއް ކަމަށް އަޝްރަފް ވިދާޅުވިއެވެ.

"ކުދިންނާއި ވާހަކަ ދައްކާއިރު ބަސް މަސްހުނިނުކޮށް އިނގިރޭސި ބަހުން ވާހަކަ ދައްކާނަމަ ރީތި އިނގިރޭސި ބަހުން، ދިވެހި ބަހުން ވާހަކަ ދައްކާނަމަ ރީތި ސާފު ދިވެހިބަހުން ދައްކަންވާނީ، ދެބަސް މަސްހުނި ކުރުމަކީ ދެބަހަށްވެސް އޮޅުން ބޮޅުންތަކެއް ކުއްޖާއަށް އަންރާނެ ކަމެއް،" އަޝްރަފް ވިދާޅުވިއެވެ.

ޔުނެސްކޯއިން މިއަހަރުގެ މާދަރީ ބަހުގެ ޝިއާރަކީ "ގިނަ ބަސްތަކުގެ ތައުލީމްގެ ވަސީލަތުން ދެމެހެއްޓެނުވި މުސްތަގުބަލްތަކަށް ދިއުމުގެ ފުރުސަތު ފޯރުކޮށްދިނުމެވެ."

މާދަރީ ބަހުގެ ގޮތުގައި ޔުނެސްކޯއިން މިދުވަސް ފާހަގަ ކުރަނީ ބައެއް ބަސްތައް އުވިގެން ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާތީއެވެ. ނަވާރަ ސަތޭކަ ފަންސާހުގެ އަހަރުތަކުގައި ބަނގުލަދޭސްގެ ކޮލެޖް ކުދިންކޮޅެއް ވަނީ އެއަހަރުގެ މިދުވަހު އެމީހުންގެ ބަހައްޓަކައި ޝަހީދުވެފައެވެ. މިދުވަސް ހާއްސަ ވަނީ އެކުދިންނަށެވެ.

comment ކޮމެންޓް