ޓްރާންސްފާ މައްސަލާގައި ނޭމާ ކޯޓަށް ހާޒިރުކުރަނީ

ބާސެލޯނާގެ ބްރެޒިލް ތަރި ނޭމާ: ޓްރާންސްފާ މައްސަލަ ސާބިތުވެއްޖެނަމަ ނޭމާއާއި އޭނާގެ ބައްޕައަށް ދެ އަހަރުގެ ޖަލު ހުކުމެއް އަންނާނެ --- ފޮޓޯ/ އޭޕީ

ބްރެޒިލްގެ ސަންޓޯސްއިން ސްޕެއިންގެ ބާސެލޯނާއަށް ނޭމާ ބަދަލުވުމުގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ އަޑުއެހުމަށް ނޭމާ ކޯޓަށް ހާޒިރުވާން ޖެހިއްޖެއެވެ.

ނޭމާގެ ޓްރާންސްފާ މައްސަލައިގެ ފަހު އަޑުއެހުމުން ވެސް އޭނާއަށް ކާމިޔާބެއް ވަނީ ނުލިބިފައެވެ.

އެ މައްސަލާގައި ނޭމާގެ އިތުރުން ބާސާއާއި، ސަންޓޯސް އަދި ނޭމާގެ އާއިލާއިން ހިންގަމުންދާ ކުންފުންޏަށް ވެސް ކޯޓަށް ހާޒިރުވާން ޖެހޭނެއެވެ. އެ މައްސަލައަކީ ބްރެޒިލްގެ އިންވެސްޓްމަންޓް ކުންފުންޏެއް ކަމަށްވާ ޑީއައިއެސް އިން ހުށަހަޅާފައިވާ މައްސަލައެކެވެ.

އެ މައްސަލަ ނޭމާގެ މައްޗަށް ސާބިތުވެއްޖެނަމަ އޭނާއާއި އޭނާގެ ބައްޕައަށް ދެ އަހަރުގެ ޖަލު ހުކުމަކާއެކު، ދިހަ މިލިއަން ޑޮލަރުން ޖޫރިމަނާކުރާނެއެވެ. ނޭމާއާއި އޭނާގެ ބައްޕައަށް ޖަލު ހުކުމެއް އައި ކަމުގައިވިޔަސް، ސްޕެއިންގެ ގާނޫނު ބުނާގޮތުން އެފަދަ ކުށެއް ސާބިތުވާ ފުރަތަމަ ފަހަރު އެ ހުކުމް ތަންފީޒެއް ނުކުރާނެއެވެ.

ޓްރާންސްފާގައި މަކަރު ހަދާފައިވާ ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ ސާބިތުވެއްޖެނަމަ ބާސާ ނުވަ މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ސަންޓޯސް ހަތް މިލިއަން ޑޮލަރުން ޖޫރިމަނާކުރާނެއެވެ.

ބާސާއިން 2013 ވަނަ އަހަރު ނޭމާ ގަތުމަށްޓަކައި ސަންޓޯސްއަށް 17.1 މިލިއަން ޔޫރޯއާއެކު 40 މިލިއަން ޔޫރޯ ދީފައިވެއެވެ. އެހެންނަމަވެސް ނޭމާ ގަތުމަށްޓަކައި ބާސާއިން 86 މިލިއަން ޔޫރޯ ހަރަދުކޮށްފައިވާ ކަމަށް އެކްލަބުން ބުނެއެވެ.

comment ކޮމެންޓް