މިއަހަރު ވެސް އީގަލްސްގެ ކެޕްޓަނަކަށް އިންމަ

އީގަލްސްގެ ކެޕްޓަނަކަށް ހަމަޖެއްސި އިމްރާން ނަޝީދު(ވ): އޭނާ ދަނީ މިދިޔަ އަހަރުން ފެށިގެން އެކްލަބުގެ ކެޕްޓަންކަމުގެ ދައުރު އަދާކުރަމުން --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ވެސް އީގަލްސްގެ ކެޕްޓަނަކަށް އިމްރާން ނަޝީދު (އިންމަ) ހަމަޖައްސައިފި އެވެ.

ފާއިތުވި އަހަރުތަކުގައި އީގަލްސްގެ މެދުތެރޭގައި މުހިންމު ދައުރެއް އަދާކުރަމުންދާ އިންމައަކީ މިދިޔަ އަހަރު ވެސް އެޓީމުގެ ކެޕްޓަންކަމުގެ ދައުރު އަދާކުރި ކުޅުންތެރިޔާއެވެ.

މިދިޔަ ސީޒަނުގައި އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދީ އިންމަގެ ކެޕްޓަންކަމުގެ ދަށުންނެވެ. މިދިޔަ އަހަރު އީގަލްސްއަށް އިންމަ ދެއްކި މޮޅު ކުޅުމާއެކު އޭނާއަށް ވަނީ އަހަރުގެ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިގެން ގޮސްފައެވެ.

އީގަލްސްގެ ކެޕްޓަނަކަށް އިންމަ ހަމަޖެއްސިއިރު، ވައިސް ކެޕްޓަނުންގެ ގޮތުގައި ހަމަޖައްސާފައި ވަނީ އިބްރާހިމް މުބީން (މުއްކި) އާއި ސްރީލަންކާގެ ގޯލްކީޕަރު ސުޖަން ޕެރޭރާ އެވެ.

މުއްކިއަކީ ފާއިތުވެދިޔަ އަހަރުތަކުގައި އީގަލްސްގެ މުހިންމު ކުޅުންތެރިންގެ ތެރޭގައި ހިމެނިފައިވާ ކުޅުންތެރިއެކެވެ. އަދި ސުޖަންއަކީ ފާއިތުވެދިޔަ ދެ އަހަރު އީގަލްސްގެ ގޯލު ބެލެއްޓި ގޯލްކީޕަރެވެ. އޭގެ އިތުރުން ސުޖަންއަކީ ލަންކާ ގައުމީ ޓީމުގެ ކެޕްޓަންކަމުގެ ދައުރު ވެސް އަދާކުރަމުންދާ ކުޅުންތެރިޔާއެވެ.

މިއަހަރުގެ ފުޓްބޯޅަ ސީޒަންގައި އީގަލްސް ފުރަތަމަ ވާދަކުރަން ޖެހޭނީ މާލޭ ލީގުގައެވެ. އެ ލީގުގައި އީގަލްސް ކުޅޭ ފުރަތަމަ މެޗުގައި ނުކުންނަން ޖެހޭނީ މިދިޔަ އަހަރުގެ ޕްރިމިއާ ލީގު ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ދެކޮޅަށެވެ. އެ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރެވެ.

comment ކޮމެންޓް