"މަލިކާގެ ޕްރޮމޯޝަންތައް ކާމިޔާބު"

"މަލިކާ" ފިލްމުގެ ޕޯސްޓަރެއް--

"މަލިކާ"، މި ފިލްމު ތަފާތުވާ ބައިވަރު ސަބަބު އެބަހުއްޓެވެ. ފުރަތަމަ ކަމަކީ، އެ ފިލްމުގެ ވާހަކައެވެ. އާންމުކޮށް ދިވެހި ފިލްމުތަކުން ނުފެންނަ ހާދިސާއަކަށް ބިނާކޮށްފައިވާ ފިލްމަކީ "މަލިކާ" އެވެ. އަނެއް ތަފާތަކީ ފިލްމުގެ ތަރިންނެވެ. އާ ތަރިން ފެނިގެންދާނެ އެވެ. އެ ތަރިންގެ ހުނަރުން އިންތިޒާރުގެ ނިމުމަށް ފޮނިކަމެއް ގެނުވާނެ އެވެ. ބެލުންތެރިންނަށް ފިލްމުގެ ފޮނިމީރުކަން ގެނެސްދިނުމަށްޓަކާ ފިލްމް ޕްރޮމޯޓުކުރުމުގެ ގޮތުން މާކެޓިން ޓީމުން އެކި ގޮތް ގޮތަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭ އަކަށް، ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" ބެލުންތެރިންނާ ހަމައަށް އަންނާނީ އަންނަ މަހުގެ ދެވަނަ ދުވަހުއެވެ.

މާލެއާ އެއްދުވަހެއްގައި އަތޮޅު ތެރޭގައިވެސް އަޅުވަން ހަމަޖެހިފައިވާ "މަލިކާ"ގެ މާކެޓިންގެ ކަންތައްތަކާ ހަވާލުވެ ހުންނަ ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) ބުނީ، ފިލްމް ޕްރްމޯޓު ކުރުމަށް ކުރެވޭ މަސައްކަތްތައް ވަރަށް ކާމިޔާބު ކަމަށެވެ. އަދި ހިންގާ ހަރަކާތްތަކުގައި ތަރުހީބު ވަރަށް ބޮޑަށް ލިބޭ ކަމަށެވެ.

"މި ފިލްމުގެ ފޭސްބުކް ޕޭޖަށް ލައިކްކޮށް އާންމުންކުރާ ކޮމެންޓުތަކުގެ ތެރެއިން އެންމެ ގިނަ ލައިކްސް ލިބޭ ކޮމެންޓު ތަކަށް ފިލްމުގެ ތިން ޓިކެޓް ލިބޭ ގޮތަށް މިއޮތީ ހުޅުވާލާފަ.އަދި އިންސްޓާގްރާމުގެ ފޭޖަށް ފޮޓޯ ފޮނުވަން ހުޅުވާލި ޕްރޮމޯޝަންވެސް ވަރަށް ކާމިޔާބު،" އިތުރު ޕްރޮމޯޝަންތަކާއި ކާމިޔާބީތައް ހިއްސާ ކުރަމުން ނޫރު ބުންޏެވެ.

ފިލްމު "މަލިކާ"ޕްރޮމޯޓު ކުރުމަށް ހުކުރު ދުވަހު ބޭއްވި ބައިސިކަލް ބުރުގެ ތެރެއިން ---

އޭގެ އިތުރުން މިދިޔަ ހުކުރު ދުވަހު ބައިކް މޯލްޑިވްސްއާ ގުޅިގެން ބޮޑުތަކުރުފާނު މަގުގެ ތާރަ އަޅާފައިވާ ސަރަހައްދުގައި "މަލިކާ" ޕްރޮމޯޓު ކުރުމަށް ބައިސްކަލް ބުރެއް ކުރިއަށް ގެންދިޔަ އެވެ. މި ހަރަކާތުގައި "މަލިކާ"ގެ ޕޯސްޓަރުތަކާއި ބެނާ އަދި ދިދަވެސް ގެންގުޅުނު ކަމަށް އޭނާ ބުންޏެވެ.

"ފިލްމުގެ ޓިކެޓްގެ ސޭލްސް ވެސް ވަރަށް ރަނގަޅު. މިހާރުވެސް ދަނީ ޝޯތައް ފުލްވަމުން. ވަރަށް ތަރުހީބު ބޮޑު. ފާހަގަކޮށްލަން ބޭނުން އާންމުންގެ ފަރާތުން ފިލްމަށް ލިބޭ ތަރުހީބު،" ނޫރު ބުންޏެވެ.

"މަލިކާ" އޮލިމްޕަހުގައި އަޅުވާނީ އަންނަ މަހުގެ 1-20 އަށެވެ. ފުރަތަމަ ވިއްކަން ފަށާފައި ވަނީ ފުރަތަމަ ފަސް ޝޯގެ ޓިކެޓެވެ. ފިލްމަށް ލިބޭ ތަރުހީބު ބޮޑުވެ، ޓިކެޓްގެ ސޭލްސް ރަނގަޅުވުމުން ކުރިއަށް ހުރި ޝޯތަކުގެ ޓިކެޓް ވިއްކަން ފަށާނެ ކަމަށް ނޫރު ބުންޏެވެ.

"މަލިކާ" ލީޑު ރޯލުން ފެނިގެންދާނީ އިންޑަސްޓްރީ އަށް މުޅިން އަލަށް ނުކުންނަ ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މި ފިލްމުން ދެން ފެންނިގެން ދާނީ މުހައްމަދު ޖުމައްޔިލާއި ފާތިމަތު އާޒިފާ އަދި އަލީ އާޒިމާއި ނީނާ ސަލީމުގެ އިތުރުން އިސްމާއީލް ޒާހިރާއި މަރިޔަމް ޝަކީލާ ފަދަ ކުޅަދާނަ ތަރިންގެ މޮޅު އެކްޓިންނެވެ.

comment ކޮމެންޓް