ސީއެސްސީގެ މެމްބަރުކަމަށް ޝަހީގު އައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިވިލް ސާވިސް ކޮމިޝަން ގެ މެމްބަރު ކަމަށް ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު އައްޔަން ކުރައްވަނީ --- ފޮޓޯ: އިބްރާހީމް މުއާޒު އަލީ

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެމްބަރު ކަމަށް ބ. ގޮއިދޫ ސޯސަންގެ އިބްރާހިމް ޝަހީގު މިއަދު އައްޔަން ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޝަހީގަށް ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ. ހުވާކުރެއްވުމާއެކު ރައީސް ޔާމީން ވަނީ އޭނާ އަށް މަގާމުގެ ފަތްކޮޅު ހަވާލުކޮށްދެއްވައިފައެވެ.

މިމަހުގެ 15 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ ތެރެއިން ޝަހީގު ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް 49 މެމްބަރުން ވަނީ ވޯޓު ދީފަ އެވެ. ޝަހީގު ސީއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ 23 މެމްބަރުންނެވެ.

ސިވިލްސާވިސް ކޮމިޝަންގެ މެމްބަރުކަމަށް ޝަހީގު އައްޔަން ކޮށްފައި ވަނީ އެ ކޮމިޝަންގެ މެމްބަރު ޖަމީލާ އަލީ ޚާލިދު ޖަރުމަނަށް ރާއްޖެއިން ކަނޑައަޅާ ސަފީރު ކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

comment ކޮމެންޓް