މިރްޗީ މިއުޒިކް އެވޯޑުގައި 'އޭ ދިލް ހޭ މުޝްކިލް' ވިދާލައިފި

ނުވަ ވަނަ މިރްޗީ މިއުޒިކް އެވޯޑްސް ހަފްލާ ބާއްވައިފި އެވެ. ބޮލީވުޑުގެ ގިނަ އަދަދެއްގެ ފަންނާނުން ބައިވެރިވި އެވޯޑު ހަފްލާ ހުށަހަޅައިދީފައި ވަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ ސޯނޫ ނިގަމް އެވެ.

އިއްޔެ ކުރިއަށް ދިޔަ އެވޯޑު ހަފްލާގެ ގިނަ އެވޯޑުތައް ގެންގޮސްފައި ވަނީ މިދިޔަ އަހަރު ރިލީޒް ކުރި ކަރަން ޖޯހަރުގެ 'އޭ ދިލް ހެ މުޝްކިލް' އެވެ. އެ ފިލްމަށް ވަނީ އަހަރުގެ އެންމެ މޮޅު އަލްބަމްގެ އެވޯޑު ލިބިފަ އެވެ.

އެ ފިލްމުގައި ހިމެނޭ 'ޗަންނާ މޭރޭޔާ' އަށް ވަނީ އަހަރުގެ އެންމެ މޮޅު ލަވަ ލިބުނު އިރު، އެ ލަވައިން އަމީތާބު ބަޓަޗާރިޔާ އަށް ވަނީ އެންމެ މޮޅު ލިރިސިސްޓްގެ އެވޯޑު ވެސް ލިބިގެން ގޮސްފަ އެވެ.

އޭގެ އިތުރުން ފިލްމުގެ ޓައިޓްލް ލަވަ 'އޭ ދިލް ހޭ މުޝްކިލް' އިން އަރިޖީތު ސިންގް ވަނީ އެންމެ މޮޅު ލަވަކިޔުންތެރިޔާގެ އެވޯޑު ހޯދައިފަ އެވެ. އަދި އެ ލަވަ އިން ޕްރިތަމް އަށް ވަނީ އެންމެ މޮޅު މިއުޒިކް ކޮމްޕޯޒާގެ އެވޯޑު ލިބިފަ އެވެ.

އެންމެ މޮޅު އަންހެން ލަވަކިޔުންތެރިޔާގެ އެވޯޑު ގެންދިޔައީ ފިލްމު 'ދަންގަލް'ގައި ހިމެނޭ 'ގިލެހްރިޔާން' އިން ޖޮނިތާ ގާންދީ އެވެ.

އެންމެ އުންމީދީ ލަވަކިޔުންތެރިންގެ އެވޯޑު ލިބުނީ 'ދަންގަލް'ގެ 'ހަނީކާރަކް ބާޕޫ' ކިޔައިދިން ސަރްތާޖް އަދި ސަރްވާރް ޚާން ބަރްނާ އަށެވެ.

ލައިފްޓައިމް އެޗީވްމަންޓު އެވޯޑު ދީފައި ވަނީ ކުޅަދާނަ ލަވަކިޔުންތެރިޔާ އުޝާ އެވެ.

އޭގެ އިތުރުން ކަރަން ޖޯހަރަށް ވަނީ 'މޭކް އިޓް ލާޖް' އެވޯޑު ދީފަ އެވެ. އެއީ 'ކުޗް ކުޗް ހޯތާހޭ'، 'ކަބީ އަލްވިދާ ނާ ކެހެނާ'، އަދި 'އޭ ދިލް ހޭ މުޝްކިލް' ފަދަ ފިލްމުތަކުން މިއުޒިކް އިންޑަސްޓްރީ އަށް ކަރަން ގެނެސްދިން ކުރިއެރުން ފާހަގަ ކުރުމުގެ ގޮތުންނެވެ.

އެވޯދު ހަފްލާ ގައި ގިނަ ހުށަހެޅުން ތަކެއް ވަނީ ފެނިގެން ގޮސްފަ އެވެ.

comment ކޮމެންޓް