'ނަޗް ބަލިޔޭ 8'ގެ ފަނޑިޔާރަކަށް ޕަރިނީތީ؟

މަޝްހޫރު ޖޯޑުތަކަށް ޚާއްސަކޮށްގެން ކުރިއަށް ގެންދާ ޑާންސް ރިއަލިޓީ ޝޯ 'ނަޗް ބަލިޔޭ' ގެ އަށް ވަނަ ސީޒަނުގައި ސްޓާރ ޖަޖެއްގެ ގޮތުގައި ބޮލީވުޑުގެ ބަތަލާ ޕަރިނީތީ ޗޯޕްރާ ފެނިގެން ދިއުމުގެ ފުރުސަތު ބޮޑު ކަމަށް ޚަބަރުތައް ބުނެފި އެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން، ސްޓާ ޕްލަސް އިން މިހާރު 'ނަޗް ބަލިޔޭ'ގެ ޖަޖަކަށް ވުމަށް ޕަރިނީތީ އަށް ހުށަހަޅައިފައި ވާކަމަށާއި ނަމަވެސް ޕަރިނީތީ އަދި ވަކި ޖަވާބެއް ދީފައި ނުވާ ކަމަށެވެ.

ޕަރިނީތީ މި ދުވަސްކޮޅު އުޅެނީ އޭނާގެ ކުރިއަށް އޮތް ފިލްމު 'މޭރީ ޕިޔާރީ ބިންދޫ' ރިލީޒް ކުރުމުގެ ކުރިން ކުރަން ޖެހޭ މަސައްކަތްތަކުގައި އަވަދިނެތި އެވެ.

މިފަހަރުގެ ސީޒަނުގައި ފެނިގެންދާނެ ޖޯޑުތައް ވެސް އަދި ޔަގީންވެފަ އެއް ނުވެ އެވެ. ހަމަ އެކަނި ޔަގީންވެފައި ވަނީ 'ޔޭ ހޭ މޮހޮއްބަތޭން'ގެ ތަރިން ކަމުގައިވާ ދިވްޔަންކާ ތުރިޕަތީ އާއި ވިވެކް ދާހިޔާ އަދި ކޮމީޑިއަން ބާރްތީ ސިންގް އާއި އޭނާގެ ލޯބިވެރިޔާ ހަރްޝް ލިމްބަޗިޔާ އެވެ.

އިންޑިއާގެ ރެސްލިން ޗެމްޕިއަން ގީތާ ޕޯގަޓް އަދި އޭނާގެ ފިރިމީހާ އަށް ވެސް ސްޓާ ޕްލަސް އިން ވަނީ ފުރުސަތު ދީފަ އެވެ. ނަމަވެސް ގައުމީ މުބާރާތް ކުރިއަށް ދާތީ ގީތާ ވަނީ ހުށަހެޅުން ދޫކޮށްލައިފަ އެވެ.

ހަމަ އެއާ އެކު 'ޔޭ ރިޝްތާ ކިޔާ ކެހެލާތާހޭ'ގެ ތަރިން ކަމުގައިވާ ރޯހަން މެހެރާ އާއި ލޯބިވެރިޔާ ކަންޗީ ސިންގް އާ އެކު ވެސް ސްޓާ ޕްލަސް އިން އަންނަނީ ވާހަކަ ދައްކަމުންނެވެ.

comment ކޮމެންޓް