ޓްރީޓޮޕް ހޮސްޕިޓަލުން 500އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފި

ހުޅުމާލޭ "ޓްރީ ޓޮޕް ހޮސްޕިޓަލް" ގެ ކުރެހުމެއް -- ސަން ފޮޓޯ: ފާތިމަތު ސައީދު

ހުޅުމާލޭގައި ގާއިމްކުރާ ބައިނަލްއަގުވާމީ ފެންވަރުގެ ހޮސްޕިޓަލް، ޓްރީ ޓޮޕް ހޮސްޕިޓަލުން 500 އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ، ކްލިނިކަލް އާއި ނޮން ކްލިނިކަލް ދާއިރާއިން ޖުމްލަ 500އަށް ވުރެ ގިނަ ވަޒީފާގެ ފުރުސަތު އެކުންފުނިން ހުޅުވާލާފައިވާ ކަމަށެވެ.

ނަރުހުންނާއި ފާމަސިސްޓުންނާއި ލެބް ޓެކްނީޝަނުން ހިމެނޭގޮތަށް ކްލިނިކަލް ދާއިރާގެ ހުރިހާ ފަންނަކަށް މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާއިރު، ފައިނޭސް އޮފިސަރުންނާއި ކޭޝިއަރުންނާއި ރިސެޕްޝަނިސްޓުންނާއި ހިއުމަން ރިސޯސަސް ދާއިރާ ހިމެނޭގޮތަށް ނޮން ކްލިނިކަލް ދާއިރާގެ ހުރިހާ ފަންނަކަށް ވެސް މުވައްޒަފުން ހޯދަން އިއުލާންކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެ މަގާމްތަކަށް ކުރިމަތިލާން ވަކި ޑެޑްލައިނެއް ކަނޑައަޅާފައިނުވާ ކަމަށާއި ސަބަބަކީ ގިނަ ދާއިރާތަކަށް މުވައްޒަފުން ހޯދަންޖެހޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޑެޑްލައިނެއް އަދި އަޅުގަނޑުމެން ކަނޑައެއް ނާޅަން. އެކަން އަޅުގަނޑުމެން ފަހުން އިއުލާން ކުރާނަން،" އޭނާ ވިދާޅުވިއެވެ.

ޗަމްޕާ ބްރަދާސް އާއި ރާއްޖެއިން ބޭރުގެ ބަޔަކާ ގުޅިގެން ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ އެ ހޮސްޕިޓަލްގެ ބިންގާ އަޅާފައި ވަނީ 2015 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ހަ ވަނަ ދުވަހުއެވެ. މި އަހަރުގެ ތެރޭގައި އެ ހޮސްޕިޓަލް ހުޅުވުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

comment ކޮމެންޓް