އާސަންދައިގެ އާ ޕޯޓަލް "ވިނަވި"އާއެކު ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކަށް

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިނަވި ޕޯޓަލް މިއަދު ރަސްމީކޮށް އިފްތިތާހް ކޮށްދެއްވަނީ -- ސަން ފޮޓޯ

އިޖްތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމް، އާސަންދައިގެ ހިދުމަތް ކުރިން ދެމުން ގެންދިޔަ ޕޯޓަލް އަށް ބަދަލުތަކެއް ގެނެސް އާ ޕޯޓަލްއެއް ތައާރަފްކޮށްފިއެވެ.

ރާއްޖޭގައި އާސަންދައިގެ ހިދުމަތްދޭ ހުރިހާ ތަނެއް އެއް ނެޓްވޯކަކުން ގުޅާލުމަށް "ވިނަވި"ގެ ނަމުގައި މިއަދު ތައާރަފްކުރި ޕޯޓަލްގެ ހިދުމަތް ފުރަތަމަ ދޭން ފަށާފައިވަނީ އދ. އަތޮޅަށެވެ. އދ. އަތޮޅުގެ ވެރިކަން ކުރާ ރަށް މަހިބަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެ ޕޯޓަލް އިފްތިތާހް ކޮށްދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމް އެވެ.

އާސަންދައިގެ އާ ޕޯޓަލް ވިނަވި ގެ ހިދުމަތް މުޅި. އދ. އަތޮޅުގައި މިއަދު ދޭން ފަށާފައިވާއިރު، ރާއްޖޭގެ ސިއްހީ ހިދުމަތްދޭ މަރުކަޒުތައް އާސަންދަ އީ-ޕޯޓަލްގެ ތެރެއިން ގުޅާލުމުގެ މަސައްކަތް އަމަލީ ގޮތުން ފެށީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

އާސަންދައިގެ އާ ޕޯޓަލްގެ ތެރެއިން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުންނަ ހެލްތު ސެންޓަރު ތަކުން ދޫކުރާ ބޭހާއި ބޭސްކުރަނީ ކޮންކަހަލަ ބައްޔަކަށްކަމާއި އަދި އެތައް މައުލޫމާތެއް އާސަންދައިގެ މައި އޮފީހަށް ލިބި، ބެލިގެންދާނެއެވެ.

އޭގެ އިތުރުން ޕޯޓަލްގެ ތެރެއިން ނެގޭ ހިސާބުތަކާއެކު، ސިއްހީ ދާއިރާގައި ނިންމަންޖެހޭ ކަންތައްތައް ފަސޭހަކަމާއި ހަރުދަނާ ކަމާއެކު ނެގޭނެ މަގު ތަނަވަސް ވެގެންދާއިރު، ކަރުދާހުގެ ހަރަދު އެތައް ގުނައަކަށް ކުޑަ ކޮށްދޭނެއެވެ.

ވިނަވީގެ މައުލޫމާތު މީޑިއާއަށް ދެއްވަމުން އާސަންދަ ކުންފުނީގެ އެސިސްޓަންޓް ޖެނެރަލް މެނޭޖަރު ހުސެއިން ޒާހިދު ވިދާޅުވީ، މިއަދު ތައާރަފްކުރި އާ ޕޯޓަލް ތައްޔާރު ކޮށްފައިވާނީ ވީހާވެސް ބޮޑަކަށް އިތުރު ހިދުމަތްތަކެއް ތައާރަފް ކުރެވޭނެ ގޮތަކަށް ކަމަށެވެ.

އަދި ވިދާޅުވީ، އދ. އަތޮޅުގައި އެ ޕޯޓަލް ތައާރަފް ކުރުމުގެ ކުރިން އެ އަތޮޅުގައި އާސަންދައިގެ ހިދުމަތްދޭ ތަންތަނުގެ މުވައްޒަފުންނަށް ހަތަރު ދުވަހުގެ ތަމްރީން ޕްރޮގްރާމެއް ހިންގާފައިވާ ކަމަށެވެ. އަދި ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ޕޯޓަލް ބޭނުން ކުރަން ފަށާނޭ ކަމަށް ޒާހިދު ވިދާޅުވިއެވެ.

"ޓްރެއިނިން ޕްރޮގްރާމްތައް ނިމުނު ވަރަކުން ޕޯޓަލް ލޯންޗުކުރުމުގެ މަސައްކަތް ކުރަމުން ގެންދާނަން. އެގޮތުން ހަފްތާއަކު ދެ އަތޮޅު ގެންދެވޭ ކަހަލަ ގޮތަކަށް ޕްލޭން އޮތީ. އެހެންކަމުން ހުރިހާ ރަށަކަށް ގޮސް ތަމްރީން ދިނުމަށްފަހު ދެތިން މަހެއްގެ ތެރޭގައި ނިންމާލެވޭނެ،" ޒާހިދު ވިދާޅުވިއެވެ.

ޒާހިދު ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައި ވިނަވީގެ ހިދުމަތް ގާއިމް ކުރުމަށްފަހު، ރާއްޖޭން ބޭރުގައި އާސަންދައިގެ ހިދުމަތްދޭ ތަންތަނަށް ވެސް ހިދުމަތް ދޭން މަސައްކަތް ކުރާނެ ކަމަށެވެ.

comment ކޮމެންޓް