ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ އާލާތްތަކާއި އެއްޗެހިތައް އެތެރެކުރުން ހުއްޓުވޭނީ، އެ ތަކެތި އެތެރެކުރުން ގާނޫނުން މަނާކުރުމުން ކަމަށް ކަސްޓަމްސްއިން މިއަދު ބުނެފިއެވެ.
ހެލްތު މިނިސްޓްރީން ކުރިން ކަސްޓަމްސްއަށް ދިން ލަފައެއްގައި ވަނީ, ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބުނާތީ، ދުންފަތުގެ ބާވަތެއް އުފައްދަން ބޭނުންވާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފިނަމަ، އެތަކެތި ހިފަހައްޓައި ނައްތާލުމަށް އަންގާފައެވެ.
"ސަން"އަށް މީގެކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި، ހެލްތު މިނިސްޓްރީން މިފަދައިން އަންގާފައި ވަނީ އާދަޔާ ޚިލާފަށް ގިނައިން ދުންފަތް ޕެކެޓާއި، އެ އޮޅަން ބޭނުންކުރާ ކަރުދާސް މި ފަހުން އެތެރެކުރަން ފެށުމުން ކަސްޓަމްސްއިން އެ މިނިސްޓްރީގައި އެކަމާ ބެހޭގޮތުން ލަފަޔަކަށް އެދުމުންނެވެ.
އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ޚާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެއެވެ.

ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ވޭޕު ކުރުމާއި އީ-ސިނގިރޭޓު ބުއިން މާނަކަން އަންގައިދޭން ހަރުކޮށްފައިވާ ނިޝާނެއް --- ފޮޓޯ/ގެޓީ އިމޭޖަސް
ނަމަވެސް، އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތި ގެނައުމުގެ ހުއްދަ އަލުން ކަސްޓަމްސްއިން ދޭން ފަށާފައިވާ ކަމުގެ މައުލޫމާތު މިއަދު 'ސަން'އަށް ވަނީ ލިބިފައެވެ.
އެކަމާ ގުޅުވައި ކަސްޓަމްސްއިން ބުނީ، ކަސްޓަމްސްއަކީ ތަންފީޒީ އިދާރާއަކަށް ވާތީ، އެޚިދުމަތުން ހިފަހައްޓަނީ ގާނޫނަކުން ރާއްޖެއަށް އެތެރެކުރުން މަނާކަމަށް ބަޔާންކޮށްފައިވާ ތަކެތި ކަމަށެވެ.
އެގޮތުން، ރާއްޖެއަށް އެތެރެކުރާ ހުރިހާ މުދަލެއް ކްލިއާކުރާ މަރުހަލާގައި، ބަލަންޖެހޭ އެކި ބެލުންތަކަށް ފަހު، އެ މުދަލަކީ ގާނޫނީ ގޮތުން ގައުމަށް އެތެރެކުރުން މަނާ މުދަލެއް ނޫން ނަމަ އެ މުދަލެއް ދޫކުރަމުންދާނެ ކަމަށް ކަސްޓަމްސްއިން ބުނެފައިވެއެވެ.
މިދިޔަ އޮކްޓޫބަރު މަހު 31ގައި ސަރުކާރުން ސިނގިރޭޓުން ނަގާ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމުން އޭގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެހެންވެ، ސިނގިރޭޓު ނުގަނެ، އަމިއްލައަށް އޮޅައިގެން ސިނގިރޭޓު ބޯން ގިނަ ބަޔަކު ވަނީ ފަށާފައެވެ.
އޭގެއިތުރުން، މި ސަރުކާރުގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ވަނީ، ކެފޭތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ މަނާ ހިސާބުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، އެތަނެއްގެ ހުއްދަ ބާތިލްކުރުމުގެ ބާރު ވެސް ލިބިދީފައެވެ.
މި ސަރުކާރުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.