ދުންފަތުގެ ބާވަތްތައް އުފެއްދުމަށް ބޭނުންކުރާ އެއްޗެއްސާއި އާލާތްތައް އެތެރެކުރުން ހުއްޓުވާފައި އޮތުމަށްފަހު، އެ ތަކެތި އެތެރެކުރުމުގެ ފުރުސަތު ކަސްޓަމްއިން އަލުން ދޭން ފަށައިފިއެވެ.
ހެލްތު މިނިސްޓްރީން މީގެ ކުރިން ކަސްޓަމްސްއަށް ދިން ލަފައެއްގައި ވަނީ ރާއްޖޭގައި އެއްވެސް މިންވަރަކަށް ދުންފަތާއި ދުންފަތުގެ ބާވަތްތައް އުފެއްދުމަކީ މަނާކަމެއް ކަމަށް ގާނޫނުގައި ބުނާއިރު، ދުންފަތާއި ދުންފަތުގެ ތަނޑިއާއި ނިކޮޓިން ހިމަނައިގެން، އޭގެ މާއްދާއެއް ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރުކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށެވެ.
އެހެންވެ، ދުންފަތުގެ ބާވަތެއް އުފެއްދުމަކީ މަނާކަމެއް ކަމުގައިވާތީ، ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ އެއްޗެއް ނުވަތަ އާލާތެއް އެއްވެސް ފަރާތަކުން އެތެރެކޮށްފި ނަމަ އެތަކެތި ހިފަހައްޓައި ނައްތާލުމަށް ހެލްތު މިނިސްޓްރީން ވަނީ އަންގައިފައެވެ.
"ސަން"އަށް މީގެކުރިން މައުލޫމާތު ލިބިފައިވާ ގޮތުގައި، ހެލްތު މިނިސްޓްރީން މިފަދައިން އިރުޝާދު ދީފައި ވަނީ އާދަޔާ ޚިލާފަށް ގިނައިން ދުންފަތް ޕެކެޓާއި، އެ އޮޅަން ބޭނުންކުރާ ކަރުދާސް މި ފަހުން އެތެރެކުރަން ފެށުމުން ކަސްޓަމްސްއިން އެ މިނިސްޓްރީގައި އެކަމާ ބެހޭގޮތުން ލަފަޔަކަށް އެދުމުންނެވެ.
އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުންކުރާ ތަކެތީގެ ތެރޭގައި ސިނގިރޭޓަށް ޚާއްސަ ދުންފަތާއި އޮޅާ ކަރުދާހާއި ފިލްޓަރު ހިމެނެއެވެ.
"ސަން"އަށް މިއަދު މައުލޫމާތު ލިބިފައިވާ ގޮތުގައި ކަސްޓަމްސްއަށް އެ ލަފާ ލިބުމުން، އަމިއްލައަށް ހަދާ ސިނގިރޭޓުގައި ބޭނުން ކުރާ ތަކެތި ގައުމަށް އެތެރެވިޔަ ނުދީ ހިފެހެއްޓި ނަމަވެސް، އެ ތަކެތި ގެނައުމަށް މިހާރު އަނެއްކާ ވެސް ވަނީ ހުއްދަ ދޭން ފަށައިފައެވެ.
އެ މައްސަލައިގައި "ސަން"އިން ކަސްޓަމްސްއަށް ތަކުރާރުކޮށް ގުޅައި މެސެޖުކުރި ނަމަވެސް ޖަވާބެއް ދީފައިނުވެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 31ގައި ސިނގިރޭޓުގެ އިމްޕޯޓު ޑިއުޓީ ބޮޑުކުރުމާއެކު، ސިނގިރޭޓުގެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެއާއެކު ސިނގިރޭޓު ވިކޭ މިންވަރު މަދުވެ، ސިނގިރޭޓު ފޮށި ގަތުމުގެ ބަދަލުގައި އަމިއްލައަށް އޮޅައިގެން ސިނގިރޭޓު ބޯން ގިނަ ބަޔަކު ވަނީ ޚިޔާރުކުރަން ފަށައިފައެވެ.
އަމިއްލައަށް ސިނގިރޭޓު ތައްޔާރު ކުރުމުން، ފޮށިން ގަންނަ ސިނގިރޭޓަށް ވުރެ އަގުހެޔޮކޮށް ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ފުރުސަތު ފަހިވެއެވެ.
މީގެ އިތުރުން މި ސަރުކާރުގައި ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުން ވަނީ، ކެފޭތަކާއި ރެސްޓޯރަންޓު ފަދަ ތަންތަނުގެ މަނާ ހިސާބުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރާނަމަ، އެތަނެއްގެ ހުއްދަ ބާތިލްކުރުމުގެ ބާރު ވެސް ލިބިދީފައެވެ.
މި ސަރުކާރުގައި ދުންފަތުގެ އިސްތިއުމާލު ކުރުމާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ވޭޕް އެތެރެކުރުމާއި ބޭނުންކުރުން ވެސް ވަނީ މަނާކޮށްފައެވެ.