މަގާމުގެ މަސްއޫލިއްޔަތުތަކުން ގާޒީ މަރިޔަމް ދުރުކުރުމުން އެމްޑީޕީން ކަންބޮޑުވެއްޖެ

ސ. ފޭދޫ، ބެލޫން، މަރިޔަމް ވަހީދު ސިވިލް ކޯޓުގެ ފަނޑިޔާރުކަމުގެ ހުވާކުރެއްވުމަށްފަހު އިގްރާރުގައި ސޮއިކުރައްވަނީ -- ސަން ފައިލް ފޮޓޯ: ޔޫސުފް ސޮފްވާން

ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެންނުވާ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމާ ގުޅިގެން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ކަންބޮޑުވެއްޖެ އެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، އިންސާފާއި ތަހުޒީބުގެ ހަމަތަކުގެ މައްޗަށް ބިނާވެގެންވާ އެއްވެސް ގައުމަކުން މިހާތަނަށް އަމަލުކޮށްފައިނުވާ އަމަލަކުން ފަނޑިޔާރެއްގެ ކިބައިން ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ނިގުޅައިގަނެފައިވާ ކަމަށާއި، އެކަމަކީ އެމްޑީޕީ އިން އިންތިހާއަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

އެމްޑީޕީގެ ބަޔާނުގައި، ގާޒީ މަރިޔަމް އާ މެދު ފިޔަވަޅު އަޅާފައި ވަނީ އޭނާ ގާޒީ ކަމުގައި ދެމިހުންނަވަނިކޮށް އޭނާގެ މައްޗަށް އެއްވެސް ތަހުގީގެއް ކުރެވި، ދައުވާއެއް އުފުލެވި އަދި ޝަރީއަތެއް ހިންގުމެއް ނެތި ކަމަށާއި ގާޒީ މަރިޔަމް އަށް ދިފާއުވުމުގެ ފުރުސަތެއް ލިބިވަޑައިގަތުމެއް ނެތިކަމުގައި ކަމަށް ވެސް ބުނެފައިވެ އެވެ.

އޭގެ އިތުރުން ގާޒީ މަރިޔަމްއާ މެދު ފިޔަވަޅު އަޅާފައި ވަނީ ގާޒީ އަކާ މެދު ފިޔަވަޅު އެޅުމަށް ގާނޫނު އަސާސީގައި ބަޔާންކުރާ ހަމައެކަނި ދެ މުއައްސަސާ ކަމުގައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެހެން ކަމުން ގާޒީ މަރިޔަމް ވަހީދާ މެދު އެފަދަ ފިޔަވަޅެއް އެޅިގެން ނުވާނެ ކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެ އެވެ.

ގާޒީ މަރިޔަމްއާ މެދު އެފަދަ ފިޔަވަޅެއް އަޅާފައި ވަނީ ސަރުކާރުގެ ނުފޫޒުން ކަމަށް އެމްޑީޕީން ވަނީ ތުހުމަތު ކޮށްފަ އެވެ. އަދި އަޅާފައިވާ ފިޔަވަޅަކީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ހިލާފަށް ފަނޑިޔާރަކާ މެދު އަޅާފައިވާ ފިޔަވަޅެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި އެކަމަކީ، ފަނޑިޔާރުންނަށް ދިން ނުރައްކާތެރި އިންޒާރެއް ކަމަށް ދެކޭ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

"އަދި އެއީ ރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ބައިނަލްއަގުވާމީ މުއާހަދާތަކާ ކަނޑައެޅިގެން ޚިލާފަށް ފަނޑިޔާރަކާމެދު އަޅާފައިވާ ފިޔަވަޅެކެވެ. އެހެންކަމުން އެއީ، ރާއްޖޭގައި މުސްތަގިއްލުކަމާ އެކު ފަނޑިޔާރުކަންކުރައްވާ ފަނޑިޔާރުންނަށް ދެއްވި ނުރައްކާތެރި އިންޒާރެއްކަމަށް ދެކެމެވެ." އެމްޑީޕީގެ ބަޔާނުގައިވެ އެވެ.

ސުޕްރީމް ކޯޓުން ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ރާއްޖޭގެ އެއްވެސް ކޯޓެއްގައި ޝަރީއަތް ކުރުމުގެ ހައިސިއްޔަތު ލިބިގެން ނުވާ ކަމަށް ކަނޑައަޅާފައި ވަނީ، ސުޕްރީމް ކޯޓުގެ ނިންމުމަކާ ޚިލާފަށް މަރިޔަމް ވަހީދު ހުކުމެއް އިއްވާފައިވާ ކަމަށް ބުނެ އެޓާނީ ޖެނެރަލް އޮފީހުން ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ.

comment ކޮމެންޓް