ކުއާޓާއިން ޗެލްސީ ޖާގަ ހޯދި އިރު، ސިޓީއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ

ޑިއޭގޯ ކޮސްޓާގެ ލަނޑަށް ފަހު ޗެލްސީގެ ކުޅުންތެރިން އުފާފާޅުކުރަނީ: ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ޗެލްސީ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

އިނގިރޭސި އެފްއޭ ކަޕްގައި ޗެމްޕިއަންޝިޕްގައި ވާދަކުރަމުންދާ ވުލްވްސް އަތުން ޗެލްސީ މޮޅުވެ ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދި އިރު، ޗެމްޕިއަންޝިޕްގައި ވާދަކުރާ ހަޑާސްފީލްޑް ޓައުން އަތުން އެއްވަރުވެ މެންޗެސްޓާ ސިޓީއަށް އިތުރު އިންތިޒާރެއް ކުރަން ޖެހިއްޖެ އެވެ.

އެފްއޭ ކަޕްގެ ފަސްވަނަ ބުރުގައި ވުލްވްސްގެ މައްޗަށް ޗެލްސީން ކުރި ހޯދާފައި ވަނީ 2-0 ލަނޑުގެ ނަތީޖާއަކުންނެވެ.

އެފްއޭ ކަޕްގައި ވުލްވްސް ކޮޅަށް ލަނޑު ޖެހުމަށްފަހު ޕެޑްރޯ އުފާފާޅުކުރަނީ: އެ މެޗުން ޗެލްސީ މޮޅުވީ 2-0 ލަނޑުން --- ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި ވެސް ޗެލްސީއަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. އެގޮތުން ފުރަތަމަ ހާފުގެ ކުރީކޮޅުގައި ވިލިއަންއަށް ރަނގަޅު ފުރުސަތެއް ލިބުނު އިރު، ހާފްގެ ފަހުކޮޅު ވިކްޓަ މޮސެސްއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 65 ވަނަ މިނެޓުގައި ޗެލްސީން ވަނީ ލަނޑެއްޖަހައި ލީޑު ހޯދައިފަ އެވެ. ވިލިއަން ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒް އެވެ. ޗެލްސީގެ ދެވަނަ ލަނޑު ފެނިގެންދިޔައީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. ޗެލްސީއަށް އެލަނޑު ކާމިޔާބުކޮށްދިނީ ޑިއޭގޯ ކޮސްޓާ އެވެ.

އެފްއޭ ކަޕްގައި ސިޓީއާއި ހަޑާސްފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެން --- ސަން ފޮޓޯ/ އޭޕީ

ރަށުން ބޭރުގައި ރޭ ހަޑާސްފީލްޑް ޓައުންއާއި މެންޗެސްޓާ ސިޓީ ބައްދަލުކުރި މެޗު ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ. އެހެންކަމުން ނަތީޖާއެއް ނެރުމަށް ކުޅޭ ރީޕްލޭ މެޗު ކުޅެން ޖެހޭނީ ސިޓީގެ ދަނޑުގަ އެވެ.

ރޭގެ މެޗުގައި ހަޑާސްފީލްޑްގެ ފަރާތުން މޮޅު ޑިފެންސިވް ކުޅުމެއް ފެނިގެންދިޔަ އިރު، ސިޓީއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިފައިވެ އެވެ. ސިޓީގެ އާޖެންޓީނާ ފޯވަޑް ސާޖިއޯ އަގުއެރޯއަށް ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަ އިރު، ނޮލީޓޯއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ.

މިލްވޯލް އަތުން ބަލިވެ، އިނގިރޭސި ޗެމްޕިއަން ލެސްޓާ ސިޓީއަށް ވަނީ އެފްއޭ ކަޕްގެ އުންމީދުތަކާ ވެސް ދުރަށްދާން ޖެހިފަ އެވެ. އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުން މިލްވޯލް މޮޅުވީ 1-0 ލަނޑުގެ ނަތީޖާއަކުންނެވެ. އެ މެޗުގެ އެންމެ ފަހު މިނެޓުގައި މިލްވޯލްގެ ލަނޑު ކާމިޔާބުކޮށްދިނީ ޝޯން ކަމިންގްސް އެވެ.

comment ކޮމެންޓް