މިދިޔަ އަހަރާ އަޅައިބަލާއިރު މިއަހަރުގެ ލިވިން އެކްސްޕޯ މާ ކާމިޔާބު!

ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިވިން އެކްސްޕޯ އަކީ ހައިރައިޒުން އިންތިޒާމުކޮށްގެން 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ސިލްސިލާ އިވެންޓެކެވެ. މި އިވެންޓުގައި، އެކްޒިބިޓް ކުރި ފަރާތްތަކުން ލައިފްސްޓައިލް ޕްރޮޑަކްޓްސް ޝޯކޭސް ކޮށްފައިވާއިރު އޭގެ ތެރޭގައި ގެދޮރުގައި ބެހެއްޓިދާނެ ޒަމާނީ ވަސީލަތްތައް ތަޖުރިބާ ކޮށްލުމާއި ހޯމް ފައިނޭންސިން އާއި އިންޝުރެންސް ޚިދުމަތްތަކުގެ މައުލޫމާތު ހިމެނެއެވެ.

މިދިޔަ އަހަރުގެ އެކްސްޕޯއާ ޚިލާފަށް މިއަހަރުގެ އެކްސްޕޯ ކުރިއަށް ގެންދިޔައީ ހޯމް އިންޝުރެންސާއި ހޯމް ފިނޭންސްގެ ޚިދުމަތްތައް ވެސް ބައިވެރިވާ ގޮތަށެވެ.

ހޮނިހިރު ދުވަހުގެ ރޭ 11:00ގައި ލިވިން އެކްސްޕޯ ނިންމާލާފައިވާއިރު، ހުރިހާ އެކްޒިބިޓަރުންވެސް ތިބީ ހިތްހަމަޖެހިފައެވެ. އާޓް ގެލަރީގެ ވަންނަ ދޮރު ކައިރީގައި ބަހައްޓާފައި ހުރި ސީލައިފް ގްލޯބަލްގެ ސްޓޯލުން ފެށިގެން ވަށައިގެން ގޮސް، އެޗްޑީއެފްސީގެ ސްޓޯލާ ހަމައަށް ހުރި ހުރިހާ ސްޓޯލުތަކުގެ އެކްޒިބިޓަރުންވެސް ތިބީ ވަރަށް އުފާވެފައެވެ.

"އަޅުގަނޑުމެން ވަރަށް ސެޓިސްފައިޑް. ހީކުރިވަރަށްވުރެ މާ ރަނގަޅު. މިތަނަށް އައީ ހަމަ ޕޮޓެންޝަލް ބަޔާސް. އޭގެ ތެރެއިން އެކަކު ވަނީ ބުކިންވެސް ހަދާފަ. އިތުރު މީހަކު ބުނި މާދަން ބުކިން ހަދާނެ ކަމަށް. ޖުމްލަ 90 އާއި 100 އާ ދެމެދުގެ އަދަދަކަށް ވިޒިޓާސް އައި،" ލަންކާގެ ބްލޫ މައުންޓަން ޕްރޮޕަޓީސްއިން ލިވިން އެކްސްޕޯގައި ޝޯކޭސް ކުރި ހަތް ތަރީގެ އާކިލިއަން ލަގްޝަރީ އެޕާޓްމަންޓުތަކުގެ ސްޓޯލުން ބުންނެވެ.

ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ތެދެކެވެ. މިއަހަރުގެ ލިވިން އެކްސްޕޯއަކީ މަތީ ފަންތީގެ ވިޔަފާރިވެރިންނާއި، ރާއްޖެއިން ބޭރަށް ދިރިއުޅުން ބަދަލު ކުރަން ބޭނުންވާ ބައެއް ފަރާތްތަކަށް ޚާއްސަކޮށްގެން ބޭއްވި އިވެންޓެކެވެ. އެހެން ކަމުން މިއަހަރުގެ އެކްސްޕޯއަށް ގިނައިން އައީވެސް ކަމަށް ގާބިލް، އެވަރުގެ ބޮޑެތި އަގުތަކުގައި އެޕާޓްމަންޓް ގަނެވޭ ފެންވަރުގެ ވިޒިޓަރުންނެވެ.

"ޕޮޓެންޝަލް ބަޔާސް އައީ. ވަރަށް ފުރިހަމަ. އެހާ ކާމިޔާބެއް ނޫން. އެކަމަކު ވަރަށް ހިތްހަމަ ޖެހޭ. މި ތިން ދުވަސްތެރޭ 100 އަށްވުރެ ގިނަ މީހުން މި ސްޓޯލަށް އައިސް މައުލޫމާތު ހޯދި. އެތަނުން އެއް ފަރާތަކުން ބުކިން ހައްދަވާނެ ކަމުގެ ޔަގީންކަން ދެއްވި،" ރެނާޓަސް އިތާމުތް އެޕާޓްމަންޓްސް ޝޯކޭސްކުރި ސްޓޯލުން ބުންޏެވެ.

މީގެ އިތުރުން، ޓާޓާ ހައުސިން އިން ބުނީ އެކުންފުނީގެ ސްޓޯލަށް 75 އަށްވުރެ ގިނަ މީހުން ވިޒިޓް ކުރި ކަމަށާއި، އެކްސްޕޯގެ ސަބަބުން އެކުންފުނިން މާލޭގައި އަޅަމުންދާ އެޕާޓްމަންޓުތަކަށް ވަރަށް ބޮޑު އެކްސްޕޯޝާއެއް ލިބިފައިވާ ކަމަށެވެ.

"ހިތްހަމަޖެހޭ. އަޅުގަނޑުމެންނަށް ވަރަށް ބޮޑު ތަރުހީބެއް ލިބުނު. ހައިރައިޒްގެ މި އިވެންޓަކީ ވަރަށް ފުރިހަމަ އިވެންޓެއް،" ޓާޓާ ހައުސިން ގެ ސްޓޯލުން ބުންޏެވެ.

ލިވިން އެކްސްޕޯ 2017: އަސޯޓެކްގެ ސްޓޯލް -- ސަން ފޮޓޯ: ފަޔާޒު މޫސާ

ރިއަލް އެސްޓޭޓް ވިޔަފާރި ކުރާ ކުންފުނިތަކާއި، ގެދޮރުވެރިކަމުގެ އެކި ދާއިރާތަކުގެ ކުންފުނިތައް ހިމެނޭ ގޮތަށް މި އެކްސްޕޯގައި ޖުމްލަ 26 ސްޓޯލް ބެހެއްޓިއެވެ. އޭގެ ސްޓޯލްތަކުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ 10 ކުންފުނިން އެކްޒިބިޓް ކުރިއެވެ.

އިވެންޓް ޕާޓްނަރުންނާ އެކު 15 އަށް ވުރެ ގިނަ ކުންފުންޏަކުން އެ އެކްސްޕޯގައި މިފަހަރު ބައިވެރި އިރު، އެ އިވެންޓު މެނޭޖް ކުރި ހައިރައިޒްގެ ފައުންޑާ އަދި އެމްޑީ އިސްމާއިލް ހަމީދު (ހައިރައިސް އިއްސެ) ރޭ ވިދާޅުވީ އެ އިވެންޓު މިދިޔަ އަހަރުގެ އިވެންޓާ އަޅާ ބަލާއިރު "މާބޮޑަށްވެސް ކާމިޔާބު" ކަމަށެވެ.

"މާ ބޮޑަށްވެސް ކާމިޔާބު. މިތަނުން ނުކުމެގެން އެ ދާ އެކްޒިބިޓަރުންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން. އަޅުގަނޑު ކައިރީވެސް އެބަ ބުނޭ ވަރަށް ފުރިހަމަ އޭ. އަޅުގަނޑުމެންވެސް ވަރަށް ހިތްހަމަ ޖެހިފަ މިތިބީ އިވެންޓާ މެދު،" އިއްސެ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެކްސްޕޯއަށް މިފަހަރު އައިސްފައިވަނީ ޕޮޓެންޝަލް ދިވެހި ކަސްޓަމަރުން ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ އެކްސްޕޯއަށް އައި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ބޭރު މީހުން ކަމަށާއި، އެ އިވެންޓު ވަރަށް ބޮޑަށް އިވޯލްވް ވެ، ދިވެހިންގެ މެދުގައި މަގުބޫލު ވެފައިވާ ކަން އެކަމުން ދޭހަވެގެން ގޮސްފި ކަމަށް އޭނާ ވިދާޅުވިއެވެ.

"މިއީ ދެއްތޮ ބޭނުންވާ ކަމަކީ. ދިވެހިން މީގެ ތެރެއަށް ވެއްދުން. މިފަހަރު ހަމަ ހުސް ދިވެހިން އައީ. ވަރަށް މަދު ބޭރު މީހުން،" އިއްސެ ވިދާޅުވިއެވެ.

މީގެ އިތުރުން އިއްސެ ވިދާޅުވީ، އެ އެކްސްޕޯގެ ސަބަބުން ދިވެހި ޕޮޓެންޝަލް ކަސްޓަމަރުންނާއި ކުންފުނިތަކާ ގާތް ގުޅުމެއް އުފެދިއްޖެ ކަމަށާއި އެހެން ކަމުން އިވެންޓު ބޭއްވުމުގެ މަގްސަދު ހާސިލްވެފައިވާ ކަމަށެވެ.

ފެބްރުއަރީ 16، 2017: ދިވެހީންނަށް އެޕާޓްމެންޓު ހޯދުމަށް ފަހި ފުރުސަތްތަކާއެކު ލިވިން އެކްސްޕޯ 2017 ހުޅުވުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ލިވިން އެކްސްޕޯ 2017 އަކީ މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު ޝޯ އެވެ. މި އިވެންޓުގައި ޝޯކޭސް ކުރި ޕްރޮޑަކްޓްތައް ބަލައިލުމަށް، ތިން ދުވަސް ތެރޭ 1000 އަށްވުރެ ގިނަ މީހުން ވަނީ ޒިޔާރަތްކޮށްފައެވެ. މި އިވެންޓު ނިމިފައިވާއިރު ހައިރައިޒުން މިއަހަރު ދެން ބާއްވާނީ ފުޑް އެންޑް ބެވަރޭޖް ޝޯ 2017 އެވެ. އެ ޝޯ އޮންނާނީ އަންނަ މެއި މަހުގެ 18، 19 އަދި 20 ވަނަ ދުވަހު ހަމަ ނެޝަނަލް އާޓްގެލަރީގަ އެވެ.

އެ އިވެންޓުގެ ކޯ ސްޕޮންސަރުންނަކީ ލޮޓަސް ފިހާރައާއި އޮންދިގޯ މޯލްޑިވްސް ވަނީ ހަމަޖައްސާފައެވެ.

މިއަހަރުގެ ލިވިންގް އެކްސްޕޯ މައުރަޒުގެ މެއިން ސްޕޮންސަރަކީ ސީލައިފް ގްލޯބަލްއެވެ. އަދި ކޯސްޕޮންސާއަކީ ޓާޓާ ހައުސިންގްގެ ސަބްސިޑަރީ ކުންފުނި، އެޕެކްސް ރިއަލްޓީއެވެ. މި މައުރަޒުގެ އޮންލައިން މީޑިއާ ޕާޓްނަރަކީ ސަން އޮންލައިނެވެ.

comment ކޮމެންޓް