ސްނެޕްގެ ބާނީ އިވާން ސްޕީގަލް އާއި އޭނާގެ އަންހެނުން މިރަންޑާ ކޭރް، ކެލިފޯނިއާގެ 261,000 އަށްވުރެ ގިނަ ރައްޔިތުންގެ ބޮލުގައި އެޅިފައިވާ 550 މިލިއަން ޑޮލަރުގެ ބޭސްފަރުވާގެ ދަރަނި ޚަލާސްކޮށްދީފިއެވެ.
އެ ދެމަފިރިން މި ދީލަތި އެހީ ފޯރުކޮށްދީފައި ވަނީ 'އަންޑިއު މެޑިކަލް ޑެޓް' ނަމަކަށް ކިޔާ ޖަމިއްޔާއެއް މެދުވެރިކޮށެވެ.
މިދިޔަ ބުރާސްފަތި ދުވަހު މިކަން އިޢުލާން ކުރަމުން އެ ދެމަފިރިން ބުނެފައި ވަނީ، މި އެހީގެ ސަބަބުން އާއިލާތަކަށް މާލީ ތާށިކަމުން އަރައިގަނެވި، ސިއްހީ ދުޅަހެޔޮކަމަށް އިސްކަންދިނުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
މީގެ ކުރިންވެސް މި ދެމަފިރިން ވަނީ އޯޓިސް ކޮލެޖުގެ ދަސްވެނިންގެ ކިޔަވާ ލޯނުތައް ދައްކައިދިނުމާއި، ލޮސް އެންޖެލިސްގެ އަލިފާނުގެ ހާދިސާތަކުން އަރައިގަތުމަށް ބޮޑެތި އެހީތަކެއް ވެފައެވެ.
އިވާން ސްޕީގަލް އަކީ އާންމު ގޮތެއްގައި އޭނާ އާންމުންނަށް ފޯރުކޮށްދޭ މިފަދަ ދީލަތި އެހީތަކުގެ ވާހަކަ މާބޮޑަށް ދައްކާ ފަރާތެއް ނޫންކަން ފާހަގަކޮށްލެވެއެވެ.

އެމެރިކާގެ މަޝްހޫރު ބިލިއަނަރު މެކެންޒީ ސްކޮޓް -- ފޮޓޯ/ ވެރައިޓީ
ކެލިފޯނިއާގެ ރައްޔިތުންނަށް ފޯރުކޮށްދިން މި އެހީއާ އެކު، ސްޕީގަލް ވަނީ ދުނިޔޭގެ އެންމެ މަޝްހޫރު މަހުޖަނުންގެ ތެރޭ ހިމެނޭ މެކެންޒީ ސްކޮޓް ފަދައިން އާއްމުންގެ ބޭސްފަރުވާގެ ދަރަނި ފިލުވައިދިނުމުގެ ހަރަކާތުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިން ޝަޚްސިއްޔަތުންގެ ތެރޭގައި ހިމެނިފައެވެ.
މެކެންޒީ ސްކޮޓް 2020 ވަނަ އަހަރު ތައާރަފްކުރި މި ޖަމްއިއްޔާއިން އެތައް މިލިއަން ޑޮލަރެއްގެ އެހީ އާއްމުންނަށް ފޯރުކޮށްދީފައި ވާއިރު، މި ޖަމިއްޔާއަކީ މިހާރު މުޅި އެމެރިކާގައި މަޝްހޫރު، އަދި މިހާތަނަށް 40 ބިލިއަން ޑޮލަރަށްވުރެ ގިނަ ބޭސްފަރުވާގެ ދަރަނި ފިލުވައި ދީފައިވާ ވަރުގަދަ ޖަމިއްޔާއަކަށް ވަނީ ވެފައެވެ.
މި ނިޒާމު ހިނގާ ގޮތަކީ، ހޮސްޕިޓަލްތަކުން ނުލިބި ހުންނަ ދަރަނިތައް ވަރަށް އަގުހެޔޮކޮށް ބާޒާރުގައި ވިއްކާލައެވެ. މި ޖަމިއްޔާއިން އެ ދަރަނިތައް ގަނެ، މީހުންގެ އަތުން އެ ފައިސާ ހޯދުމުގެ ބަދަލުގައި އެއްކޮށް މައާފުކޮށްދެނީއެވެ. މިގޮތުން ހަދިޔާކުރާ ކޮންމެ 10 ޑޮލަރަކުން ގާތްގަނޑަކަށް 1,000 ޑޮލަރުގެ ދަރަނި ފިލުވައިދެވެއެވެ.
މިއީ އެމެރިކާގެ ސިއްހީ ނިޒާމުގައި ހުރި މައްސަލަތަކާއި ދަރަނީގެ ބާޒާރުގެ ނިޒާމު ބޭނުންކޮށްގެން ދަރަނިވެރިންނަށް އެހީތެރިވުމަށް ފެށި ވަރުގަދަ ހަރަކާތެކެވެ.
ކުރިއަށް އޮތް ޖުލައި މަހުގެ މެދުތެރެއިން ފެށިގެން، ކެލިފޯނިއާގެ ރައްޔިތުންނަށް އެމީހުންގެ ބޭސްފަރުވާގެ ދަރަނި މައާފުވެފައިވާކަން އަންގައި ސިޓީ ލިބެން ފަށާނެއެވެ.
މި އެހީގެ ދަށުން ދަރަނި މައާފު ވާނީ ފަގީރުކަމުގެ ނިސްބަތަށްވުރެ ދަށްކޮށް އާމްދަނީ ލިބޭ މީހުންނަށާއި، ބޭސްފަރުވާގެ ދަރަނި އެމީހެއްގެ އަހަރީ އާމްދަނީގެ ފަސް އިންސައްތައަށްވުރެ ބޮޑުވާ މީހުންނަށެވެ. މީގެ ތެރެއިން އެންމެ ބޮޑު އެހީއެއް ލިބޭނީ ސެން ޑިއޭގޯ ކައުންޓީގެ 40,000 އެއްހާ މީހުންނަށެވެ. އެއީ ގާތްގަނޑަކަށް 99 މިލިއަން ޑޮލަރެވެ.
"އަންޑިއު މެޑިކަލް ޑެޓް"ގެ ރައީސާ އެލިސަން ސެސޯ ވިދާޅުވި ގޮތުގައި، މި އެހީގެ ސަބަބުން ކެލިފޯނިއާގެ 10 ވަރަކަށް ހާސް އާއިލާތަކުގެ ބޮލުގައި އެޅިފައިވާ ބޮޑު ދަރަނިން އެ އާއިލާތައް މިންޖުވާނެއެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި އެމެރިކާގެ ކޮންމެ ހަތަރު މީހަކުން އެކަކީ ބޭސްފަރުވާގެ ދަރަނި އޮތް މީހެކެވެ. ކެންސަރު ފަދަ ބައްޔެއް ޖެހުމަކީ މީހަކު ބަނގުރޫޓުވާންޖެހޭ ސަބަބަކަށް ވެގެންނުވާނެ ކަމަށާއި، ބޭހާއި ކާނާއާ ދެމެދު އިޚްތިޔާރު ކުރަންޖެހޭ ހާލަތަކަށް އާއިލާތައް ގޮސްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ދީލަތި އެހީއަށް ގިނަ ބައެއްގެ ތައުރީފު ލިބެމުން ދާއިރު، ބައެއް ފަރާތްތަކުން ވަނީ މިކަމުގެ މަގުސަދާ މެދު ސުވާލު އުފައްދާފައެވެ. ބައެއް ފާޑުކިޔުންތެރިން ބުނާ ގޮތުގައި، މިފަދަ ދަރަނިތަކަކީ އަސްލު އަގަށްވުރެ މާ ހެޔޮ އަގުގައި ގަނެވޭ އެއްޗެއް ކަމަށާއި، މިއީ ޓެކްސްއިން މައާފު ހޯދުމަށް ކުރާ ކަމެއް ކަމަށް ބެލެވި ދާނެއެވެ. އަދި ހަމައެކަނި މިފަދަ އެހީތަކުން ސިއްހީ ނިޒާމުގައި ހުރި މައްސަލަތައް ހައްލު ނުވާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ފާހަގަކުރެއެވެ.