އަންނަ ސީޒަނުގައި ވެސް ކޯޗެއްގެ ގޮތުގައި ވެންގާ ފެންނާނެ!

އާސެނަލްގެ ކޯޗު އާސެން ވެންގާ: އާސެނަލުން އޭނާއާއެކު ހަދާފައިވާ އެއްބަސްވުން މިސީޒަނަށްފަހު ނިމުމަކަށް އަންނާނެ --- ފޮޓޯ/ އޭޕީ

އަންނަ ސީޒަނުގައި ވެސް ކޯޗެއްގެ ގޮތުގައި އާސެނަލްގެ ކޯޗު އާސެން ވެންގާ ފެނިގެންދާނެކަމުގެ ޔަގީންކަން އޭނާ ދީފިއެވެ.

އުމުރުން 67 އަހަރުގެ ކޯޗު ވެންގާ، އިނގިރޭސި ކްލަބު އާސެނަލަށް ކޯޗުކޮށްދެމުންދާތާ މިހާރު 20 އަހަރުވެއްޖެއެވެ. އެކްލަބާއެކު ވެންގާ އެންމެ ފަހުން ހަދާފައިވާ އެއްބަސްވުން މިސީޒަނަށްފަހު ނިމުމަކަށް އަންނައިރު، އެކްލަބުން އޭނާގެ އެއްބަސްވުން އާނުކުރާނެކަމަށް ހަބަރުތައް ބުނެއެވެ.

މިސީޒަނުގައި ވެސް އާސެނަލަށް އެދެވޭ ނަތީޖާތަކެއް ވެންގާއަށް ހޯދައިދެވިފައެއް ނުވެއެވެ. ފާއިތުވެދިޔަ ހަފްތާތެރޭގައި ލީގު ހޯދުމަށް އާސެނަލުން ކުރަމުންދިޔަ އުންމީދުތަކަށް ހުރަސްތަކެއް އެޅިގެންދިޔައިރު، ދާދިފަހުން ޗެމްޕިއަންސް ލީގުގައި ބަޔާން މިއުނިކް އަތުން 5-1 ލަނޑުގެ ނަތީޖާއަކުން އާސެނަލް ވަނީ ބަލިވެފައެވެ.

މިސީޒަނަށްފަހު ވެންގާ ރިޓަޔާކުރާނެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކުރި ނަމަވެސް، އަންނަ ސީޒަނުގައި އޭނާ ފެނިގެންދާނީ ކޮން ކްލަބަކުން ކަމެއް އޭނާ ހާމަކޮށްފައެއް ނުވެއެވެ.

"ކޮންމެ ގޮތަކަށް ކަންތައް ވިޔަސް، އަހަރެން ކޮންމެ ވެސް ކްލަބަކަށް އަންނަ ސީޒަނުގައި އިރުޝާދުދޭނަން. އެއީ މި ކްލަބުވިޔަސް، ނުވަތަ އެހެން ކްލަބެއްވިޔަސް. ކުރިމަގަށްޓަކައި ކްލަބުން ރަނގަޅު ނިންމުމެއް ނިންމުމަކީ މުހިންމު ކަމެއް. އަހަރެންނަށް އެހެން ކްލަބުތަކުން ހުށަހެޅުންތައް ލިބުނު. އެކަމަކު އަހަރެން ކްލަބުގެ ކުރިމަގާމެދު ވިސްނަން. ރަނގަޅު ކޯޗަކާއެކު ކުރިއަށްދިއުން މުހިންމު،" އޭނާ ބުންޏެވެ.

ވެންގާ ބުނީ، އޭނާގެ ކުރިމަގާމެދު މިވަގުތު ވިސްނުން މުހިންމު ނޫން ކަމަށާއި މިވަގުތު އޭނާއަށް މުހިންމީ އާސެނަލް ކަމަށެވެ. އަދި ދިރިއުޅުމުގައި އެންމެ ރަނގަޅު ކަމަކީ އަބަދުވެސް ތިމާއަށް ފެންނަ އެންމެ ރަނގަޅު ގޮތަށް ކަންތައްތައް ނިންމުން ކަމަށް ވެސް އޭނާ ބުންޏެވެ.

އާސެނަލްއާއެކު ވެންގާ ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އޭނާ ވަނީ އެކްލަބަށް ތިން ފަހަރު ޕްރިމިއާ ލީގު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް ވެންގާއަށް 2003-04 ސީޒަނަށްފަހު އާސެނަލަށް ލީގު ކާމިޔާބުކޮށްދެވިފައެއް ނުވެއެވެ.

comment ކޮމެންޓް