ޖުމްލަ 120 ކުޅުންތެރިންނާއެކު ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފި

މިދިޔަ އަހަރު ބޭއްވި ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ތެރެއިން: މިއަހަރުގެ މުބާރާތް އިއްޔެއިން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ---

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 26 ވަނަ ޓޭބަލް ޓެނިސް އެސޯސިއޭޝަން ޗެމްޕިއަންޝިޕް ފަށައިފިއެވެ.

އިއްޔެ ފެށި އެ މުބާރާތް އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ޓީޓީ ހޯލްގައި ކުރިއަށްގެންދިއުމަށް ޓީޓީއޭއެމް ނިންމާފައިވެއެވެ.

އެ މުބާރާތުގައި މިއަހަރު 120 ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އެ މުބާރާތުގައި 9 އަހަރުންދަށް، 15 އަހަރުންދަށް އަދި 18 އަހަރުންދަށުގެ އުމުރުފުރާތަކުގެ އިވެންޓްތައް ކުރިއަށްދާނެއެވެ. އެ އުމުރުފުރާތަކުގެ އިވެންޓްތަކުގައި އަންހެން އަދި ފިރިހެން ބައި ހިމެނެއެވެ. އޭގެ އިތުރުން ފުރަތަމަ ޑިވިޝަނާއި ދެވަނަ ޑިވިޝަން އަދި ވެޓެރަންސް ޑިވިޝަން ވެސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

މިދިޔަ އަހަރުގެ ބޭއްވި މުބާރާތުގެ ފުރަތަމަ ޑިވިޝަންގެ އަންހެން ސިންގަލްސް އިވެންޓް ކާމިޔާބުކުރީ މުއީނާ މުހައްމަދެވެ. އަދި ފިރިހެން ސިންގަލްސް އިވެންޓް ކާމިޔާބުކޮށްފައިވަނީ ސްރީލަންކާ ކުޅުންތެރިއެއް ކަމަށްވާ ތެނުކަ އުބަޔަސެނައެވެ. މިދިޔަ އަހަރު ފުރަތަމަ ޑިވިޝަންގެ އަންހެން ޑަބަލްސް ޗެމްޕިއަންކަން އައިމިނަތު ޝިއުރާއާއި މުއީނާ މުހައްމަދު ޕެއާ ހޯދިއިރު، ފިރިހެން ޑަބަލްސް ޗެމްޕިއަންކަން ހޯދީ ތެނުކަ އަބުޔަސެނައާއި ރަޖީތަ ސަވަރަވީރައެވެ.

comment ކޮމެންޓް