އިސްލާމްދީނުގެ މުޢުޖިޒާތަކުގެ ތެރެއިން: ޢުމަރު ޘާާނީ ޢުމަރުބުނު ޢަބްދުލް ޢަޒީޒު ރަޙިމަހުﷲ

އުމަވީ ދައުލަތުގައި އިސްލާމީ ޢުއްމަތުގެ ވެރި ރަށަކީ ސޫރިޔާގެ ދިމިޝްކެވެ. މިއީ ދިމިޝްކްގެ މަސްޖިދް އަލް އުމަވީ އަލްކަބީރި---

އިންޒާރުކުރެއްވުމާއި މަލާމާތްކުރެއްވުމުން ސަލާމަތްވުމަށްޓަކައި އެއްބަޔަކު ރާބޮއި އުޅުނީ ނަބީޒުގެ ނަމުގައެވެ.

ޝަރީޢަތުގެ ސީދާވެގެންވާ ތެދުމަގުން އެއްފަރާތްވެ ޢަޖަމީ އަސަރުތައް ފެތުރޭން ފެށުމުން މުސްލިމުންގެ ތެރޭގައި ވަނީ އިސްލާމީ ރޫޙާ ޚިލާފު އެތައްކަމެއް އާދަވެފައެވެ. އެފަދަ ކަންތައްތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ އަންހެނުންނާއި ފިރިހެނުން އެކުގައި ފެންވަރައި އުޅޭ ޢާއްމު ޙައްމާމުތަކުގެ މައްސަލައެވެ. އެފަދަ ޙައްމާމުތައް ވަރަށް ގިނައެވެ. އެތަންތަން ބޭނުންކުރާ މީހުންގެ ކިބައިގައި ލަދުހަޔާތުގެ ކަންފުޅެއްވެސް ނުހުރެއެވެ. އެޙައްމާމުތަކުގެ ފާރުތަކުގައި އޮރިޔާން ކުރެހުންތައް ކުރަހައިފައި ހުރެއެވެ. އެކުރެހުންތައް ފެނުމުން މީހުންގެ ޖިންސީ އުދާސްތައް ކެކިއުތުރެން ފަށައެވެ.

ދީނީ ބައިބައިވުމާއި، ތަފާތު ފިރުޤާތައް އުފެދުންވެސް އޮތީ ހައްދުން ނައްޓައިލައިފައެވެ. އުމަވީން އެބައިމީހުންގެ ވެރިކަމުގެ ބާރުގައި އަމީރުލްމުއުމިނީން ޢަލީ ކައްރަމަﷲ ވަޖްޙަހޫއަށް ފާޅުގައި އާޑަފުރައްސާރަކޮށް ހުތުރު އެއްޗެހި ގޮވުންވަނީ އުންމަތުގެ ހަތަރު ބިތަށް ފަތުރައިފައެވެ. އެކަން ޢާއްމުވެފައި އޮތް ވަރުން އަލްމަސްޖިދުއްނަބަވީގައި، އިތުރު ސާހިބާގެ ރައުޟާ ޝަރީފާގެ ކައިރީގައި، އެމާތް ސާހިބާގެ މިންބަރުކޮޅު މަތީގައި ތިބެ އެމާތް ސާހިބާގެ އެންމެ ލޮބުވެތި އަޚާ އަދި ދަނބިދަރިކަލުންނަށް ހުކުރު ޚުޠުބާގައި އެއްޗެހި ގޮވަމުން ގެންދިޔައެވެ. އަހްލުބައިތުން ނުހަނު ހިތްޕުޅުގައި ޖެހިވަޑައިގަތުމާއެކު ލޭގެ ކޯވަރުތައް ހިއްޕަވަމުން އެއަޑު އައްސަވަން ތިއްބަވައެވެ. (ޚިލާފަތުވަމުލޫކިއްޔަތު- ސައްޔިދު އަބުލް އައުލާ މައުދޫދީ) މިކަމުގެ ފެށުމަށް ބަލާއިރު މިކަންފެށިފައިވަނީ އަމީރުލްމުއުމިނީން އަލީ ރަޟިޔަﷲ ޢަންހުއާއި އަމީރު މުޢާވިޔާ ރަޟިޔަﷲ ޢަންހު އާދެ ބޭކަލުންގެ ދެމެދުގައި އުފެދުނު ހިޔާލުފުޅުގެ ތަފާތުގައެވެ. ޞިއްފީނު ހަނގުރާމައަށް ފަހުގައެވެ. އެކަމަކު އަލީގެފާނާއި އަހްލުބައިތުން ވަނީ އަމީރު މުޢާވިޔާއަށް އެއްޗެހި ވިދާޅުވުން ހުއްޓައިލައްވައިފައެވެ. ނަމަވެސް އުމަވީން އެކަންތައް ގެންދިޔައީ ދުވަހެއް ދުވަހަކަށް ވަރު އަރުވަމުންނެވެ. އެންމެފަހުން އެކަންތައް ގޮސްފައި އޮތް ހިސާބު އިސްވެދިޔަތާނގައި ބަޔާންކޮށްފައި އެވަނީއެވެ.

އަލްޚުލަފާއުއްރާޝިދޫންގެ ދައުރުގައި އިސްލާމީ ފުޠޫޙާތު ކުރިޔަށް ގެންދެވި އެއްސަބަބަކީ އިސްލާމްދީން ފެތުރުއްވުމުގައި ދިމާވެފައިހުރި ހުރަސްތައް ނައްތައިލެއްވުމެވެ. ދެވަނަ ސަބަބަކީ ކިސްރާއާއި، ޤައިޞަރާއި އެބޭފުޅުންގެ ޑޯލާ ރަސްކަލުންގެ ހައްދުފަހަނަޅައިފައި އޮތް އަނިޔާވެރިކަމުން އިންސާނިއްޔަތު ސަލާމަތް ކުރެއްވުމެވެ. އެތަންތާނގެ ރައްޔިތުން އިސްލާމީ ދައުލަތުގައި އެކަމަށް އެދިފައިވެސް އެބަހުއްޓެވެ. ނަމަވެސް މަރްވާނީ ދައުލަތުން ފުތޫޙާތު ކުރިޔަށް ގެންދިޔައީ ރަސްކަމުގެ ސަރަޙައްދު ފުޅާކުރުމަށްޓަކައެވެ. އެބޭފުޅުން އިސްލާމްދީން ތަބްލީޣު ކުރައްވައި ދީން ފަތުރުއްވާކަށެއް މަސައްކަތްޕުޅެއް ނުކުރައްވައެވެ. ޚަލީފާއިން ނުރަނގަޅުމަގަކުން ހިންގަވަމުން ވަޑައިގަތުމުގެ ނަތީޖާއެއްގެ ގޮތުން ގަވަރުނަރުން ތިއްބެވީ ޖިހާދުގެ ޙަޤީޤީރޫޙާމެދު ލޯފުޅު މަރުއްވައިލައްވައިގެންނެވެ.

ކުރީންވެސް ދެންނެވި ފަދައިން އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ އިސްލާމީ ޝަރީޢަތް ދިރުއްވުމަށްޓަކައި އިންތިހާދަރަޖައަށް ބާރުލައްވައި މަސައްކަތްޕުޅުކުރެއްވިއެވެ. އިސްލާމީ ޝަރީޢަތް ޤާއިމުކުރެއްވުމަށް ދައުލަތުގެ ކީރިތިކަމުގެ ފުރަމާނަ އޭގެ އެންމެމަތީ ދަރަޖައިގައި ބޭނުންކުރެއްވިއެވެ. ގަވަރުނަރުންނަށް އެކި ފަހަރު އެކި މޭރުމުން ފަތްތޫރަ ހިންގެވިއެވެ.

އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲގެ އިސްލާޙީ މަސައްކަތްޕުޅުތަކުގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އުންމަތުގެ ފިކުރު އިސްލާޙުކުރެއްވުމަށެވެ. މުޖްތަމަޢެއްގެ ފިކުރާއި ވިސްނުމަށްހެޔޮ ބަދަލެއް ގެނެވިގެން މެނުވީ އެމުޖްތަމަޢެއް އިސްލާޙުނުވާނެކަން ޢުމަރު ރަނގަޅަށް ދެނެވަޑައިގަންނަވައެވެ. މިގޮތުން ކުރެއްވި މަސައްކަތްޕުޅާ ގުޅޭގޮތުން އަލްއިމާމު ބުޚާރީ އާއި އެނޫންވެސް މުޙައްދިޘުން ލިޔުއްވައިފައިވެއެވެ. އަމީރުލްމުއުމިނީން އެކަލޭގެފާނުގެ ގަވަރުނަރަކަށް އަންނަނިވި މޭރުމުން ފަތްކޮޅެއް ފޮނުއްވިއެވެ.

"އީމާންކަމަކީ ފަރުޟުތަކަކާއި، ޙުކުމްތަކަކާއި، ޢަޤީދާތަކަކާއި ސުންނަތްތަކެއްގެ ނަމެކެވެ. އެކަންކަމާ އެއްގޮތަށް ޢަމަލުކޮށްފިމީހާ އޭނާގެ އީމާން ފުރިހަމަކޮށްފިއެވެ. އެކަންކަމަށް ޢަމަލު ނުކުރާމީހާގެ އީމާންކަން އޮންނާނީ ފުރިހަމަނުވެއެވެ. އަހަރެން ދިރިހުރިކަމުގައިވާ ނަމަ އީމާންކަމުގެ ހުރިހާ ބައިތަކެއް ތިޔަބައިމީހުންނަށް ޞަރީޙުކޮށް ބަޔާންކޮށްދޭހުށީމެވެ. މުސްލިމުން އެއާ އެއްގޮތަށް ޢަމަލުކުރުމަށްޓަކައެވެ. އަހަރެން މަރުވެއްޖެކަމުގައިވާނަމަ،ދަންނާށެވެ. ތިޔަބައިމީހުންގެ ތެރޭގައި ދެމިހުރުމުގެ ދަހިވެތިކަމެއްވެސް އަހަރެންގެ ކިބަޔަކު ނެތެވެ."

މުސްލިމުންގެ ޢަޤީދާތަކަށާއި އަޅުކަމަށާއި އަޚްލާޤަށް އަންނަންފަށައިފައިވާ ފޭރާން ދެރަކަން ރަނގަޅު ކުރައްވަން ނިހާޔަތަށް ބާރުލެއްވިއެވެ. ސަރުކާރުގެ ހުރިހާ ވަސީލަތެއް އެންމެ ފުރިހަމަޔަށް ބޭނުންކުރެއްވިއެވެ.

މައުބަދު ޖަހުނީ އާއި، ޣީލާން ދިމިޝްޤީ އޭރު ވަނީ ޤަޟާޤަދްރާ ބެހޭގޮތުން ނުހަނު އޮޅުންބޮޅުން ބޮޑު މައްސަލަ ގަނޑެއް ނިއުޅައިލައިފައެވެ. އޭގެ ސަބަބުނ މުސްލިމުން ގޭތެރޭގައި މަސައްކަތުގެ ރޫޙުވަނީ ވަރަށް ކަނި ވެފައެވެ. މުސްލިމުންގެ އިމާންކަން ދިޔައީ ބަލިކަށިވަމުންނެވެ. އަމީރުލްމުއުމިނީން ޢުމަރު ބުނު ޢަބްދުލް އަޒީޒު ރަޙިމަހުﷲ އެދެމީހުން ގެންނަވައި ވާހަކަފުޅު ދައްކަވައި ތައުބާ ލައިދެއްވިއެވެ. އެދެމީހުންގެ ޚިޔާލުތައް ޤަބޫލުނުކުރެއްވުމަށާއި އެފަދަ ފިކުރުތައް ނުފަތުރުއްވަން ނަސޭހަތް ދެއްވައި އުންމަތުގެ ހުރިހާ މުޙައްދިޘުންނަށާއި ފިޤުހުވެރީންނަށް ސިޓީ ފޮނުއްވިއެވެ. ކީތިރި ޤުރްއާނުގެ މުތަސާބިހު އާޔަތްތަކާއި ދީނީ ކަންތައްތަކުގެ ތެރޭގައި ހިމެނޭ ދަތި އުނދަގޫ (ލައުޙާއި، ޤަލަމާއި، އަރްޝިއާއި ކުރުސީގެ ޙަޤީޤަތްތަކާއި، ތާޅަފިލީގެ ސިފަތައްފަދަ ޣައިބުގެ ކަންކަން) މައްސަލަތައް ޢާއްމުންގެ ކުރިމަތީގައި ނިއުޅައިލައި އެކަކު އަނެކަކާ ޖަދަލުކުރުން މަނާކުރެއްވިއެވެ. އުމަރު ވިދާޅުވިއެވެ. ހަނދާންކުރާށެވެ. ތިޔަ ބާވަތުގެ އުނދަގޫ މައްސަލަތައް އާއްމުންގެ ކުރިމަތީގައި ނިއުޅުމަކީ މަގުފުރެދުމުގެ ބިންގާއެޅުމެވެ. އުމަރު ބުނު ޢަބްދުލްޢަޒީޒުގެ މަސައްކަތްޕުޅުން އިޚްތިލާފީ މައްސަލަތަކާމެދު އަރާރުންވުން ހުއްޓި ދީނީ ކަންކަމުގެ ތަފްޞީލުތަކާމެދު އެއްބަޔަކު އަނެއްބަޔަކާ އިޙްތިރާމާއެކު ވާހަކަދައްކަންފެށުނެވެ.

މީސްތަކުން ނަމާދުވަގުތަށް ފަރުވާ ނުބަހައްޓާކަން އެނގިވަޑައިގެންނެވުމުން އެކަމާ ބެހޭގޮތުން އާމިލުންނަށް ސިޓީ ފޮނުއްވިއެވެ. ސިޓީގައި ލިޔުއްވައިފައިވެއެވެ.

"ނަމާދު ވަގުތަށް ހުރިހައި މަސައްކަތެއް ހުއްޓައިލައިފައި ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ޙާޒިރުވާށެވެ. އެހެނީ ނަމާދު ފާއިތުކުރާ މީހުންނަކީ އެހެނިހެން ފަރުޟުތައް އެންމެ އަދާނުކުރާ މީހުންނެވެ." (ސީރަތު ޢުމަރު ބުނު ޢަބްދުލްޢަޒީޒު)

މިދެންނެވި ސިޓީގެ އިތުރަށް ނަމާދު ޤާއިމުކުރުމުގެ އިންތިޒާމުކުރެއްވިއެވެ. ބަންގި ދިނުމަށްޓަކައި މުދިމުންލައްވައި މުދިމުންނަށް މުސާރަދެއްވަން ފެއްޓެވިއެވެ.

ޒަކާތުގެ ނިޒާމު އިސްލާޙުކުރެއްވުމަށްޓަކައިވެސް ގަވަރުނަރުންނަށް ތަކުރާރުކުރައްވައި ސިޓީ ފޮނުއްވަމުން ގެންދެވއެވެ. ޒަކާތް ވާޖިބުނުވާ މީހުންގެ އަތުން ޒަކާތް ނުނެގުމަށް ގަދަ އަމުރުން އަމުރުކުރެއްވިއެވެ. ޝަރީޢަތުގައި ކަނޑައަޅިފައިވާ މަގުން، ކަނޑައެޅިފައިވާ ބެހެނިވެރީންނަށް ޒަކާތް ދިނުމަށްވެސް އެސިޓީފުޅުތަކުގައި އަންގަވަމުން ގެންދެވިއެވެ. ހަމައެފަދައިން ޒަކާތް ވާޖިބުވާ މީހަކު ޒަކާތް ނުދީ ނުހުރުމުންވެސް ނަސޭހަތްދެއްވިއެވެ. ޞަދަޤާތް ކުރުމުގެ ޝައުޤު އުފެއްދެވުމަށްވެސް މަސައްކަތްކުރެއްވިއެވެ.

ރާބުއިން ހުއްޓުވުމަށްވެސް ސަރުކާރުގެ ފެންވަރުގައި މަސައްކަތްކުރެއްވިއެވެ. ގަވަރުނަރުންނަށް އަމުރު ފޮނުއްވިއެވެ. " މުސްލިމުންގެ ރަށްރަށަށް އެއްވެސް ހާލެއްގައި ރާ ނުގެންނަށް ޣައިރު މުސްލިމުންނަށް އަންގާށެވެ." އިސްލާމީ ދައުލަތުގެ ސަރަހައްދުގައި ހުރި ހުރިހާ ރާފިހާރަތަކެއް ބަންދުކުރެއްވިއެވެ. އިބްނުލްޖައުޒީ ސީރަތު ޢުމަރުބުނު އަބްދުލްޢަޒީޒުގައި ލިޔުއްވައިފައިވާ ގޮތުގައި، އެދުވަސްވަރު ވަރަށް ގިނަ މީހުން ނަބީޒުގެ ނަމުގައި ރާބޮމުން ގެންދެއެވެ. އެހެންކަމުން ޢުމަރު ބުނު އަބްދުލްޢަޒީޒު އެކަލޭގެފާނުގެ އާމިލަކަށް އެކަމާބެހޭގޮތުން ލިޔުއްވިއެވެ.

"ބައެއް މީހުން ނަބީޒު ބޮއިގެން މަސްތުގެ ޙާލަތުގައި ވަރަށް ގިނަ ނުބައިކަންތައްތަކަށް އަރައިގަންނަމުން އެބަގެންދެއެވެ. އަނެއްބަޔަކު ބުނާގޮތުގައި ރާބުއިމަކީ ގެއްލުންހުރި ކަމެއްނޫނެވެ. ނަމަވެސް އަހަރެން ބުނަމެވެ. އިންސާނާ އެއެއްޗެއް ބުއިމުން އޭނާ ލައްވައި ނުބައިކަންތައް ކުރުވާ އެއްޗެއް ބޭނުންކުރުމަކީ ޝައްކެއްނެތްގޮތުގައި ގެއްލުންހުރި ކަމެކެވެ. އަރަހުށި މާތްﷲ ވަނީ އިންސާނާ ބޯންބޭނުން ކުރާނެ ފައިދާހުރި އެތައް ބާވަތްތަކެއް މިބިންމަތީގައި ލައްވައިފައެވެ. މީރުފެނާއި، ކިރާއި، މާމުޔާއި އަދި މިނޫންވެސް އެތައް ބާވަތްތަކެކެވެ. ކޮންމެއަކަސް މީހަކު ރާބޮއިފިނަމަ އެމީހަކަށް ދީނުގައި ކަނޑައަޅުއްވައިފައިވާ އަދަބުދޭށެވެ. ސިއްރުން ރާބޮއި އުޅޭމީހުން ދަންނައެ! އަރަހުށި މާތްﷲ އެފަދަ މީހުން އެކަލާނގެ ދެއްވާ ގަދަފަދަ އަޒާބުގައި ހައްޔަރުކުރައްވާ ހުއްޓެވެ."

ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ރަޙިމަހުﷲ އަށް އެއްފަހަރަކު އެނގިވަޑައިގެންނެވިކަމަކީ ވިޔާނުދާ ޒާތުގެ އަންހެނުން އެބައިމީހުންގެ ގާތްތިމާގެ މިހުން މަރުވުމުން ބޮލު އިސްތަށިގަނޑު ނިއުޅައިލައިގެން ރޮމުން ހިތާމައިގެ ޅެންކިޔަމުން ޖަނާޒާތަކުގެ ފަހަތުންދާކަމެވެ. މިއީ ޢަރަބީންގެ ޖާހިލިއްޔަ ޒަމާނުގެ އާދައެކެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ ރަސްމީގޮތުން އެކަންމަނާކުރެއްވިއެވެ. މުސްލިމުން ޖާހިލިއްޔަތުގެ ދައުރަށް އެނބުރި ރުޖޫޢަވަމުންދާ ކަމުގެ ހެއްކަކަށް އެކަންތައްވާތީއެވެ.

ހަމައެފަދައިން ދެޖިންސުގެ މީހުނަށް ހަދައިފައި ހުންނަ ޙައްމާމުތަކަށް އަންހެނުން ދިއުންވެސް ރަސްމީ އަމުރުފުޅެއް ނެރުއްވައި މަނާކުރެއްވިއެވެ. ފިރިހެނުން އާއްމު ޙައްމާމުން ފެންވަރާއިރު އެންމެ ކުޑަމިނުން ފޫޅާއި ކަކުލާ ދެމެދުން ނިވާކޮށްގެން ތިބެ މެނުވީ ފެންނުވަރަން އެންގެވިއެވެ. ސީރަތު އުމަރު ބުނު ޢަބްދުލްޢަޒީޒުގައި ވާގޮތުން އިސްލާމީ ދައުލަތުގެ ސަރަޙައްދުގެ އެއްކޮޅުން އަނެއްކޮޅަށް މިއަމުރުފުޅު ވަރަށް ވަރުގަދަޔަށް ހިންގެވިއެވެ. މިއަމުރުފުޅާ ޚިލާފުވާ މީހުންނަށް އަދަބުދެއްވިއެވެ.

ޢާއްމު ޙައްމާމުތަކުގެ ފާރުތަކުގައި ކުރަހައިފައި ހުންނަ ނާތަހުޒީބު ކުރެހުންތައް ފޮހެ ނައްތައިލަން އަމުރުކުރެއްވިއެވެ. އެއްފަހަރަކު އެފަދަ ކުރެހުންތަކެއް އަމިއްލަފުޅަށްވެސް ފޮއްސެވިއެވެ. ޢުމަރު ވިދާޅުވިއެވެ. މިކުރެހުންތައް ކުރަހާ ބަޔަކު އެނގޭނަމަ އަހަރެން އެބަޔަކަށް އަދަބުދިނީމުހެވެ.

އެދުވަސްވަރު ބައެއް ފިރިހެނުން ފެޝަނެއްގެ ގޮތުން ބޮލުގައި ހުޅިޖަހައި އުޅޭތީ އެކަންވެސް މަނާކުރެއްވިއެވެ. އަންހެނުން ފިރިހެނުންގެ ސިފަ ޖައްސައިގެން އުޅުމާއި، ފިރިހެނުން އަންހެނުންނާ އެއްވައްތަރަށް ހެދުމާއި، ބޭރުފުށުގެ މަލައާއި ބޮލުގެ އިސްތަށިގަނޑު ބެހެއްޓުމަކީ ދީން ތަރުޙީބުދޭ ކަމަކަށް ނުވާތީޢެވެ. އެކަން ހުއްޓުވުމަށްޓަކައި ހުކުރު ދުވަސްދުވަހު މިސްކިތްތަކުގެ ކައިރިޔަށް ފުލުހުން ފޮނުއްވިއެވެ. އަންހެނުން ހުޅިޖަހާ ގޮތަށް ހުޅިޖަހައިފައިހުރި ފިރިހެނަކު ފެނިއްޖެނަމަ އެމީހެއްގެ ބޯކޮށައިލަން އަމުރުކުރެއްވިއެވެ.

ކުރީންވެސް އިޝާރާތްކޮށްލިފަދައިން އުމަވީ ޚަލީފާއިންނާއި އަމީރުންނާއި ގަވަރުނަރުން ގެންދެވީ އަމީރުލް މުއުމިނީން ޢަލީ ކައްރަމާﷲ ގެ ވަޖުހަތުއަށާއި އަހްލުބައިތުންނަށް ފާޅުގައި ހުތުރު އެއްޗެހި ވިދާޅުވަމުންނެވެ. އެކަންއޮތީ ހުކުރު ޚުތުބާގެވެސް "ލާޒިމު ރުކުނެއް" ފަދަ ކަމަކަށް ހައްދަވައިފައެވެ.

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް ޚަލީފާކަން ލިބިވަޑައިގެންނެވުމާއެކު އެކަން މަނާކުރައްވަން ގަވަރުނަރުންނަށް ވަރަށް ވަރުގަދަޔަށް އަމުރުކުރެއްވިއެވެ. ހުކުރު ޚުތުބާއިން އެބައި އުނިކޮށް އޭގެ ބަދަލުގައި ކީރިތި ޤުރްއާނުގެ ސޫރަތުލް ނަޙްލުގެ ނުވަދިހަ ވަނަ އާޔަތް ކިޔެވުމަށް އަމުރުކުރެއްވިއެވެ. އެއާޔަތުގެ މާނައިގައިވަނީ މިދަންނަވާފަދައިންނެވެ.

"ހަމަކަށަވަރުން ޢަދުލުވެރިވުމަށާއި، އިޙްސާންތެރިވުމަށާއި، ގާތްތިމާގެ މީހުންނަށް ހެޔޮފޯރުވުމަށް ﷲ އަމުރުކުރެއްވަތެވެ. އަދި ހުތުރުކަން ބޮޑުވެގެންވާ ފާފަތަކާއި، މުންކަރާތްތަކާއި، އަނިޔާވެރިވެ އުޅުން، އެކަލާނގެ ނަހީކުރައްވަތެވެ. އެކަލާނގެ، ތިޔަބައިމީހުންނަށް ވަޢުޠު އިއްވަވަނީ، ތިޔަބައިމީހުން ހަނދުމަކުރުމަށްޓަކައެވެ."

އަމީރުލް މުއުމިނީން ޢުމަރު ބުނު ޢަބްދުލްޢަޒީޒު ރަޙިމަހުﷲ މިމަކްރޫޙާ ބިދުޢަ ވަރުގަދަޔަކަށް މަނާކުރައްވައިފައި ވަނިކޮށް ހުޝާމު ބުނު އަބްދުލްމަލިކަށް ޚަލީފާކން ލިބިވަޑައިގެންނެވުމުން އެބޭފުޅުންގެ ޢާއިލާގެ މިހުތުރު "ސުންނަތް" އަލުން ދިރުއްވިއެވެ. (ޚިލާފަތު ވަމުލޫކިއްޔަތު- ސައްޔިދު އަބުލްއަޢުލާ މައުދޫދީ)

comment ކޮމެންޓް