ފައިވް-ސްޓާ ބަޔާނުން އާސެނަލަށް ވަރުގަދަ އެތިފަހަރެއް ދީފި

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުގައި އާސެނަލް އާ ބަޔާން މިއުނިކް ބައްދަލުކުރި މެޗުގެ ތެރޭން. މި މެޗުން އާސެނަލް ބަލިވީ 5-1ގެ ނަތީޖާއަކުން -- ފޮޓޯ: ބީބީސީ

އިނގިރޭސި ކްލަބް އާސެނަލް އަތުން 5-1ގެ ނަތީޖާއަކުން މޮޅުވެ ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާއާ ގާތަށް ޖެހިލައިފިއެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ވެސް އާސެނަލް ވަނީ ބަޔާން އަތުން ހަމަ މި ނަތީޖާއިން ބަލިވެފައެވެ.

މި ނަތީޖާއާއެކު އާސެން ވެންގާގެ އާސެނަލަށް މިވަނީ، ޗެމްޕިއަންސް ލީގުގެ ދެވަނަބުރަށް ދިއުމަށް، ވުމަށްވުރެ ނުވުން ގާތް "ޓާސްކެއް" ހަވާލުވެފައެވެ. އަދި މިސީޒަންގެ އެފްއޭ ކަޕް ފިޔަވައި، ތައްޓެއްގައި ބީހިލުމުގެ ފުރުސަތު ހަނިވެފައިވާ އާސެނަލަށް މިވަނީ އަނެއްކާވެސް "ފެއިލް" ސީޒަނަކާ ކުރިމަތިލާން ޖެހުމުގެ ބިރު ހީވެފައެވެ.

ބަޔާން މިއުނިކާއި އާސެނަލް ކުޅުނު، ޗެމްޕިއަންސް ލީގު ގަދަ16ގެ ފުރަތަމަ ލެގު މެޗުގައި ބާޔާންގެ ކުޅުންތެރިން ގޯލު ޖެހުމަށްފަހު އުފާފާޅު ކުރަނީ. މި މެޗު ނިމުނީ 5-1ގެ ނަތީޖާއަކުން ބަޔާން މޮޅުވެގެން --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފްގައި ކާލޯ އެންޗެލޮޓީގެ ޓީމަށް، ކުރިހޯދައި ދިނީ އާރްޔަން ރޮބޭން އެވެ. މެޗުގެ 11 ވަނަ މިނިޓްގައި ރޮބޭން އެ ލަނޑު ކާމިޔާބުކުރި ނަމަވެސް، އާސެނަލުން ވަނީ އިތުރަށް ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކޮށްފައެވެ.

މެޗުގެ 30 ވަނަ މިނިޓްގައި އާސެނަލަށް ނަތީޖާ ހަމަހަމަކޮށްދިނީ އެލެކްސް ސަންޗޭޒެވެ. ސަންޗޭޒް އެ ލަނޑު ކާމިޔާބުކުރީ އޭނާ ފޮނުވާލި ޕެނަލްޓީއެއް ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ދިފާއުކުރުމުން ބޭރަށް ނުކުތް ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ. މިއީ އޭނާ މިސީޒަންގައި ކާމިޔާބުކުރި 20 ވަނަ ލަނޑެވެ.

ފުރަތަމަ ހާފްގައި އާސެނަލުން ކުޅުން ރަނގަޅުކޮށް ނަތީޖާ ހަމަހަމަކުރި ނަމަވެސް ފަހު ހާފުވެގެން ދިޔައީ އެ ޓީމަށް ހިތްދަތި ހާފަކަށެވެ.

ދެވަނަ ހާފު ފެށިގެން މާކަ ގިނަ އިރުތަކެއް ނުވަނީސް ބަޔާނުން ވަނީ އާސެނަލްގެ ޑިފެންސް ރޫޅާލައި 10 މިނިޓް ތެރޭ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން 53 ތިން ވަނަ މިނިޓްގައި ރޮބާޓް ލެވަންޑޯސްކީ ބަޔާނަށް އަލުން ލީޑު ހޯދައިދިން އިރު، ތިއާގޯ އަލްކަންޓާރާ ވަނީ އޭގެ ކުޑައިރުކޮޅެއް ފަހުން އިތުރު ދެލަނޑު ކާމިޔާބުކޮށް 4-1އަށް ނަތީޖާ ފުޅާކޮށްފައެވެ.

އާސެނަލަށް އިތުރު ހިތްދަތިކަމެއްދީ، ބަޔާންގެ ފަހު ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ ތޯމަސް މުލާއެވެ.

މެޗަށް ފަހު ވާހަކަދައްކަމުން ވެންގާ ބުނީ، މިއީ އޭނާއަށް ގަބޫލުކުރަން ދަތި ނަތީޖާއެއް ކަމަށެވެ. އަދި މެޗުގައި އެޓީމަށް އުނދަގޫތަކެއް ކުރިމަތިވީ ދެވަނަ ހާފްގެ ކުޅުން ފެށިގެން 4 ވަނަ މިނިޓްގައި އެޓީމުގެ ޑިފެންޑަރު ލޮރެން ކޮސީލްނީއަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ ބަދަލުރާން ޖެހުނު ހިސާބުން ކަމަށެވެ.

"ބުނޭދޭންވެސް އުނދަގޫ، އަހަރެން ގަބޫކުރާ ގޮތުގައި ފުރަތަމަ ހާފުގައިވެސް ލަނޑު ޖަހާނޭ ރަނުގެ ދެ ފުރުސަތެއް އަހަރެމެންނަށް ލިބުނު. އަހަރެން ބުނާނީ އަހަރެމެން ހަމަ ނަސީބު ދެރައީއޭ.

"މުޅި މެޗަށް ބަލާއިރު ބުނެވޭނީ އެމީހުން އަހަރެމެންނަށްވުރެ މާބޮޑަށް ވެސް ވަރުގަދައޭ. އެމީހުން ދެވަނަ ހާފުގައި ވަރަށް ރަނގަޅަށް ކުޅުނު، އަދި އަހަރެމެންގެ ކުޅުންގަނޑު މާބޮޑަށް ދަށްވީ،" މިހާރުވެސް ސަޕޯޓަރުންގެ ފަރާތުން ގިނަ ފާޑުކިޔުންތަކެއް ކުރިމަތިވެފައިވާ ކޯޗު ވެންގާ ބުންޏެވެ.

އާސެނަލްއާއި ބަޔާން ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު ކުޅޭނީ މާޗް މަހުގެ އަށް ވަނަ ދުވަހުއެވެ.

comment ކޮމެންޓް