ކަލައިދޫ އެކްސިޑެންޓުގައި މަރުވި ކުއްޖާއަށް ފަރުވާ ދިނުމުގައި އިހްމާލުވި މައްސަލައެއް ފެންމަތި ވެއްޖެ

ލ. ކަލައިދޫ: ތުއްތު ކުއްޖާ މަރުވީ ފަރުވާ ދެމުންދަނިކޮށް-- ފޮޓޯ/ ގޫގުލް އޭރިއަލް ފޮޓޯ

މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ލ. ކަލައިދޫގައި ހިނގި އެކްސިޑެންޓެއްގައި ލިބުނު ޒަހަމްތަކަށް ފަރުވާ ދެމުންދަނިކޮށް މަރުވި ކުއްޖާއަށް ފަރުވާ ދިނުމުގައި އެ ރަށު ސިއްހީ މަރުކަޒުން އިހުމާލުވި ކަމުގެ ޝަކުވާ ލިބިފައިވާތީ އެ މައްސަލަ ބަލަމުން އަންނަ ކަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ސްޕޯކްސް ޕާސަން ތަސްލީމާ އުސްމާން 'ސަން'އަށް ވިދާޅުވީ ހެލްތު މިނިސްޓަރުގެ ބިއުރޯ އަށް މީހަކު ގުޅައި އެ މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށެވެ.

"ހެލްތު މިނިސްޓަރުގެ ބިއުރޯއަށް މީހަކު ގުޅާފަ ވިދާޅުވީ ލޭތަކާއެކު އެ ކުއްޖާ ކަލައިދޫ ސިއްހީ މަރުކަޒަށް ގެންދިޔައިމަ ލޭ ސާފުކޮށްގެން އަންނާށޭ ކިޔާފަ ފޮނުވާލީއޭ. އެ މައްސަލަ އަޅުގަނޑުމެން މިދަނީ ބަލަމުން،" ތަސްލީމާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ މަސައްލަ ބަލާއިރު، މަރުވި ކުއްޖާގެ އާއިލާގެ މީހުންގެ ބަސް ވެސް އެ މިނިސްޓްރީން ހޯދާނެ ކަމަށާއި އާއިލާ އިން މައްސަލަ ބަލަން ބޭނުންނުވިޔަސް މިނިސްޓްރީން މައްސަލަ ބަލާނެ ކަމަށެވެ.

"އާއިލާ އިން ކުރިއަށް ނުގެންދާށޭ ބުންޏަސް އަޅުގަނޑުމެން މައްސަލަ ކުރިއަށް ގެންދަނަން. ސަބަބަކީ އެއީ ހަގީގަތުގައި މުޖުތަމައުގެ ކަންބޮޑުވުން އޮންނަ ކަހަލަ މައްސަލައެއް،" ތަސްލީމާ ވިދާޅުވިއެވެ.

ހެލްތު މިނިސްޓްރީން މައްސަލަ ބެލުމަށްފަހު އެކަމުގައި ޖިނާއީ ތަހުގީގެއް ކުރަންޖެހޭ ކަމެއް އޮތް ކަމަށް ފާހަގަކުރެވޭނަމަ ފުލުހުންނަށް މައްސަލަ ހުށަހަޅާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ އެކްސިޑެންޓުގައި ލިބުނު ޒަޚަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާދެމުން ދަނިކޮށް މަރުވި އުމުރުން 14 އަހަރުގެ ވިޝާލްގެ ބައްޕަ ލ. ކަލައިދޫ، ހުސްނުހީނާގެ، އާދަމް އަހްމަދު ސަންއާ ވާހަކަދައްކަމުން ބުނީ މައްސަލަ ޖައްސައިގެންވާނެ ފައިދާއެއް ނެތް ކަމަށާއި އެ މައްސަލަ ބަލަން އާއިލާ އިން ބޭނުންނުވާ ކަމަށެވެ.

"މިހާރު އެކަން އެ އޮތީ ނިމިފަ ނޫންތޯ. އަޅުގަނޑުމެން ބޭނުމެއް ނޫން އެ މައްސަލައިގެ އެއްވެސް ވާހަކައެއް ދައްކާކަށް ވެސް ކުރިއަށްދާކަށް ވެސް،" އާދަމް ބުންޏެވެ.

އާދަމް ބުނީ ވިޝާލް މަރުވި މައްސަލައިގެ ވާހަކަ އިތުރަށް ދެއްކީމަ އެހެން މީހުންގެ ހިތްތަކުގައި އޭނައާ މެދު ނަފްރަތު އުފެދޭނެ ކަމަށެވެ.

"އަޅުގަނޑުމެން ބޭނުންވަނީ މައްސަލައެއް ނޫން ކުއްޖާ. އެކަމަކު އޭނަގެ ކަންތައް އެއޮތީ ގޮސްފަ. އޭނާގެ ވާހަކަ އަޅުގަނޑުމެން ދެއްކީމަ އެހެން މީހުންގެ ހިތުގައި ނަފްރަތު އުފެދޭނެ. މަރުގެ ދިޔަ އެއީ ކީއްކުރާ އެއްޗެއްތޯ އަޅުގަނޑުމެން ބޭނުންވަނީ އޭނައޭ. އޭނަ ލިބޭކަށް ނެތް،" ސަން އިން ކުރި ސުވާލުތަކުގެ ޖަވާބުގައި އާދަމް ބުންޏެވެ.

ކަލައިދޫ ސިއްހީ މަރުކަޒު ހިންގުމާހަވާލުވެ ހުންނެވި އެޑްމިނިސްޓްރޭޓަރ ޔޫސުފް ރިޔާޒު ފޯނު ނުނަންގަވާތީ އެ ސިއްހީ މަރުކަޒުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކަލައިދޫގައި ހިނގި އެކްސިޑެންޓުގައި 14 އަހަރުގެ ކުއްޖާ މަރުވި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމަށެވެ. ނަމަވެސް ކަލައިދޫ ހެލްތު ސެންޓަރުގެ މުވައްޒަފަކާ ގުޅޭ މައްސަލައެއް އަދި ހުށަހެޅިފައިނުވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

އޮފިޝަލް ވިދާޅުވީ ސިއްހީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ މައްޗަށް ތުހުމަތު ކުރެވޭ އިހުމާލުގެ މައްސަލަތައް ތަހުގީގު ކުރުމުގައި މޯލްޑިވްސް ޕޮލިސް ސާވިސް އިން އަމަލު ކުރާ އުސޫލަކީ ހެލްތު މިނިސްޓްރީން އެކަން ބެލުމަށްފަހު ފުލުހުންނަށް އެންގުމުން ތަހުގީގު ކުރިއަށް ގެންދަނީ ކަމަށެވެ.

comment ކޮމެންޓް