ޖިއްދާއާއި މާލެ ޑައިރެކްޓް ފްލައިޓުތަކުން ގުޅުވާލަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ސައުދީ އެއާލައިންގެ ބޯޓެއް --- ސަން ފައިލް ފޮޓޯ

މިއަހަރުގެ ތެރޭގައި ޖިއްދާ އާއި މާލެއާ ދެމެދު ޑައިރެކްޓް ފްލައިޓުތައް ފަށާނެ ކަމަށް ސައުދީ އެއާލައިނުން ބުނެފިއެވެ.

ސައުދީ އަރަބިއްޔާގެ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީއާއި ސަން ސިޔާމް ރިސޯޓްސް ގުޅިގެން މިދިޔަ ހޯމަ ދުވަހު އެގައުމުގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި ވާހަކަ ދައްކަވަމުން ސައުދީ އެއާލައިންގެ ސޭލްސް މެނޭޖަރު، މަމްދޫހު އަބްދުއްރަހުމާން އަލް މަލޫހީ ވިދާޅުވީ، ވަރަށް އަވަސް މުސްތަގުބަލެއްގައި ޖިއްދާއާއި މާލެ ޑައިރެކްޓު ފްލައިޓުތަކުން ގުޅާލަން ނިންމާފައިވާ ކަމަށެވެ.

އޭނާ މިހެން ވިދާޅުވީ، ރިޔާދާއި މާލެއާ ދެމެދު އެ އެއާލައިނުގެ ސީދާ ދަތުރުތައް ފެށުމުން ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ބަދަހިވެފައިވާ ކަން ފާހަގަކުރައްވަމުންނެވެ.

ސައުދީ އެއާލައިނުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށީ މިދިޔަ އަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އެވެ. އެ އެއާލައިންގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާ އިރު، އެ އެއާލައިނުން މާލޭން ރިޔާދަށް ކުރާ ދަތުރުތަކުގެ ދެކޮޅު ޓިކެޓް ވިއްކުމަށް ހަމަޖެހިފައި ވަނީ ޓެކްސް ނުހިމަނައި 589 ޑޮލަރަށެވެ.

ޔޫރަޕަށް ކުރާ ދަތުރުތަކުގެ ޓިކެޓްގެ އަގު 600 ޑޮލަރާއި 800 ޑޮލަރާ ދެމެދުގެ އަގެއްގައި އުޅޭއިރު، އެމެރިކާއަށް ކުރާ ދަތުރުތަކުގެ އަގު ވެސް އުޅެނީ ގާތްގަނޑަކަށް އެ އަގުގައެވެ.

އެ އެއާލައިން ރާއްޖެއަށް އޮޕަރޭޓް ކުރާތާ އަހަރަކާ ގާތްވެފައިވާއިރު މިހާރުވެސް ރިޔާދުން މާލެއަށް ހަފްތާއަކު ދެ ފްލައިޓު ބާއްވައެވެ. ޖިއްދާއިން މާލެއަށް ކުރާ ދަތުރުތައް ފަށާނެ ކަމަށް އެ އެއާލައިނުން ބުނި ނަމަވެސް އެކަމާ ގުޅޭ އިތުރު މައުލޫމާތެއް ނުދެއްވައެވެ.

ޖިއްދާ ދަތުރުތައް ފަށާނެ ކަމަށް އިއުލާންކުރި ހަފްލާގައި ސައުދީ އަރަބިއްޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހި ސަފީރު އަބްދުﷲ ހަމީދާއި ސަން ސިޔާމް ރިސޯޓްސް އަދި ސައުދީ އެއާލައިންގެ ފަރާތުން މަންދޫބުން ބައިވެރިވިއެވެ.

comment ކޮމެންޓް