ނެޓްބޯލް ކުރިއަރުވަން މަހިބަދޫ ސްޕޯޓްސްއިން ނެޓްބޯލް އެސޯސިއޭޝަނާ ގުޅިއްޖެ

މަހިބަދޫ ސްޕޯޓްސް ކްލަބުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް، ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: އެމްއެސްސީ

އަތޮޅުތެރޭގައި ފުރަތަމަ ފަހަރަށް ނެޓްބޯލް ޔޫތު ޑިވެލޮޕްމަންޓް ޕްރާމް ހިންގުމަށް، މަހިބަދޫ ސްޕޯޓްސް ކްލަބާ އެކު ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި، މަހިބަދޫ ސްޕޯޓްސް ކްލަބާއި ނެޓްބޯލް އެސޯސިއޭޝަނާ ދެމެދު މިއަދު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން، ރާއްޖޭގައި ނެޓްބޯލް ކުރިއަރުވާން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނޭ ކަމަށް އެ ދެފަރާތުން ވެސް މައުލޫމާތު ދެއެވެ.

މަހިބަދޫ ސްޕޯޓްސްގެ ފައުންޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިޤު (ޓޮމް) މިއަދު ސަންއަށް ވިދާޅުވީ، މަހިބަދޫ ސްޕޯޓްސް ކުރިއަށް ދާނީ ހަމައެކަނި ފުޓްބޯޅައިގައި ނޫން ކަމަށާއި ގައުމީ ފެންވަރުގައި ކުޅޭ އެހެނިހެން ކުޅިވަރުތަކުގައިވެސް ބައިވެރިވެ، ކުޅިވަރުތައް ކުރިއަރުވަން ވެސް އެ ކްބަލުން މަސައްކަތް ކުރާނޭ ކަމަށެވެ.

"މަހިބަދޫ ސްޕޯޓްސްގެ މަގުސަދަކީ ގައުމީ ފެންވަރުގެ ނެޓްބޯލް ކުޅުންތެރީންތަކެއް އުފެއްދުން،" ޓޮމް ވިދާޅުވިއެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް، ޒުވާނުންގެ މަރުކަޒުގެ ސެމިނާ ރޫމްގައި ބޭއްވި ބައްދަލުވުމުގެ ތެރޭން -- ސަން ފޮޓޯ: އެމްއެސްސީ

މަހިބަދޫ ސްޕޯޓްސްއާ ގުޅިގެން ނެޓްބޯލް އެސޯސިއޭޝަނުން ކުރިއަށް ގެންދާ ވައިޑީޕީ ޕްރޮގްރާމަކީ އަތޮޅުތެރޭގައި އެ އެސޯސިއޭޝަނުން ހިންގާ އެފަދަ ފުރަތަމަ ޕްރޮގްރާމެވެ. އެގޮތުން މިހާރުވެސް މަހިބަދޫ ސްޕޯޓްސްގެ ނެޓްބޯލް ވައިޑީޕީ ޕްރޮގްރާމްގައި ވަނީ 103 ކުއްޖަކު ބައިވެރިވެފައެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން ވަނީ 2016 ވަނަ އަހަރުގެ ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕްގެ ފައިނަލްގައި ޓީސީ ސްޕޯޓްސްއާ ވާދަކޮށް އެ މުބާރާތް ކާމިޔާބުކޮށްފައެވެ.

ނެޓްބޯލް އެސޯސިއޭޝަންގެ ވައިޑީޕީ ކޯޑިނޭޓަރު އައިޝަތު ލޫނާ މޫސާ ވިދާޅުވީ، މަހިބަދޫއަކީ، ރާއްޖޭގައި ނެޓްބޯޅަ ކުރިއަރުވާން ވަރަށް ބޮޑު އެއްބާރުލުމެއް ދޭ ރަށެއް ކަމަށެވެ.

މިއަދު ވެވުނު އެއްބަސްވުމުގެ ދަށުން، މަހިބަދޫ ސްޕޯޓްސްގެ ވައިޑީޕީ ޕްރޮގްރާމަށް ޓެކްނިކަލް ސަޕޯޓް ދޭނީ ނެޓްބޯލް އެސޯސިއޭޝަނުން ކަމަށް ލޫނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ހަމަ ޝުކުރުވެރިކަމާއެކު ފާހަގަކުރަން، މަހިބަދޫ ސްޕޯޓްސްގެ އެ އިސްނެންގެވުން. މަހިބަދުއަކީ ނެޓްބޯލް ކުރިއަރުވަން ވަރަށް ބޮޑަށް މަސައްކަތް ކުރާ ރަށެއް،" ލޫނާ ވިދާޅުވިއެވެ.

"މިދިޔަ އަހަރުގެ ޗެމްޕިއަންޝިޕް ކާމިޔާބުކުރި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމުގައި ވެސް ވަރަށް ރަނގަޅު މޮޅު ކުޅުންތެރީންތަކެއް ތިބިކަން ފާހަގަކުރަން.

"އަޅުގަނޑުމެން ރާވާފައި ވަނީ، މަދުވެގެން މަހަކު އެއްފަހަރު އެސޯސިއޭޝަންގެ ފަރާތުން މަހިބަދުއަށް ގޮސް، ވައިޑީޕީ ކުރިއަށް ދާގޮތް މޮނިޓަރކުރަން. އަދި ހުރިހާ ޓެކްނިކަލް ސަޕޯޓެއް ފޯރުކޮށްދޭނީ އެސޯސިއޭޝަނުން."

މަހިބަދޫ ސްޕޯޓްސް ކްލަބުގެ ފުޓްބޯލް އެކަޑަމީ ހިންގާތާވެސް މިހާރު ދެ އަހަރު ވެފައި ވާއިރު، އެ ކްލަބުގެ ރައީސް އިސްމާއީލް ފާއިޒް ވިދާޅުވީ، ފުޓްބޯޅައެކޭ އެއްފަދައިން ނެޓްބޯޅައިގައިވެސް ކާމިޔާބު ކުޅުންތެރީންތަކެއް އެ ކްލަބުން އުފައްދާނޭ ކަމަށެވެ.

މަހިބަދޫ ސްޕޯޓްސް ކްލަބުން ނެޓްބޯލް އެސޯސިއޭޝަނާއެކު މިއަދު އެއްބަސްވުމެއްގައި ސޮއިކުރެވުނު އިރު، މި ދެ ފަރާތް ގުޅިގެން މިމަހުގެ ތެރޭގައި ވަނީ ނެޓްބޯޅަ ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް 25 ކޯޗުންވެސް ތަމްރީނުކޮށްފައެވެ.

comment ކޮމެންޓް