ޔޫތު ޗެމްޕިއަންޝިޕްގައި މިރޭ ކުލަބް ވެލެންސިއާ އާއި މަހިބަދޫ ސްޕޯޓްސް ކުލަބް ބައްދަލު ކުރި މެޗު ވެލެންސިއާ އިން ކާމިޔާބުކޮށްފިއެވެ.
މިރޭގެ މެޗަށް ނިކުތްއިރު ވެސް މި ދެ ޓީމު ވަނީ މުބާރާތުން ކަޓާފައެވެ. މި ދެ ޓީމު ހިމެނެނީ ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ ސްޕޯޓްސް ކުލަބާއެކު ގުރޫޕް ބީ ގައެވެ.
މި ގުރޫޕްގެ އެއް ވަނަ ލިބިފައިވަނީ ޔުނައިޓެޑް ވިކްޓަރީއަށެވެ. ދެވަނަ ޓީސީއަށް ލިބުނު އިރު، މިރޭގެ މޮޅާއެކު ވެލެންސިއާއަށް ވަނީ ތިން ވަނަ ލިބިފައެވެ. އަދި މަހިބަދޫ އޮތީ ހަތަރު ވަނައިގައެވެ.
މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި މަހިބަދޫއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އިޝްހާމްއެވެ. އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ވެލެންސިއާގެ ގޯލުގެ ދުރު ކަނަށެވެ.
އޭގެ ތިން މިނެޓު ފަހުން މަހިބަދޫން ލަނޑެއް ޖަހައި ލީޑު ފުޅާކުރީ ލިބުނު ޕެނަލްޓީއަކުންނެވެ. އެއީ މަހިބަދޫގެ އިޝްހާމަށް ވެލެންސިއާގެ ކީޕަރު އަތޫފް ރިފާއު ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ޕެނަލްޓީން މި ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ނާއިމްއެވެ.
ދެ ގޯލުގެ ލީޑެއްގައި އޮވެ މަހިބަދޫއިން ކުޅެމުން ދަނިކޮށް ވެލެންސިއާއިން ލަނޑެއް ޖަހައި ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ 14 ވަނަ މިނެޓުގައި އަބްދުﷲ ފާސިރު ޖަހައިދިން ލަނޑަކުންނެވެ.
މެޗުގެ 27 ވަނަ މިނެޓުގައި މަހިބަދޫ ޓީމުގެ ކެޕްޓަން އަލީ އިޝްހާފް ހަސަން މަޖީދު މަހިބަދޫއަށް އެ ޓީމުގެ ތިން ވަނަ ލަނޑު ޖަހައިދިން ނަަމަވެސް، ރެފްރީ ނިންމީ އޭނާ ވެލެންސިއާގެ ކީޕަރަށް ފައުލު ކުރިކަމަށެވެ.
ފުރަތަަމަ ހާފުގެ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައިވަނިކޮށް ވެލެންސިއާއިން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އެއީ އެ ޓީމުގެ އަހުމަދު ރާހިލް ރަޝީދު ބޮލުން ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
ދެވަނަ ހާފު ފަށައިގެން ކުރީކޮޅުގައި ވެލެންސިއާއިން ލަނޑެއް ޖަހައި ލީޑު ނެގިއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން އާމިން އުމަރު މޫސާއެވެ. ގޯލަަށް ފަހުވެސް އޭނާއަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ތަކެއް ލިބި ބޭކާރުވިއެވެ.
މެޗުގެ ފަހު ވަގުތުގައި ވެސް ލަނޑެއް ޖަހައި ނަތީޖާ ހަމަހަަމަ ކުރުމަށް މަހިބަދޫން މަސައްކަތް ކުރި ނަމަވެސް، އެ ޓީމަށް އިތުރު ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެލެންސިއާގެ ކެޕްޓަން އާމިން އުމަރު މޫސާއެވެ.
މުބާރާތުގެ ގުރޫޕް ސެޓޭޖުގެ ފަހު މެޗުތަކުގައި ހިނިހިރު ދުވަހު ހަވީރު ކުލަބް ގްރީން ސްޓްރީޓްސް ނިކުންނާނީ ކްލަބް އީގަލްސްއާ ދެކޮޅަށެވެ. އެރޭގެ މެޗުގައި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް ނިކުންނާނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް)އާ ދެކޮޅަށެވެ.