މާލެއާ އެއްދުވަހެއްގައި "މަލިކާ" އަތޮޅު ތެރެއަށް!

ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ ---

މިހާތަނަށް ނުކުމެފައި ހުރި ދިވެހި ގިނަ ފިލްމުތައް ފުރަތަމަ ބަލާލުމުގެ ނަސީބު ލިބެނީ ވެރިރަށް މާލޭގެ ރައްޔިތުންނަށެވެ. އަތޮޅު ތެރޭގެ ރަށްތަކުގެ ރައްޔިތުންނަށް ފިލްމު ބަލާލުމުގެ ފުރުސަތު ލިބެނީ އެތައް ދުވަހެއް ފަހުންނެވެ. ކަން ވާނީ ވެސް އެހެންނެވެ. ނަމަވެސް މިއީ އަތޮޅު ތެރޭގެ ރައްޔިތުން ކުރާ ވަރަށް ބޮޑު ޝަކުވާއެކެވެ. ދިވެހި ފިލްމުތައް ބަލާލުމަށް ޝައުގުވެރިވާ އަތޮޅުތަކުގެ ރައްޔިތުންނަށް ކުރެވޭ ބޭ އިންސާފެކެވެ.

ނަމަވެސް އަންނަ މަހުގެ ދެވަނަ ދުވަހު ޕްރިމިއާކުރަން ނިންމާފައިވާ ފިލްމު، "މަލިކާ"ގެ ޓީމުން މިވަނީ އަތޮޅު ތެރޭގެ ރައްޔިތުންނަށް އުފާވެރި ހަބަރެއް ދީފަ އެވެ. މާލޭގައި ފިލްމު ޕްރިމިއާ ކުރާ ދުވަހު، އަތޮޅު ތެރޭގައި ވެސް އެ ފިލްމު ޕްރިމިއާ ކުރުމަށް އެ ޓީމުން ދަނީ މަސައްކަތް ކުރަމުންނެވެ.

ފިލްމުގެ މާކެޓިން ކަންތައްތަކާ ހަވާލުވެ ހުންނަ، ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) ބުނީ، މާލެއާ އެއް ދުވަހެއްގައި ހދ. ކުޅުދުއްފުށީގައި ވެސް ފިލްމު ޕްރިމިއާ ކުރުމަށް މިހާރު ހަަމަޖެހިފައިވާ ކަމަށެވެ.

ހދ. ކުޅުދުއްފުށީ ތިލަދެކުނު ސިނަމާގައި އެ ފިލްމު ދައްކަން ނިންމާފައި ވަނި މާޗް 2 އަދި 3ގަ އެވެ. އަދި ފިލްމަށް ޓިކެޓް މިހާރު ވިއްކަމުންދާއިރު، ޓިކެޓް ހޯއްދެވުމަށް 9527444 ނުވަތަ 9908809 ގުޅުމުން ލިބޭނެ ކަމަށް ނޫރު ބުންޏެވެ.

މިމަހުގެ ފަސް ވަނަ ދުވަހުން ފެށިގެން މަލިކާގެ ޓިކެޓް މާލޭގައި ވިއްކަމުންދާއިރު، އެ ފިލްމަށް ދަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. އެގޮތުން އޮލިމްޕަހުގައި ޖުމްލަ 20 ޝޯ ދައްކަން ހަމަޖެހިފައިވާ އިރު، ފަސް ޝޯގެ ގިނަ ޓިކެޓް މިހާރު ވަނީ ވިކިފަ އެވެ.

ޕްރިމިއާ ޝޯގެ ޓިކެޓް ވިއްކާނީ 200 ރުފިޔާ އަށެވެ. ދެން ހުރި ޝޯތަކުގެ ޓިކެޓް ވިއްކާނީ 100 ރުފިޔާ އަށެވެ.

ނޫރު ބުނީ، ޏ. ފުވައްމަލަކު އަދި އައްޑޫ ފަދަ ބޮޑެތި އާބާދީ އޮންނަ ރަށްރަށުގައި މާލެއާ އެއް ދުވަހެއްގައި މަލިކާ ޕްރިމިއާ ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަށް ރަށުގައި ފިލްމު އަޅުވަން ބޭނުންވާ ފަރާތްތަކުން ފިލްމުގެ ފޭސްބުކް ޕޭޖަށް މެސެޖެއް ނުވަތަ 7447555 އަށް ގުޅުމަށް އެދޭ ކަމަށް ނޫރު ބުންޏެވެ.

ބިންމާ އިބްރާހީމް ވަހީދުގެ އަސަރުގަދަ ސްކްރީންޕްލޭ އަކަށް، ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" އަކީ ރާއްޖޭގައި މިހާރު ފާހަގަވެފައިވާ ބޮޑު އިޖްތިމާއީ މައްސަލައެއްގެ މައްޗަށް ހަދާފައިވާ ބޮޑު ކާސްޓެއް ހިމެނޭ ފިލްމެކެވެ.

އެގޮތުން، އަލީ މުސްތަފާ (ސެމީ) އާއި މޫމިން ފުއާދު އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ) ޑައިރެކްޓްކޮށްފައިވާ ފިލްމު މަލިކާގެ މައި ރޯލުން ފެނިގެންދާނީ ކުރީގެ މަޝްހޫރު ފިލްމީ ތަރި އިސްމާއިލް ޒާހިރާއި ފިލްމީ ދާއިރާއަށް މުޅިން އަލަށް ނުކުންނަ މޫނެއް ކަމަށްވާ، ނުޒުހަތު ޝުއެއިބު (ނުޒޫ) އެވެ.

އޭގެ އިތުރުން، ފިލްމުގައި އަލީ އާޒިމް (ދޮން އައްޔަ) އާއި މިއަހަރުގެ ގައުމީ ފިލްމު އެވޯޑްސްގެ އެންމެ މޮޅު ސަޕޯޓިން އެކްޓުރެސްގެ އެވޯޑް ހޯދި ޒުވާން ބަތަލާ ފާތިމަތު އަޒީފާ (އަޒޫ)، ޖުމައްޔިލް ނިމާލް އަދި އަހުމަދު ޝާކިރު (ޝާކް އައްމަޑޭ)ގެ އިތުރުން އަހުމަދު އާސިމް އަދި ނީނާ ސަލީމް ފެނިގެންދާނެ އެވެ.

comment ކޮމެންޓް