ފިލްމް "މަލިކާ"ގެ ހާއްސަ ޕްރޮމޯޝަނެއް

މަލިކާ ފިލްމު އިޝްތިހާރު ކުރުމަށް ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ޕޯސްޓަރެއް --- ފޮޓޯ/ މަލިކާ ފޭސްބުކް ޕޭޖް

ބިންމާ އިބްރާހީމް ވަހީދުގެ ސްކްރީންޕްލޭ އަކަށް ލިލީގެ ޗެއާމަން މައްލާ ނާސިރު (މައްލާ ނާބެ) އާއި އިބްރާހިމް ރަޝީދު (މަހުރަބު އިއްބެ) ޕްރޮޑިއުސްކޮށްފައިވާ "މަލިކާ" ޕޮރްމޯޓު ކުރުމުގެ ގޮތުން ހާއްސަ ޕްރޮމޯޝަންއެއް ފަށައިފި އެވެ.

ފިލްމުގެ މާކެޓިންގެ ކަންތައްތަކާ ހަވާލުވެ ހުންނަ، ޕްރޮޑިއުސަރު އަދި އެކްޓަރު ހުސައިން ނޫރައްދީން (ނޫރު) "ސަން" އަށް ބުނީ ހާއްސަ ފޮޓޯ ކޮންޓެސްޓެއް ވަނީ ފަށަފައި ކަމަށެވެ.

އެގޮތުން ފިލްމުގެ ޕޯސްޓަރެއް ނުވަތަ ފިލްމުގެ އިޝްތިހާރެއްގެ ކައިރީގައި ހުރެގެން ނަގާފައިވާ ފޮޓޯއެއް "މަލިކާ"ގެ އިންސްޓާގްރާމްގެ ޕޭޖަށް ފޮލޯކޮށް ފޮނުވުމުން އެންމެ ކަމުދާ ފޮޓޯތަަކަށް ދެދުވަހުން އެއްދުވަހު ފިލްމުގެ ތިން ޓިކެޓް ލިބޭނެެ ކަމަށް ނޫރު ބުންޏެވެ.

"މާލޭގެ އެކި އެކި ސަރަހައްދުތަކުގައި ހުންނާނެ ފިލްމުގެ ޕޯސްޓަރުތައް. އެއިން ޕޯސްޓަރެއްގެ ގާތު ހުރެގެން ނަގާ ފޮޓޯއެއް އަޅުގަނޑުމެންގެ "މަލިކާ" ފިލްމުގެ އިންސްޓާގްރާމް ޕޭޖަށް ފޮނުވުމުން އެންމެ ކަމުދާ ފޮޓޯ ފޮނުވާ ފަރާތަކަށް ދެދުވަހުން އެއްދުވަހު މިލިބެނީ ފިލްމުގެ ތިން ޓިކެޓް. އެގޮތަށް އަދި ވެސް ތަފާތު ޕްރޮމޯޝަންތައް އެބަހުރި،"ނޫރު ބުންޏެވެ.

ފިލްމު "މަލިކާ"ގެ މަންޒަރެއްގައި ނުޒޫ އަދި ކޯ ސްޓާޜު ޖުމައްޔިލް ---

ސޯޝަލް މީޑިއާ މެދުވެރިކޮށް ކުރިޔަށްދާ މި ޕްރޮމޯޝަން ކުރިޔަށްދާނީ މިއަދުން ފެށިގެން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށެވެ.

އަންނަ މަހުގެ އަށް ވަނަ ދުވަހު ސްކްރީނަށް އަންނަ "މަލިކާ"ގެ ޓިކެޓް ވެސް ވަރަށް ފޯރިއާ އެކު ވިކެމުންދާ ކަމަށާއި ފުރަތަމަ ފަސް ޝޯގެ ގިނަ ޓިކެޓްތަކެއް ވިކިފައިވާ ކަމަށް އޭނާ ބުންޏެވެ.

ޖުމްލަ 20 ޝޯ ދައްކާ ގޮތަށް ހަމަޖެހިފައިވާ "މަލިކާ" ރިލީޒް ކުރުމުގެ ކުރިން ތާފާތު ގޮތްގޮތަށް ފިލްމް ޕްރޮމޯޓު ކުރާނެ ކަމަށް ނޫރު ބުންޏެވެ. އެގޮތުން އަންނަ ހަފްތާގެ ތެރޭގައި ވެސް ފިލްމުގެ އާ ޕްރޮމޯޝަނެއް ހުޅުވާލާނެ ކަމަށާއި ވަރަށް އަވަހަށް "މަލިކާ"ގެ އާ ޓްރެއިލާއެއް ވެސް ނެރޭނެ ކަމަށް އެނާ ބުންޏެވެ.

comment ކޮމެންޓް