މިހާރު އެންމެ ގިނަ ދިވެހީން އިންތިޒާރު ކުރަމުން އަންނަ ފިލްމު 'ދެވި'ގެ އޮންލައިން ޓިކެޓު ބުކިންއަށް ހުޅުވާލައިފިއެވެ.
ހުސައިން ހާޒިމު (ސޭންޑީ) ޑައިރެކްޓު ކުރާ މި ފިލްމުގެ ޓިކެޓް ބުކްކުރުމަށް ޖެހެނީ، 7424544އަށް ވައިބާ ކުރާށެވެ.
ބިރުވެރި ހާދިސާތަކެއް ދައްކުވައިދޭ މި ފިލްމުގެ ޓްރެއިލާއަށް ވެސް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. މިގޮތުން، މިހާތަނަށް ދެ މިލިއަނަށް ވުރެ ގިނަ ވިއުސް ލިބިފައިވެއެވެ.
މި ފިލްމުގެ ޓްރެއިލާއިން، ބިރުވެރިކަމާއި ސަސްޕެންސްގެ އިތުރުން އަސަރުގަދަ ލޯބީގެ މަންޒަރުތަކެއް ދައްކުވައިދެއެވެ.
'ދެވި'ގެ ވާހަކަ ބިނާވެފައިވަނީ ޢާއިލާއަކަށް ދިމާވާ ރޫޙާނީ ނުރައްކާތެރި ކަންތައްތަކަކުން ސަލާމަތްވުމަށް ކުރާ މަސައްކަތްތަކުގެ މައްޗަށެވެ. މި ޓްރެއިލާއެކު، ގިނަ ބަޔަކު މިހާރު ކެތްމަދު ވެފައި ވަނީ، ފިލްމު ބަލައިލާން ލިބޭނެ ދުވަހަކަށެވެ.
އަންނަ މަހު 26ގައި އަޅުވާ މި ފިލްމު ޝޫޓުކޮށްފައި ވަނީ ގިނަ ފަންނާނުންތަކާ އެކީގައެވެ. މިގޮތުން، ލީޑު ރޯލުން ފެންނާނީ، ދެވިގެ ޕްރޮޑިއުސަރު މަރިޔަމް އައްޒައެވެ. އިތުރު ލީޑުތަކުން ޝަރަފް ޢަބްދުﷲއާއި މުޙައްމަދު މަނިކާއި އިސްމާޢީލް ރަޝީދު (ކޮޕީ އިއްސެ)އާއި އަޙްމަދު ނިމާލާއި އަޙްމަދު ސަޢީދާއި ރިޝްމީ ރަމީޒް ފެންނާނެއެވެ.
މީގެއިތުރުން، ޢާމިރާ އިސްމާޢީލާއި ޢާމިނަތު ރަޝީދާ (އައިންތު)އާއި އަޙްމަދު ރިޝްވާންއާއި އަޙްމަދު އީސަ (އާނަންދު)އާއި ޢާއިޝަތު ރާއިޝާއާއި މަލީހާ ވަލީދު (މަލް)ގެ އިތުރަށް އަލަށް މި ދާއިރާއަށް ތައާރަފުކުރާ ހަމްދާން ސަލީމް ވެސް ދެވިން ފެންނާނެއެވެ.
މި ފިލްމުގެ ސްކްރިޕްޓް ލިޔެފައިވަނީ ސޭންޑީއާއި ޝަހުދާ މަހުމޫދު ގުޅިގެންނެވެ.