ޝަހޫއާއި ޝަރަފް ހެދި ޕްރޮޑަކްޝަނުގެ ފުރަތަމަ އުފެއްދުން 'ބޭނުން' ސީރީޒް މީޑިއާނެޓަށް

ޓީވީ ޕްރެޒެންޓަރު އަދި ދިވެހި ފިލްމު ޑައިރެކްޓަރު ޝަހުދާ މަހުމޫދު (ޝަހޫ)އާއި ދިވެހި ފިލްމީ ތަރި ޝަރަފުއްދީން އަބްދުﷲ ހެދި ޕްރޮޑަކްޝަން ކުންފުނި ކަމަށްވާ 'ހައުސް އޮފް ސްޓޯރީ ޓެލާޒް'ގެ ފުރަތަމަ އުފެއްދުން މިއަދު މީޑިއާނެޓުގައި ދައްކަން ފަށަން ނިންމައިފިއެވެ.

'ބޭނުން' ނަމުގައި ދައްކަން ފެށި މި ސީރީޒަކީ ޝަހުދާ ލިޔެ، ޑައިރެކްޓުކޮށްފައިވާ ލޯބީގެ މަޖާ ސީރީޒެކެވެ.

މީޑިއާ ނެޓުގެ އޮރިޖިނަލެއްގެ ގޮތުގައި ގެނެސްދޭ މި ސީރީޒްގެ ލީޑް ރޯލުތަކުން ފެންނާނީ، ޝަރަފްއާއި ވާޝިއާ މުހައްމަދެވެ. އެހެނިހެން ރޯލުތަކުން، އައިމިނަތު ޝުހާއާއި ހާފިޒް މުހައްމަދާއި އަލަށް މި ދާއިރާއަށް ތައާރަފުވާ ކުޑަކުއްޖެއް ކަމަށްވާ މާއިޝް އިސްމާއިލް ނިޔާޒް ފެންނާނެއެވެ.

މި ސީރީޒް އާންމުންނަށް ފެންނާނީ، މީޑިއާ ނެޓުގެ ވީޑީއޯ ކުލަބުންނެވެ.

މި ފިލްމުގެ ސިނެމަޓޯގްރަފީގެ މަސައްކަތް ކުރީ ސިނެޓޯން އިންނެވެ. ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ކުރީ ސިނެޓޯން އަދި ހައުސް އޮފް ސްޓޯރީޓެލާސް އިންނެވެ.

ޕްރޮޑަކްޝަނެއް އަލަށް ހެދި ނަމަވެސް، މީގެ ކުރިން ވެސް ޝަހުދާ ފިލްމުތަކުގެ ސްކްރިޕްޓުތައް ލިޔެ، ޑައިރެކްޓުކޮށްފައި އެބަހުއްޓެވެ.

އޭނާ ސްކްރިފްޓު ލިޔެދިން ފިލްމުތަކުގެ ތެރޭގައި ބިބީ، އަލްވަދާއު، ރޯލީމޭ ހިމެނެއެވެ.

comment ކޮމެންޓް